ބޭރު ކުޅިވަރު

ޔުވެންޓަސް ހުއްޓުވައި އިންޓަ އެއް ވަނައިގައި

Dec 10, 2017

އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާ އެއްވަރުކޮށް، އިންޓަ މިލާންއިން ތާވަލުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

ރޭގެ މެޗުން ޔުވެންޓަސް މޮޅުވިނަމަ، އެ ޓީމަށް ތާވަލުގެ އެއް ވަނަ އަށް އެރުނީހެވެ. ނަމަވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ޔުވެންޓަސްއަށް ޖެހުނީ ތިން ވަނައިގައި އޮންނާށެވެ. މެޗުގައި އިންޓަ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑާނޮވިޗް އެވެ.

އޭނާ ވަނީ މެޗުގައި ޔުވެންޓަސްއިން ފޮނުވަލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. މެޗުގައި ޔުވެންޓަސް ވަނީ އިންޓަގެ ގޯލާ އަމާޒުކޮށް 19 ހަމަލާއެއް އުފައްދާފަ އެވެ. ޔުވެންޓަސްގެ މާރިއޯ މަންޒޫކިޗް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ، ގޯލް ދަނޑިއެވެ.

މެޗު އިންޓައިން ފެށީ ރަނގަޅު މޫޑެއްގައެވެ. ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެން މަސައްކަތް ކުރި އެވެ. ނަމަވެސް ނުވަ ވަނަ މިނެޓްގައި ޔުވެންޓަސްއިން ލަނޑެއް ޖާހަފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. އިންޓަގެ ޑިފެންސުންގެ ތެރެއިން ހުއާން ކްއެޑްރާޑޯ އަށް ލިބުނު ޖާގައިން އޭނާ ފޮނުވާލި ބޯޅަ ހުށިޔާރު ކާއެކު ހަންޑާނޮވިޗް ސޭވް ކުރި އެވެ.

މި ސީޒަންގެ އިޓާލިއަން ލީގްގައި އަދި މިހާތަނަށް އިންޓަ ބަލިވެފައެއް ނުވެއެވެ. ނަމަވެސް ލީގް ތާވަލުގެ އެއް ވަނަ މަގާމު މިރޭ އެ ޓީމަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. މިރޭ ފިއޮރެންޓީނާ އާ ދެކޮޅަށް ތާވަލުގެ ދެ ވަނައިގައި އޮތް ނަޕޮލީ ކުޅޭ މެޗުން މޮޅުވެގެން، އެ ޓީމަށް ތާވަލުގެ އެއް ވަނަ ލިބޭނެ އެވެ.

އިންޓައަށް ލިބިފައި ވަނީ 40 ޕޮއިންޓެވެ. ނަޕޮލީ އަށް 38 ޕޮއިންޓެވެ. ޔުވެންޓަސްއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ.