ރިޕޯޓް

މަޖިލީހުގެ ބައި-އިލެކްޝަންތައް ބާއްވާނެތަ؟

ރައީސް އަބްދުﷲ ޔާމީންގެ ބަހުރުވައިން ނަމަ "ބަގާވާތް" ކުރި ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް ބޮޑު އަދަބު ދީފައިވާ ކަން ޝައްކެއް ވެސް ނެތެވެ. އެމަނިކުފާނު މުޝްތަޝާރުކަން ކުރައްވާ ޕީޕީއެމް އިން އަންގައިގެން، އިލެކްޝަން ކޮމިޝަނުން އެ ހުރިހާ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅައި މިހާރު ނިންމައިފަ އެވެ.

ގާނޫނީ ގޮތުން ރާއްޖޭގެ އެންމެ ފުންނާބު އުސް އެތަށް ވަކީލުންތަކެއްގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ސުޕްރީމް ކޯޓުގެ ހުކުމެއް ތަރުޖަމާކޮށްލައި ގޮނޑި ގެއްލުވުމުގެ ބާރު އަމިއްލަ އަތަށް އިލެކްޝަން ކޮމިޝަނުން ނަގާ، ފަހަރަކު މެންބަރެއްގެ ދުވަސް ދުއްވާލީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި އެހާމެ އަވަސް ގޮތަކަށެވެ. ހަމަ ޕީޕީއެމް އިން އެންގި ގޮތެއް ހެޔޮވަރެވެ. އޯޑަރަކަށް ތަބާވުންހާ ފަސޭހަކޮށް އެކަން ކޮށް ނިންމާލައިފި އެވެ. މަޖިލީހުގެ މެޖޯރިޓި ވެރިކަން ކުރާ ޕީޕީއެމްއަށް ހޯދުމުގެ ފޯމިއުލާއަކީ މި އެވެ.

މެންބަރުންތަކެއްގެ ގޮނޑި ގެއްލި މަޖިލީހުގައި އެތަށް ދާއިރާއެއްގެ ރައްޔިތުންގެ އަޑު އިއްވާނެ މެންބަރެއް ނެތިފައިވާ އިރު، ބައި އިލެކްޝަން މަޑު ޖެހިފައި އޮތުމަކީ އެތައް ރައްޔިތުންނެއްގެ ކަނބޮޑުވުމެކެވެ. މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭގައި އިންތިހާބެއް ބާއްވާ މެންބަރުން ހޮވުމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް އެކަން އިލެކްޝަން އިން މިހާތަނަށް ނުކޮށް އޮތީ ކީއްވެ ހެއްޔެވެ؟ މުހިންމު ގާނޫނުތައް ފާސްކޮށް ބޮޑެތި އެއްބަސްވުންތައް މަޖިލީހުން ނިންމާއިރު މަޖިލީހުގެ 14 ޕަސެންޓް މެންބަރުންގެ ގޮނޑި ގެއްލި ރައްޔިތުންތަކެއްގެ އަޑު އިއްވުން ވަނީ މަޖިލީހުގައި ކަނޑާލައިފަ އެވެ. މި ގެއްލުވާލާފައި ވަނީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ކިހާ ބޮޑު ހައްގެއް ހެއްޔެވެ؟

ނަމަވެސް އިލެކްޝަން ކޮމިޝަންގެ އަމަލުތައް ހުރީ ވަރަށް ތަފާތުކޮށެވެ. ކަމެއް ނުކުރެވިގެން އުޅޭ ހެނެއް ހިއެއް ނުވެ އެވެ. އެބޭފުޅުން ތިއްބެވީ އެއަށް ވުރެ މާ ހަމަޖެހިގެން އެވެ. ބައި އިލެކްޝަންގެ ވާހަކައިން ސުވާލުކޮށްލާ ކޮންމެ ފަހަރަކު އިލެކްޝަންސްގެ ކޮމިޝަނަރުން އެ ސުވާލުތަކުން ޖަވާބު ނުދީ ބޯދަމައިގަންނަވަ އެވެ. ނޫނީ އެއްގޮތަކަށް ފޯނު ވެސް ނުނަންގަވަ އެވެ. މެންބަރުންތަކެއްގެ ގޮނޑި އެހާ އަވަސް އަރުވާލައިގެން ގެއްލުވާލި ބަޔަކަށް ބައި-އިލެކްޝަނެއް ނުބޭއްވެންވީ ސަބަބެއް އަޅެ އޮންނާނެ ހެއްޔެވެ؟

ބައި-އިލެކްޝަންތައް ނުބޭއްވޭ މައްސަލަގައި އިލެކްޝަން ކޮމިޝަނުން ދެއްކި ބަހަނާއަކީ އިންތިހާބެއް ބޭއްވޭ ވަރަށް ބަޖެޓެއް ނެތް ވާހަކަ އެވެ. ނަމަވެސް އެ "ބަހަނާ" ދައްކަން މިހާރު އީސީއަށް ޖާގަ އެއް ނެތެވެ. މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައި ބައި އިލެކްޝަންތަކަށް 26 މިލިއަން ރުފިޔާ ކަނޑައަޅާ އޮތީ ފާސްކޮށްފަ އެވެ. މި އަހަރު ކުރަން ހުރި ހަރަދުތައް ނުކުރެވިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައި ވަރަށް ސާފުކޮށް އެ އިންތިހާބަށްވީ ފައިސާ ހަމަޖައްސާފައިވާ އިރު އަހަރު ނިމިގެން ދާއިރު ބައި އިލެކްޝަނެއް ނުބާއްވަ އެވެ. މިހާރު ދެން މިއަހަރު ނިމުމުގެ ކުރިން ބައި-އިލެކްޝަނެއް ބެއްވޭނެ މުއްދަތެއް ވެސް ނެތެވެ. ނުވީތާކަށް އެ އިންތިހާބަށާއި ސަޕްލިމެންޓަރީ ބަޖެޓުގައި ކަނޑައެޅި ފައިސާއަށް ވީނުވީ ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.

މި އަހަރު ތެރޭގައި ބައި އިލެކްޝަން ބޭއްވުމުގެ ވިސްނުން އީސީ އިން ސަޕްލިމެންޓަރީ ބަޖެޓުގައި އެ އިންތިހާބަށް 26 މިލިއަން ރުފިޔާ ކަނޑައަޅަންވީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. އެ ނޫން ނަމަ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ވެސް ދާދި އެއް ދުވަސްވަރެއްގައި ފާސް ކުރި އިރު، އެ ބަޖެޓުގައި ބައި އިލެކްޝަންތައް ބާއްވަސް ފައިސާ ހިމަނާފައެއް ނެތެވެ.

އީސީ އިން ގޮނޑި ގެއްލުވާލާފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރަކު "އަވަސް"އަށް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓުގައި ބައި އިލެކްޝަންގެ ފައިސާ ހިމެނުމުގެ ބޭނުމަކީ މެންބަރުންތައް ބިރެއްގެ ތެރޭގައި މަޅީގައި ޖައްސާފައި ބޭތިއްބުން ކަމަށެވެ. އަދި އޭރު ސިޔާސީ ޕާޓީތަކަށް ހަމަ ނުޖެހިގެން އުޅުން ފައިސާތައް ދިނީ ސަޕްލިމެންޓަރީ ބަޖެޓުން ބައި އިލެކްޝަނަށް ކަނޑައެޅި ފައިސާއިން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ސަޕްލިމެންޓަރީ ބަޖެޓުގައި އެ އޮތީ ބައި އިލެކްޝަނަށް މިލިއަނުން ފައިސާ ޖަހާފައި، އެ ވީތަނެއް ކޮބައިތޯ ސުވާލު އުފައްދަން ޖެހޭ، އަހަރު ނިމިއްޖެ، ސަޕްލިމެންޓަރީ ބަޖެޓުގައި ފައިސާ ޖެހި ކަންކަން ކޮށް ނިންމަން ޖެހިފަ މިހާރު ހުންނާނީ، އެކަމަކު ބައި އިލެކްޝަނެއްގެ ވާހަކައެއް ނުދައްކާ، ބައި އިލެކްޝަން ގެއްލިއްޖެ، މިއީ މެންބަރުންނަށް ބިރު ދައްކާ ބޮޑު ބިރެއްގައި ތާށި ކުރުވާފައި ބަހައްޓަން ވެގެން ސަރުކާރުން ހިންގާ ޖަރީމާ،" އެ މެންބަރު ވިދާޅުވި އެވެ.

ބައި އިލެކްޝަންގެ މައްސަލާގައި އިލެކްޝަން ކޮމިޝަންގެ އަމަލުތައް މިހާރު ހުރި ގޮތާ މެދު ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވާ ގޮތުގައި އެ އިންތިހާބަކީ ސަރުކާރަށް މި ވަގުތު އޮތް ބަޮޑު ރިސްކެކެވެ. އެއީ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް، ބައި އިލެކްޝަނެއް ބާއްވައިގެން ނަތީޖާ ނިކުންނަ ގޮތުން މުޅި ސިޔާސީ މަސްރަހު އެފުށް މިފުށަށް ޖަހާލުމުގެ ފުރުސަތު އޮތުމުންނެވެ.

އެގޮތުން ސިޔާސީ އިދިކޮޅު ތިން ޕާޓީ އާއި ރައީސް މައުމޫންއާ ދެކޮަށް ރައީސް ޔާމީން ގިނިކަންޏާ ނިކުމެވަޑައިގަންނަވަން ޖެހޭ އިރު، އަނެއްކާ ވެސް ކައުންސިލް އިންތިހާބުގައި ނިކުތް ފަދަ ނަތީޖާއެއް ނިކުމެދާނެ ކަމުގެ ބިރު ސަރުކާރަށް އޮތީ އެވެ. އަދި އެ ރިސްކު ނަގަން ބޭނުން ނުވާނެ ކަމަށް ވެސް އެބޭފުޅާ ވިދާޅުވި އެވެ.

މިސާލަކަށް ބައި އިލެކްޝަން ބާއްވައި، މަޖިލީހުގައި ހުސްކޮށް ހުރި ގޮނޑިތައް އިދިކޮޅުން ކާމިޔާބުކޮށްފި ނަމަ ރައީސް ޔާމީން އަތުން މަޖިލީހުގެ މެޖޯރިޓީ ބޮޑުތަނުން ގެއްލުނީ އެވެ. އޭރުން އަނެއްކާ ވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި ނައިބު ރީކޯ މޫސާ މަނިކު ބޭރު ކުރާކަށް މާ ބޮޑު ހުރަހެއް ނޯންނާނެ އެވެ. އަދި ގާނޫނުތަކަށާއި ޖުޑިޝަލް ސާވިސް ކޮމިޝަނަށް އަންނަ ބަދަލުތަކުން ސިޔާސީ އޮއެވަރު ބަދަލުވުން އެކަށީގެންވެ އެވެ.

"އަޅުގަނޑަށް ބެލެވެނީ ޕީޕީއެމްއިން މިހާރު ކިތަންމެ ރަށަކަށް ގޮސް ކެމްޕެއިން ކުރިޔަސް އެއީ ހަމަ ދައްކާ ދަޅައެއް ކަން، ރިޔާސީ އިންތިހާބު މިހާހިސާބުގައި އޮއްވާ ބޮޑު ރިސްކެއް ނަގައިގެން މަޖިލީސް ކާޑު އަލުން ކުޅުއްވަން ރައީސް ޔާމީން ބޭނުމެއް ނުވާނެ،" ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ތެދެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅަށް ފަރާތްތަކަށް މަޖިލީސް ލިބުމަކީ، އިންތިގާލީ ކެނޑިޑޭޓެއް މެދުވެރި ނުކޮށް، ބައެއް ގާނޫނުތަކަށް ބަދަލު ގެނެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމްއަަށް އަދި އެހެން ވެސް އިދިކޮޅު ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ކޮށިގެންދާނެ މަގެކެވެ. އެހެންކަމުން ސުވާލަކީ އެފަދަ ރިސްކެއް ސަރުކާރުން ނަގާނެ ހެއްޔެވެ؟ ނޫނީ ބައި އިލެކްޝަން ބޭއްވުމޭ ކިޔައިގެން ދައްކަނީ ދަޅައެއް ހެއްޔެވެ؟

އިދިކޮޅު ފަރާތްތަކުން އީސީ ސިފަކުރަމުން އަންނަނީ ސީދާ ރައީސް ޔާމީންގެ އަމުރަށް ކިޔަމަންވާ ތަނެއްގެ ގޮތުގަ އެވެ. ނަމަވެސް އިންތިހާބެއްގައި ރައްޔިތުން ދޭ ވޯޓެއްގެ ނަތީޖާ އަނބުރާލަން ނުފޫޒު ނުފޯރުވަން އުނދަގޫ ވާނެކަން އިދިކޮޅު ގިނަ މެންބަރުން ވަނީ ކައުންސިލް އިންތިހާބާ ހަމައިން ގަބޫލުކޮށްފަ އެވެ. އެހެންކަމުން ބައި އިލެކްޝަންގެ ނަތީޖާ ވެސް އެފަދަ ގޮތަކަށް ދިޔުމުގެ ފުރުސަތު އޮއްވާ، އެފަދަ ވޯޓަކާ ހަމަޔަށް ފޯރަފާނެ ހެއްޔެވެ؟ މަޑު ކުރަނީ އިދިކޮޅު ކޯލިޝަން ރޫޅެން ދެން ހެއްޔެވެ؟ ނޫނީ މިއީ ދަޅައެއް ހެއްޔެވެ؟