ހަބަރު

އަޅުގަނޑަކީ ހުދުވަލުގެވެރިޔާ، ކޮރަޕްޝަނުގެ އިނގިލި ދިއްނުކުރެވޭނެ: އުމަރު

  • ހަރަދުތައް އެޕްރޫވް ކުރީ އަޅުގަނޑެއް ނޫން
  • ޒިންމާ ނަގަން ޖެހޭނީ މިނިވަން 50 އޮފީހުން
  • އޮޑިޓްގައި އެއްވެސް ކަމެއްގެ ތުހުމަތު އަޅުގަނޑަށް ނެތް

އޭނާއަކީ "ހުދުވަލުގެ ވެރިޔާ" ކަމަށާއި ކޮރަޕްޝަނުގެ އިނގިލި ދިއްކޮށް އެކަން އޭނާގެ މައްޗަށް ސާބިތުކުރެވޭނެ އެއްގޮތް ވެސް ނޯންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ 2015 އަހަރުގެ އޮޑިޓް ރިޕޯޓުގައި މިނިވަން 50ގެ ހަރަކާތްތަކަށް ހަރަދުކުރުމުގައި މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައާ ހިލާފަަށް އަމަލުކޮށްފައިވާ މައްސަލަތަކެއް ފެންމަތިކޮށްފައިވުމުން އެކަމާ ގުޅިގެން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، އެ ހަރަދުތަކާ ގުޅިގެން އެކަމުގައި އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތް ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި، އެ ހަރަދުތައް ކުރީ ރައީސް އެކުލަވާލެއްވި މިނިސްޓަރުންގެ ކޮމިޓީއެއް އެކުލަވާއި އެކަމަށް ރައީސް އުފެއްދެއްވި ހާއްސަ އޮފީހެއްގެ ބެލުމުގެ ދަށުން އެވެ. އަދި އެއީ އޭނާ ހުއްދަ ދީގެން ކޮށްފައިވާ ހަރަދުތަކެއް ނޫން ކަމަށެވެ.

"މިނިވަން 50ގެ ކަންކަން ކުރިއަށް ގެންދިޔައީ ރައީސް އެކުލަވާލި މިނިސްޓަރުންގެ ކޮމެޓީއެއްގެ ދަށުން، އެކަމަކީ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުން ކުރަމުން ދިޔަ ކަމެއް ނޫން ހަމައެކަނި، ހޯމް މިނިސްޓަރަކީ އެ ކޮމެޓީގެ ޗެއާމަން، އެކަމަށްޓަކައި ރައީސް ވަކި އޮފީހެއް ވެސް މިނިވަން 50 އޮފީސްގެ ނަމުގަ އުފެއްދި، ގާނޫނީ ބާރު ލިބިފައިވާ އޮފީހެއް އެއީ،" އުމަރު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން އަޅުގަނޑުގެ ދުޝްމަނުންތައް އެބަތިބޭ، އެހެންވީމަ ސިޔާސީ ގޮތުން އެކަން (ކޮރަޕްޝަންގެ ތުހުމަތު) ކުރެވިދާނެ، އެކަމަކު އަޅުގަނޑު ކޮރަޕްޝަން ހިންގި ކަމަށް ބުނެ އިނގިލި ދިއްކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ
އުމަރު ނަސީރު ކުރީގެ ހޯމް މިނިސްޓަރު

އުމަރު ވިދާޅުވީ، އެކަމަށް އެކުލަވާލި އެ އޮފީހުގައި އޮޑިޓް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބޭފުޅުން ތިއްބެވި ކަމަށާއި ކަންކަން ކުރަމުން ދިޔައީ އެ ބޭފުޅުނަށް ލިޔުން ދަންނަވާ ހިއްސާކުރަމުން ކަމަށެވެ. މިނިވަން 50ގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ މިނިސްޓަރުންގެ ކޮމެޓީ އާއި މިނިވަން50ގެ އޮފީހުގައި ތިއްބަވައި އޭސީސީ އާއި އޮޑިޓް އޮފީހުގެ ބޭފުޅުންގެ ބެލުމުގެ ދަށުން އެ ބޭފުޅުންގެ ހުއްދައާއެކުކަން އުމަރު ފާހަގަކުރެއްވި އެވެ.

"އޮޑިޓް ރިޕޯޓްގަ ފާހަގަކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ މަދުވެގެން ދެ މިނިސްޓަރުން އެޕްރޫވް ނުކުރާ އެއްވެސް ކަމެއް، އެއް މިނިސްޓަރަކަށް ހުންނަވާނީ ފިނޭންސް މިނިސްޓަރު އެޕްރޫވް ކުރައްވާއިރު، ކޮންމެ ކަމަކީ ވެސް އޭސީސީ މޭޒާއި އޮޑިޓް މޭޒާ މަޝްވަރާކޮށްގެން ނިންމާފައިވާ ކަންކަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، މިނިވަން 50ގެ ހަރަކާތްތަކާ ގުޅޭ ގޮތުން އޮޑިޓް އޮފީހުގެ ރިޕޯޓުގައި އޭނާއަށް އެއްވެސް ތުހުމަތެއް ނެތް ކަމަށާއި އެހެން އެއްވެސް މިނިސްޓަރެއްގެ މައްޗަށް ވެސް ތުހުމަތެއް ނެތް ކަމަށެވެ. އެ ރިޕޯޓްގައި އޭނާގެ ނަން ބަޔާންކޮށްފައިނުވަނީ އެއީ ހޯމް މިނިސްޓަރު ޒިންމާ ނަގަންޖެހޭ ކަމަކަށް ނުވާތީ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެފަދަ ތުހުމަތެއް އަޅުގަނޑަށް ނުވެސް ކުރެވޭނެ، އަޅުގަނޑަކީ ހުދުވަލުގެ ވެރިޔާ، ސިޔާސީ ގޮތުން އަޅުގަނޑުގެ ދުޝްމަނުންތައް އެބަތިބޭ، އެހެންވީމަ ސިޔާސީ ގޮތުން އެކަން ކުރެވިދާނެ، އެކަމަކު އަޅުގަނޑު ކޮރަޕްޝަން ހިންގި ކަމަށް ބުނެ އިނގިލި ދިއްކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފާހަގަކުރި މިނިވަން 50ގެ ހަރަކާތްތަކަށް 70 އެތައް މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ "ދަ ޕްރޮޖެކްޝަން ސްޓޫޑިއޯ"އަށް މިނިވަން 50ގެ ހަރަކާތުގެ ބައެއް މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ ފައިސާ ވަރަށް ބޮޑަށް އިސްރާފުވެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.