އިންގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ޔުނައިޓެޑުގެ މައްޗަށް 1-2 ކުރިހޯދައި މެންޗެސްޓާ ސިޓީއިން ލީގު ތާވަލުގެ އެއްވަނަ މަގާމުގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ. މިމޮޅާއެކު ސިޓީ އަދިވެސް އޮތީ ލީގުގައި ބަލިނުވެ އެވެ. ލީގުގައި ޖެހިޖެހިގެން 14 މެޗު އެޓީމުން ކާމިޔާބުކުރިއިރު ސިޓީ މިވަނީ ޔުނައިޓެޑު އަމިއްލަ ދަނޑުގައި ބަލިނުވެ އޮތް 40 މެޗަށް ނިމުންވެސް ގެނެސްފަ އެވެ.
މުޅި މެޗުވެސް ގިނަ ވަގުތު ކޮންޓްރޯލްކޮށްގެން މޮޅު ކުޅުމެއް ދެއްކި ސިޓީގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ ފުރަތަމަ ހާފްގެ 43 ވަނަ މިނިޓުގަ އެވެ. ސިޓީއަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް ނެގި ބޯޅަ ޔުނައިޓެޑުގެ ފޯވާޑް ލުކާކޫ ބޮލުން ސާފުކޮށްލަން މަސައްކަތްކުރި ބޯޅަ ވެއްޓުނީ ޔުނައިޓެޑުގެ ގޯލް ކުރިމަތީގައި ހުރި ޑޭވިޑް ސިލްވާ އަށެވެ. ސިލްވާއަށް ބޯޅަ ލިބުނުއިރު އެޝްލީ ޔަންގް ޔުނައިޓެޑުގެ ހުރިހާ ކުޅުންތެރިންނަށްވުރެ ފަހަތުގައި ހުރުމުން ސިލްވާ އޮފްސައިޑެއް ނުވި އެވެ. ސިލްވާ ވަނީ ފަސޭހަކަމާއެކު އެބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.
މުޅި ޓީމު ފަހަތަށް ޖައްސައިގެން ކުޅެމުން އައި ޔުނައިޓެޑަށް ސިޓީ ގޯލެއް ޖެހުމާއެކު ކުރިއަށް ޖެހެން މަޖުބޫރު ވިއެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޯށްދިނީ ފޯވާޑް މާކަސް ރަޝްފޯޑް އެވެ. އަރިމަތިން ނަގައިދިން ހުރަހެއް ސިޓީގެ ފަބިއަން ޑެލް ކުރިމަތީގައި ފެނު ޖެހިފައި ލިބުނީ އޭނާގެ ފަހަތުގައި ހުރި ރަޝްފޯޑް އަށެވެ. ރަޝްފޯޑް ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ގޯލްގެ ދުރު ކަނަށް ތިރިތިރިން ފޮނުވާލާފަ އެވެ.
މޮޅު ކުޅުމެއް ދައްކަމުން އައި ސިޓީއިން މެޗުގެ ލީޑު އަލުން ނެގީ ދެވަނަ ހާފްގެ ނުވަ ވަނަ މިނިޓުގަ އެވެ. ސިޓީގެ ކުޅުންތެރިޔަކު ހިލޭ ޖެހުމަކުން ނަގައިދިން ހުރަސް އެރިޔާ ތެރެއިން ލުކާކޫ ސާފުކޮށްލަން ފޮނުވާލި ބޯޅަ ޔުނައިޓެޑުގެ ޑިފެންޑަރު ސްމޯލިން ބުރަކަށީގައި ޖެހިފައި ލިބުނީ ސިޓީގެ ޑިފެންޑަރު އޮޓަމެންޑީ އަށެވެ. އޭނާ ވަނި އެއްފަހަރުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. މިގޯލަކީ ސިޓީގެ ފުރަތަމަ ގޯލާއި ދާދަ އެއްގޮތް ގޯލެކެވެ. ސިޓީއިން މެޗުގައި ކާމިޔާބުކުރި ދެލަނޑުގައިވެސް ޔުނައިޓެޑުގެ ފޯވާޑް ލުކާކޫގެ ދައުރު ބޮޑެވެ.
މެޗުގެ ފަހުކޮޅު ޔުނައިޓެޑުން ޓީމު ކުރިއަށް ޖަެހިގެން ކުޅެ ނަތީޖާ އެއްވަރުކުރުމާއި ގާތަށް ޖެހިލި އެވެ. ނަމަވެސް އަރިމަތިން ތިރިން ނަގައިދިން ހުރަހެއް ލުކާކޫ އެއްފަހަރުން ފޮނުވާލި ނަމަވެސް ސިޓީގެ ކީޕަރު އެޑަސް ވަނީ ދިފާއުކޮށްފަ އެވެ. އެޑަސަން ސޭވް ކުރި ބޯޅަ ލިބުނީ ޔުނައިޓެޑުގެ މެދުތެރެއަށް ކުޅޭ ސްޕެއިން ކުޅުންތެރިޔާ މާޓާ އަށެވެ. އޭނާ ފޮނުވާލި ހަމަލާވެސް އެޑަސަން ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.
އިންގިރޭސި ލީގު ތާވަލުގައި ސިޓީ އެއްވަނަ މަގާމުގައި އޮތީ 16 މެޗުން 46 ޕޮއިންޓާއެކު އެވެ. ޔުނައިޓެޑު ދެވަނަ މަގާމުގައި އޮތީ 35 ޕޮއިންޓާއެކު އެވެ. ތިންވަނަ މަގާމުގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމު ވަނީ ވެސްޓް ހާމް އަތުން 0-1 ބަލިވެފަ އެވެ. ހަތަރުވަނަ މާގާމުގައި އޮތީ ލިވަޕޫލް އެވެ. އެޓީމު ވާދަވެރި އެވަޓަން އާއި ބައްދަލުކުރި މެޗުގައި އަމިއްލަ ދަނޑުގައި އެއްވަރުވުމާއެކު އެޓީމަށް މިހާރު ލިބިފައިމިވަނީ 30 ޕޮއިންޓެވެ.