ޗެމްޕިއަންސް ލީގުގެ ދިފާއީ ޗެމްޕިއަން ރެއާލް މެޑްރިޑް މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ އާ ދެކޮޅަށް ނިކުންނަން ޖެހިއްޖެ އެވެ. އިންގިރޭސި ޗެމްޕިއަން ޗެލްސީ ވާދަކުރަން ޖެހެނީ ބާސެލޯނާއާ ދެކޮޅަށެވެ.
އިނގިރޭސި ފަސް ޓީމު ގަދަ 16 އަށް ކޮލިފައިވި އިރު ޗެލްސީއަށް ލައްވާލީ އެންމެ އުންދަގޫ މެޗެވެ. ބާސާ އާއި ޗެލްސީ އެންމެ ފަހުން ބައްދަލުކުރީ 2012 ވަނަ އަހަރު ސެމީ ފައިނަލްގަ އެވެ. އެފަހަރު ޗެލްސީ ވަނީ ބާސާ ބަލިކޮށް ފައިނަލްގައި ބެޔާން މިއުނިކްގެ މައްޗަށް ކުރިހޯދައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ތޭރަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުން އަންނަ ރެއާލް ނިކުންނަނީ ޕީއެސްޖީއާ ދެކޮޅަށެވެ. ރެއާލް މެޑްރިޑް އަކީ ފާއިތުވެދިޔަ ދެއަހަރުގެވެސް ޗެމްޕިއަން އެވެ. ގްރޫޕް ސްޓޭޖުގައި ރެއާލް މިފަހަރު ނިންމާލީ ދެވަނަ މަގާމުގަ އެވެ. އެގްރޫޕްގެ އެއްވަނަ މަގާމު ހޯދީ އިންގިރޭސި ކްލަބް ޓޮޓެންހަމް އެވެ.
ޓޮޓެންހަމްއަށް ބަލާއިރު އެ ޓީމަށްވެސް މިއޮތީ ވަރުގަދަ މެޗެކެވެ. ޓޮޓެންހަމްއާ ދެކޮޅަށް ވާދަކުރާނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އެވެ. ޔުވެންޓަސް އަކީ އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ރެއާލް އާއި ދެކޮޅަށް ވާދަކުރި ޓީމުވެސް މެއެވެ.
އިނގިރޭސި ލީގުގެ އެއްވަނަ މަގާމުގައި މިހާރު ބޮޑު ލީޑެއްގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ ނިސްބަތުން ފަސޭހަ މެޗެކެވެ. ސިޓީ ނިކުންނާނީ ސްވިޒަލެންޑްގެ ބަސެލްއާ ދެކޮޅަށެވެ. ލިވަޕޫލް، ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް ނިކުންނައިރު މެންޗެސްޓާ ޔުނައިޓެޑު ކުޅެން ޖެހެނީ ސްޕެއިންގެ ސެވިޔާއާ ދެކޮޅަށެވެ.
ޔުކްރެއިންގެ ޗެމްޕިއަން ސަކްތާ ޑޮނެޓްސްކް ބައްދަލުކުރަން ޖެހެނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަންގެ ބެޔާން މިއުނިކް ވާދަކުރަން ޖެހެނީ ތުރުކިގެ ޗެމްޕިއަން ބެސިކްޓަސްއާ ދެކޮޅަށެވެ.
ގަދަ 16 ގެ ފުރަތަމަ ލެގް މެޗުތަށް ކުޅެވިގެންދާނީ ފެބްރުއަރީ 13/14 އަދި 20/21 ވަނަ ދުވަހު އެވެ. ދެވަނަ ލެގްގެ މެޗުތަށް ކުޅެވިގެންދާނީ މާޗް 6/7 އަދި 13/14 ވަނަ ދުވަހު އެވެ.