ވާހަކަ

މިންނުގެ ޑައިރީ

(10 ޑިސެމްބަރ 2017 އާ ގުޅޭ) -- އަހަރުމެން ދެ މީހުން އެކުގައި އައިސް ގޭގައި ހުރި ކުޑަކުޑަ ލައިބްރަރީއަށް ވަނީމެވެ. އެތަނުގައި ހުރި ލިޔާ މޭޒުދޮށުގައި ހައިކަލް ބުނި ފަދައިން ދެ ޒުވާނުން ތިއްބެވެ. އެމީހުންގެ ކުރިމަތީ ހުޅުވާލާފައި އޮތް ފައިލެއް އޮތެވެ. އެކަކު އިނީ ކައިވެނީގެ ފޯމު ހިފައިގެންނެވެ.

މޭޒު ދޮށުގައި އަހަންނާއި ހައިކަލް އިށީނުމާއެކު އައިސް ތިބި މީހުން އެ މީހުންނާ ހަވާލުވެފައިވާ މަސައްކަތް ފެށިއެވެ. ފުރަތަމަކަމަށްވީ ވަރި ސާބިތު ކުރުމެވެ. ރުޖޫޢަ ކައިވެންޏަކަށް ވާން ހައިކަލް ނޭދެއެވެ. އަލުން ކުރެވޭ ކައިވެންޏަކަށް ހެދުމަށް ޓަކައެވެ. ދެވަނަ ފަހަރަށް ކައިވެނި ކުރުމަށް ފޯމު ފުރުނެވެ. ރަނުގެ އަގު އަހަރެންގެ ގާތުގައި ހައިކަލް އެހިއެވެ. އަށާރައަހަރު ފަހުން އަހަރުމެން ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވީއިރު އަހަރެން ކުރީން ވެސް ހައިކަލްއާ ކައިވެނި ކުރާން ކީ ރަނުގެ އަދަދު އޮތް ގޮތަށް ބޭއްވީއެވެ. އެއީ އަށާރަ ރުފިޔާއެވެ. ރަނުގެ އަގާއި މެދު އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. ހިތާއި ސިކުނޑީގައިވަނީ އުމުރުގެ ބާކީ ދުވަސްތައް ހައިކަލްއާއެކު ހޭދަ ކުރުމެވެ. ހައިކަލްގެ ގާތުގައި ވުމެވެ. ހުރިހާ ކަމެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިމިއްޖެއެވެ. މޭޒު ދޮށުގައި ތިބި ދެ މީހުންނާއެކު ހައިކަލް ވެސް ގެއިންނުކުމެގެން ދިޔައެވެ.

ޖެހިގެން އައި ދުވަހު އަހަންނާއި ހައިކަލް ކޯޓަށް ހާޟިރު ކުރިއެވެ. ޤާޟީގެ ކުރިމަތީ ވަރި ސާބިތުކުރިއެވެ. އޭގެ އެއްދުވަސް ފަހުން އަލުން ކައިވެނި ކުރާން އެދި ފުރި ފޯމު ކޯޓަށް ފޮނުވާނެ ކަމުގައި ހައިކަލް ބުންޏެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު އަހަންނާއި ހައިކަލް ފިޔަވާ އިތުރު މީހަކަށް ނޭނގޭނެއެވެ. ގޭގައި އުޅޭ ހުސްނާއަށް ވެސް އަހަންނާއި ހައިކަލްއާ ދެމެދު އޮންނަ އެއްވެސް ކަމެއް އަންގާން އަހަރެންގެ ހިތް ބޭނުމެއް ނުވެއެވެ. ހަމައެއާއެކު އަހަރުމެންގެ ދެމެދުގައިވާ ސިއްރުތައް ޚުދު ހައިކަލް ވެސް ސިއްރުކުރިއެވެ.

މުޅިން އާ ދުވަހެކެވެ. އަހަރެންގެ ހިތް ނޭގޭ ބާރު މިނެއްގައި ތެޅެމުންދިޔައެވެ. ކޯޓުގައި ކައިވެނި ކުރާން ހަމަޖެހިފައި އޮތްއިރު އަހަރެން ތައްޔާރުވަމުން ދިޔައީ ހައިކަލްއާއެކު ކޯޓަށް ދިއުމަށެވެ. އެންމެ ފަހު ކަމަކަށް ދޯޕަށްޓާ ނަގައި ކަރުގެ ދެފަރާތުން ފުރަގަހަށް އެއްލުމަށްފަހު ކޮޓަރިން ނުކުތީމެވެ. ހެނދުނު ދިހައެއް ޖަހަނީއެވެ. ސޯފާގައި ޓީވީ ބަލަން އިން ހުސްނާއަށް އަހަރެން ފެނުމާއެކު ގޮވާލިއެވެ.

ހުސްނާ:"ހާދަ ރީއްޗޭ މިއަދު. ބޭރަށް ދާންތަ ތި އުޅެނީ"

ހުސްނާ އެހެން ބުނުމުން އަދިވެސް އެއްފަހަރު ހެދުން ރަނގަޅުކޮށްލެވުނެވެ. އަދި ލުއި ހިނިތުންވަކަމާއެކު ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. ނަސީބަކުން އިތުރު ސުވާލެއް ހުސްނާ ކުރުމުގެ ކުރީން ހައިކަލް ސިޑިން ފައިބާތަން ފެނުނެވެ. މަޑު ފެހި ކުލައިގެ ގަމީހަކާއި ގަދަ ކުލައެއްގެ ފަޓުލޫނުގައެވެ. ދިގު އަތްކުރި އޮތީ މުލައްދަނޑި ފެންނަ ގޮތަށް އެއްވަރަކަށް އޮޅާލާފައެވެ. އެ މޫނުމަތީން އުފާވެރިކަމުގެ ހިނިތުންވުން ފާޅުވެއެވެ. އަހަރެންގެ ގާތުގައި އައިސް ހުއްޓުލުމާއެކު ވަކިން ބޮޑަށް ހިނިތުންވެލިއެވެ. އަދި ހައިކަލް ދިއްކޮށްލި އަތުގައި އަހަރެން ހިފީމެވެ. ދެ މީހުން އެކުގައި ގެއިން ނުކުތީމެވެ.

ހައިކަލްގެ ރަތް ކާރުގައި ދެ މީހުން ކޯޓަށް މިސްރާބު ޖެހީމެވެ. އަހަންނާ ކައިވެނިކޮށްގެން އަހަރެން ގޮވައިގެން ހައިކަލްގެ ގެއަށް ބަދަލުވި ފަހުން އެ ރަތް ކާރު ދުށް މީ ފުރަތަމަ ފަހަރެވެ. މި ނޫނީ އެ ގޭގެ އުސްފާރުތަކުން ބޭރަށް އަހަރެން ނުވެސް ނުކުންނަމެވެ. ކާރުގައި އިން އިރު ދޭތެރެއަކުން ހައިކަލް އަހަރެންގެ އަތުގައި ހިފާލައެވެ. ނޫނީ ކޮނޑުގައި ފިރުމާލާނެއެވެ. އަހަންނެކޭ އެއްގޮތަށް އޭނާ ވެސް އެ އިނީ ހިސާބަކަށް ހާސްވެފައިކަން އެނގެއެވެ. ކޯޓުގެ ކައިރީ ޕާކުކުރާނޭ ތަނެއް ނޯންނާނޭކަން އެނގޭތީވެ ހައިކަލް ކާރު ޕާކުކުރީ ތަންކޮޅެއް ދުރުގައެވެ. އަދި ދެ މީހުން އެކުގައި ހިނގާލާފައި އައިސް ކޯޓަށް ވަންނަން ހުރީ ބޮޑު ދޮރޯށީން އެތެރެއަށް ވަނީމެވެ.

ކައިވެނި ކުރެވި ނިމުމާއެކު އަހަރުމެން ވަގުތުން ނުކުތީއެވެ. އަހަރުމެން ދެ މީހުންނަށް ތަހުނިޔާ ކިޔާކަށް ބަޔަކު ނެތެވެ. އެހެންވެ ތަހުނިޔާކީ އަހަރުމެން ދެ މީހުން އެކަކު އަނެކަކަށެވެ. ހިނިތުންވެ ތިބެއެވެ. ފުރަތަމަ ފަހަރަށް އަނތްބަކަށްވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. ލޯބިން ހައިކަލްގެ އަތުގައި ހިފާލީމެވެ. ހިތާ ހިތާ އެއީ އަހަރެންގެ ފިރިމީހާއޭ ބުނަމުންނެވެ.

އަހަރުމެން އެނބުރި ގެއަށް އައިއިރު އަހަރުމެން ދެ މީހުންނަށް ވެސް ބަދަލުތަކެއް އަތުވެއްޖެކަން ފެންނަ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެހެންވިޔަސް އެކަމަށް ފަރުވާލެއް ނެތެވެ.

ހައިކަލް:"މިންނު ބޭނުންތަ ތަނަކަށް ފުރައިގެންދާން. އަހަރުމެން ދެ މީހުން އެކަނި ވަގުތު ހޭދަކޮށްލަން"

އަހަރެންގެ އަތުގައި ހިފާލައިގެން ސިޑިން އަރަމުން ދިޔަ ހައިކަލް އަހާލިއެވެ. އޭނާ ބުނަން ބޭނުންވަނީ ކީކޭކަން އަހަރެންގެ ސިކުނޑި ދެނެގަތެވެ. ތަނަކަށް ދިއުމަށްވުރެ އަހަރެން ބޭނުންވީ ހައިކަލްއާއެކު ގޭގައި ވަގުތު ހޭދަ ކުރާށެވެ. އެހެންވެ ފޮރުވުމެއްނެތި އަހަރެންގެ ހިތުގައިވާ އެއްޗެއް ހައިކަލްއަށް ހާމަ ކުރީމެވެ.

ހައިކަލް:"އޯކޭ! މިންނު ބޭނުން ގޮތެއް"

އަހަރެންގެ ކޮޓަރިއާ އަރާ ހަމަވުމާއެކު ހައިކަލް ހުއްޓުނެވެ. އަދި އަހަރެންގެ ދެއަތްތިލައިގައި ހިފާލިއެވެ. ދެން ފެނުނީ ހައިކަލްގެ ބާރުގައި އަހަރެންގެ ދެއަތްތިލަ ގެންގޮސް އޭނާގެ މޭގައި ޖައްސާ ބާރުކޮށްލި ތަނެވެ.

ހައިކަލް: "މި ކޮޓަރި ގަނޑުގައި މިންނު އުޅޭކަށް އަހަރެން ބޭނުމެއްނޫން. މިވަގުތުން ފެށިގެން އަހަރެން ބޭނުންވަނީ އަހަރެންގެ ކޮޓަރިއަށް މިންނު ބަދަލުވާން. މި ކޮޓަރި އަބަދަށް ޓަކައި ބަންދުކުރާން. އަހަރެން ބޭނުމެއްނޫން މިންނު އަލުން މިކޮޓަރިއަށް ވަންނާކަށް"

ހައިކަލްގެ އެދުން ފުރިހަމަ ކޮށްދޭނަން ކަމަށް އަހަރެން އެއްބަސްވީމެވެ. ކޮޓަރިއަށް ވަދެ ހުރިހާ އެއްޗެއް ފޮށްޓަށް އަޅައި ތައްޔާރު ކުރަން ފެށީމެވެ. ތި އެކުވެރިޔާ ނަގައި ފޮށީގެ އެންމެ އަޑިއަށް ލީމެވެ. ހުރިހާ ކަމެއް ނިމުމުން ހައިކަލް އައިސް ފޮށި ހިފައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އިރުކޮޅަކު ދޮރުމަތީގައި މަޑުކޮށްލެވުނީ އެ ކުޑަ ކޮޓަރިއާ އަހަރެންގެ އެތައް ހަނދާންތަކެއް ގުޅިފައިވީމައެވެ. އެގެއަށް އައިތާ މަހެއް ވެސް ނުވަނީސް އަހަރެންގެ ހުރުމަށް އެގެއިން އަހަރެން ޚިޔާރު ކުރި ކޮޓަރިއަކީ އެއީއެވެ. އެހެން ހުއްޓާ ހައިކަލް ގޮވާލި އަޑު އިވުނެވެ. އެ ކޮޓަރީގެ ދޮރު ލައްޕާލާފައި އަހަރެން އައިސް ހައިކަލްގެ ކޮޓަރިއަށް ވަނީމެވެ. އެނދު މަތީ ފޮށި ބާއްވާ އޮތެވެ.

ހައިކަލް: "އޮފީސްކަމެއް ޖެހިގެން ދާން އެބަ ޖެހޭ. އަންނާނަން ވަރަށް އަވަހަށް. ލަންޗު ނަގާނީ ގެއިން. ހީވަނީ ދޭއްޖަހާކަން ހާއިރު ހެން އާދެވޭނީ. މިންނު ހަމަޖެހިލައިގެން ތިކަން ކޮއްލާ އިނގޭ. ކައިވެން ހުންނައްޗޭ"

ހައިކަލް ދެއްކި ވާހަކަތައް އަޑުއަހަން ހުރެފައި އަހަރެން ބޯޖަހާލީމެވެ. ހައިކަލް އަވަސް ހަރަކާތާއެކު އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދި ކޯތާފަތުގައި ބޮސްދިނުމަށްފަހު ފިރުމާލިއެވެ. ހިނިތުންވުމެއް ބަދަލުކޮށްލާފައި އޭނާ ނުކުމެގެން ދިޔައީއެވެ. އެ ކުޑަކުޑަ ހަރަކާތުން ވެސް އަހަރެންގެ ހިތް އަވަސްވިއެވެ. އަހަންނަކީ މިހާރު ހައިކަލްގެ ހަލާލު އަނބިމީހާއަށްވީއިރު ހައިކަލްގެ ބޭނުންތައް ފުއްދައިދޭން ޖެހޭނޭ ހިތަށް އެރީއެވެ. އެއާއެކު މީގެ ކުރީން ކުރެވުނު ތަޖުރިބާގެ ހަނދާންތައް އާވެގެން ދިޔައެވެ. އަތްފައި ފިނިވިއެވެ. އެ ޚިޔާލުތައް ސިކުނޑިން ނެރެލަން ބޭނުންވިޔަސް އަހަރެންގެ ބާރެއް އެކަމަށް ނުފޯރުވުނެވެ. އެ ކޮޓަރީގައި ނުހުރެ އަވަސް އަވަހަށް އަހަރެން ނުކުމެގެން ތިރިއަށް އައީ ހުސްނާމެން ގާތުގައި މަޑުކޮށްލުމަށެވެ. އޭރުން ފަހަރެއްގައި ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތަކުން މިންޖުވެވިދާނޭތީއެވެ.

ހައިކަލް ބުނި ފަދައިން އޭނާއަށް ގެއަށް އާދެވުނީ މެންދުރުން އެނބުރި ފަހުންނެވެ. އަހަރެން ވެސް އިނީ ހައިކަލް އައީމާ އޭނާއާއެކު ކާން މަޑުކޮށްގެންނެވެ. ކައިގެން އޭނާ ދިޔައީ ކޮޓަރިއަށެވެ. އަހަރެން ގާތުގައި އަންނާށޭ ނުބުނާތީ ހައިކަލްއާއެކު ފަހަތުން ދާކަށް ނުކެރުނެވެ. އެހެންވެ ސިޓިންރޫމުގައި މަޑުކޮށްލައިގެން އިނީއެވެ. އެހެން އިނދެފައި އަސުރު ނަމާދު ކުރާން އަހަރެން ކޮޓަރިއަށް ވަން އިރު ހައިކަލް ފެންވަރައިގެން ނުކުމެ ރީތިވަނީއެވެ. އިސްތަށިގަނޑުގައި ބުރުސްއަޅަން ހުރެފައި އަހަރެން ފެނުމުން ކުޑަކޮށް ނިދުނީއޭ ބުނެލިއެވެ. އަދި އަވަސްއަވަސް ކޮށްލައިގެން ނުކުމެގެން ދިޔައީއެވެ. ހައިކަލްއަށް ކަމެއްވެއްޖެހެން އަހަންނަށް ހީވީ ދެނެވެ. އަހަރުމެން ކައިވެނި ކުރެވުނު ފަހުން އަހަރެންގެ ގާތުގައި ވަގުތު ހޭދަ ކުރުމަށްވުރެ ގިނައިރު ބޭރުގައި އެބައުޅެއެވެ. ދެން ހިތަށް އެރީ އަހަރެންގެ ސިކުނޑިއަށް ވެރިވާ ޚިޔާލުތަކެވެ. ކުރީން ކުރެވިފައި ހުރި ކަންތައްތަކުގެ މަތީން ހައިކަލް ވެސް ހަނދާން ހުންނާނެއެވެ. އެ ޚިޔާލުތައް ހައިކަލްއަށް ވެސް އުނދަގޫ ކުރަނީ ކަމުގައި އަހަންނަށް ހީކުރެވުނެވެ. ހައިކަލްއާ ސުވާލެއް ކުރާން ނުކެރުނީ އެހެންވެއެވެ.

އެހެންޏާ ވެސް އުޅޭ ފަދައިން އަހަރެން ގޭތެރޭގައި ވަގުތު ހޭދަ ކުރީމެވެ. ހުސްނާއާއި ލަކްޝްމީ ވެސް އެކި ކަންކަމުގައި އުޅެއެވެ. އިރުއޮއްސި މަޣްރިބު ނަމާދަށް ގޮވިއިރު ވެސް ހައިކަލް ނާދެއެވެ. ދެ ނަމާދު ދޭތެރޭ ހުސްނާ ވެސް އިންނާނީ ކިޔަވާށެވެ. އެހެންވެ އަހަރެން ވެސް ކޮޓަރީގައި މަޑުކޮށްލީ ޤުރުއާން ކިޔަވާލާށެވެ. އިޝާ ނަމާދުން އަވަދިވީއިރު ވެސް ހައިކަލްގެ ޚަބަރެއް ނުވިއެވެ. އަށެއް ޖެހީމާ ކާންތައްޔާރު ކުރާން ހުސްނާ ގާތު އަހަރެން ބުނީމެވެ. އެހެންވެ އަހަރުމެން ދެ މީހުން ތިބީ ސިޓިންރޫމުގައެވެ. ޓީވީ ހުޅުވާފައި ހުއްޓެއް ކަމަކު އަހަރުމެން ދެ މީހުންގެ އަމިއްލަ ވާހަކައެއް ދައްކަމުން ދިޔައީއެވެ. އެހެން ތިއްބާ ސިޓިންރޫމަށް ހައިކަލް ވަންތަން ފެނުނެވެ. އޭނާގެ ދެއަތުގައި ބޮޑު ކޮތަޅެއް އޮތެވެ. އޭގެ ތެރޭގައި ހުރި އެއްޗެއް ނުފެނެއެވެ. އަހަރެން ތެދުވަން އުޅުމަށް މަޑުކުރުމަށް ހައިކަލް އެންގިއެވެ. އޭނާ ކޮތަޅުތައް ހިފައިގެން ދިޔައީ ކޮޓަރިއަށެވެ. ދަމުން މިރޭ ކާން އަހަރުމެން ދެ މީހުން ދާނީ ބޭރަށް ކަމުގައި ބުންޏެވެ. އަހަރެން ހުސްނާއަށް ބަލާލީމެވެ. އޭނާ ވެސް އިނީ ހައިކަލް މި އުޅޭ ގޮތުން ހައިރާންވެފައި ކަހަލައެވެ.

ހައިކަލް: "މިންނު! ހިނގާ ދަމާ"

ގަޑިއެއްހާއިރަށްވުރެ ގިނައިރު ކޮޓަރީގައި ހޭދަ ކުރުމަށްފަހު ސިޑިން ފައިބައިގެން އައިގޮތަށް ހައިކަލް ބުންޏެވެ. އަހަރެން ހެދުން ބަދަލުކޮށްލަން ބުނީމާ ވެސް ހައިކަލް އެއްބަހެއް ނުވިއެވެ.

ހައިކަލް: "ތި ހެދުން ވެސް ރީއްޗޭ... ކޮންމެ ހެދުމެއްގައި ހުއްޓަސް މިންނު ހުތުރެއްނުވާނެ. އަހަންނަށް ތި ހެދުން އޯކޭ. ސޯ ލެޓްސް ގޯ"

ހައިކަލް އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. އިތުރަށް ދެން ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ. ހައިކަލްއާއިއެކު ނުކުތް އިރު ދޮރު މަތީ ކާރު އޮތެވެ. ކުރީ ސީޓަށް އަހަރެން އަރުވާފައި ހައިކަލް އައިސް ކާރަށް އެރިއެވެ. އޭނާ ބުނި ފަދައިން އަހަރެން ގޮވައިގެން އައީ ރެސްޓޯރެންޓަކަށެވެ. އެކަމަކު އެއީ ހުޅުވަން ތައްޔާރުވެ އެކަމަކު އަދި އާންމުންނަށް ހުޅުވާފައިވާ ތަނެއް ނޫނެވެ. ހައިކަލްގެ ރައްޓެއްސަކު އޭނާ ބުނާ ފަދަ "ޑިނާ ޑޭޓަކަށް" ތަން ތައްޔާރު ކޮށްދީފައި އޮތީއެވެ. ކެއުމުގެ ވަގުތުގައި މާ ގިނަ ވާހަކައެއް ނުދެކެވެއެވެ. ހައިކަލް ފާޑަކަށް އުޅޭތީ އަހަރެން އިނީ ހަމަޖެހިލަން ނޭނގިފައެވެ. ހައިކަލް ބޭނުންވަނީ ކޮންކަމެއްކަން ނޭނގިފައެވެ. އަހަރެން ވެސް ޖެހިލުންވެއެވެ. އެކަމަކު ޔަގީންވާ ކަމަކީ އަހަރެންގެ ފިރިމީހާއަށް ވީ ކުރީގެ ހައިކަލް ނޫންކަމެވެ. އަހަރެންގެ ފިރިމީހާ އަހަންނަށް އަނިޔާއެއް ނުދޭނެއެވެ. އަހަރެން ނުރުހޭކަމެއް ނުކުރާނެއެވެ. އެ ޔަގީންކަން ހައިކަލްއަށް ބުނެދޭން އަހަރެން ބޭނުންވިއެވެ. ނަމަވެސް އަހަރެން ވާހަކައެއް ދައްކާނޭ ފުރުޞަތެއް ހައިކަލް ނުދެއެވެ. ކައިނިމިގެން އަހަރުމެން ރެސްޓޯރެންޓުން ނުކުތީއެވެ. ހައިކަލް ބޭނުންވީ މާލޭގެ މަގުތަކުގައި ކާރު ދުއްވާލަން ދާށެވެ. އެކަމާ ވެސް އަހަރެން ރުހުނީމެވެ.

ހައިކަލްއާއެކު ކާރުގައި އަހަރެން ހޭދަކުރި ވަގުތުކޮޅުގައި ދެކެވެނު ހަމައެކަނި ވާހަކައަކީ ހައިކަލް އަހަރެންދެކެ ލޯބިވާ މިންވަރުގެ ވާހަކައެވެ. ލޮނުޒިޔާރަތްކޮޅަށް އާދެވުމުން ކާރު މަޑުކޮއްލުމާއިއެކު ހައިކަލް އަހަރެންގެ އަތްތިލައިގައި ހިފާ އުފުލާލިއެވެ. ހައިކަލްގެ ކުޑަވާ އިނގިލީގައި އާޅާފައިވި އަނގޮޓިނަގާ އަހަރެންގެ ކަށިއިނގިލީގައި އަޅުވާލިއެވެ. އެކުވެރިޔާއެވެ. ރަތްކުލައާ ހައިކަލްއާ ގުޅުމެއްވެއެވެ. އަހަރެންގެ ކަށި އިނގިލީގައި އަޅުވާލާފައިވަނީ ރޫބީއެއް ޖަހާފައިވާ ރަން އަނގޮއްޓިއެކެވެ. އެއީ ކައިވެނީގެ ހަދިޔާއެއްކަމުގައި ހައިކަލް ބުނަމުން އަހަރެންގެ އަތުގައި ބޮސްދިނެވެ. އަހަންނަށް ކަމުދޭތޯ އެހިއެވެ. ލޯބިވާ ފިރިމީހާ ދޭ ހަދިޔާއެއް ކަމުނުދާންވީ ކީއްވެހެއްޔެވެ. ނަމަވެސް އޭގެ އަގު ލައްކައަށް އަރާނެކަންނޭގެއެވެ. ޔޫކޭއަށް ހައިކަލް ދިޔަ ފަހަރެއްގައި އަހަންނަށް ޓަކައި އެކޮޅުން ހެއްދި އަނގޮއްޓިއެއްކަމުގައި ހައިކަލް ބުންޏެވެ. އެހާ އަގުބޮޑެތި ހަދިޔާތަކަށް އަދިވެސް އަހަރެން އާދައެއްނުވެއެވެ. ހައިކަލްއަކީ އެފަދަ ހަދިޔާ އަހަންނަށް ދެވޭނޭ ފެންވަރުގެ މީހެއްކަން އެނގޭ އިރުވެސް މެއެވެ. އަހަރެން ހައިކަލްއަށް ޝުކުރުއަދާކުރީމެވެ. އަހަރެންގެ އަތުގައި އޭނައަށް ދޭނެ ހަދިޔާއެއް ނެތުމުން ދެރަވާ ވާހަކަ ބުނީމެވެ.

ހައިކަލް: "ދެރަނުވޭ މިންނު! އަހަންނަށް އަހަރެން ބޭނުންވި ހަދިޔާ ލިބިއްޖެ. މި އަނގޮއްޓިއާއި ފައިސާއަށްވުރެ އަގުބޮޑު އެއްޗަކީ މިންނުގެ ތި ހިތް. އަހަންނަށް ތި ހިތުން މާފުކޮށް ތި ހިތުން މަޤާމެއް ދިނުމީ އަހަރެން އެންމެ ބޭނުންވި ކަންތައް. ޝުކުރުވެރިވާންވީ އަހަރެން. އައި ލަވް ޔޫ ސޯ މަޗް. މިންނު އުފަލުގައި ހުންނަން އަހަރެން ބޭނުންވަނީ. އަހަރެންގެ އަމިއްލަ އުފާތައް ޤުރުބާންކޮށްފައި ވިޔަސް މިންނު އުފަލުގައި ހުރުން މާ މުހިންމު. މިންނު ހިތާމަކޮށް ރޯތަން ފެނުނީމަ އަހަރެން އެތައް މަރަކުން މަރުވުމެކޭ އެއްވަރު"

އަހަރެން ހައިކަލް ހުއްޓުވީމެވެ. މާޒީވި ކަންތައްތަކުގެ ވާހަކަ ދައްކާ އެ ހިތަށް ޝަޒާ ނުދިނުމަށް އެދުނީމެވެ. އަދި އަހަރެންގެ ހިތަކީ މިހާރު ހައިކަލްގެ އެއްޗެއްކަމުގައި ޔަގީންކޮށްދިނީމެވެ. އަހަރެން މިއަދު މި ހުރީ އުފަލުންކަމުގައި ބުނީމެވެ. އަހަރެން ދުލުން ކޮންމެހެން ވެސް ހައިކަލްއަށް އިވެންޖެހޭނެ ހުރިހާ ވާހަކައެއް އަހަރެން ހާމަކުރީމެވެ. އަހަންނާއެކު ހައިކަލް ހުރެއްޖެނަމަ އަހަރެންގެ ހުރިހާ ދުވަހެއް އުފާވެރިވާނޭކަމާ މެދު ޝައްކެއް ނުކުރާކަމެވެ. އަހަރެން ފުރިހަމައަށް ހައިކަލްއަށް އިތުބާރުކުރާކަމެވެ. އަހަރެންގެ ވާހަކައާއެކު ހައިކަލް ނިކަން ބޮޑަށް ހިނިތުންވެލިއެވެ. އަދިވެސް އެއްފަހަރު އަހަރެންދެކެ ވަރަށް ލޯބިވާކަން ހާމަ ކުރިއެވެ.

ގެއަށް އާދެވުނު އިރު ބާރަޖަހާ ބޮޑުވެއްޖެއެވެ. ހައިކަލްގެ ސަޕްރައިޒްތައް އަދި ނިމުނީކީ ނޫނެވެ. ފަޅުވެފައި އޮތް ގޭތެރެއަށް ނަޒަރު ހިންގާލުމަށްފަހު ހައިކަލްގެ އަތްދަނޑި މައްޗަށް އަހަރެން އުފުލާލިއެވެ. އަދި ސިޑިން އަރައިގެން އައިސް ކޮޓަރީގެ ދޮރުމަތީ ބެހެއްޓިއެވެ. އެއާއެކު ލޯ މެރުމަށް ބުންޏެވެ. އަހަރެން ލޯ މަރާލުމުން ހައިކަލް އަހަރެންގެ ލޯމަތިން އޭނާގެ އަތްތިލަ ޖައްސާލިއެވެ. އަދި އަނެއް އަތުން އޭނާ ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ހައިކަލްގެ އެހީގައި އަހަރެން ކުރިއަށް ހިނގަންފެށީމެވެ. (ނުނިމޭ)