ފިނިޕޭޖް

ފިލްމް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ އަށް ވަނަ ގައުމީ ފިލްމު އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވު ރަސްމިއްޔާތެއްގައި އެންސީއޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އަދި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން ސީއީއޯ އަލީ ރިޔާޒްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ދިރާގުގެ ލޯގޯ ބޭނުންކޮށްގެން ފިްމު އެވޯޑްސް ޕްރޮމޯޓް ކުރުމަކީ ފިލްމީ ދާއިރާ އަށާއި ދާއިރާގެ ފަންނުވެރިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ފިލްމު އެވޯޑްސްގެ ޕްރޮމޯޝަންގައި އަދި އެހެނިހެން ކަންކަމުގައި ދިރާގުގެ ލޯގޯ ބޭނުންކުރާނެ އެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި ބްރޭންޑެއްގެ ގޮތުގައި ދިރާގުން ދިވެހި ފިލްމު، ދިވެހި އުފެއްދުންތައް، ދިވެހިންގެ އޯން ކްރިއޭޝަން އެއް މާކެޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" އިރުތިޝާމް ވިދާޅުވި އެވެ.

މި އަހަރުގެ ފިލްމު އެވޯޑްސްގައި ފިލްމީ ދާއިރާގެ ތާރީހުގެ ތެރެއިން ދޭ ހާއްސަ އެވޯޑެއް އިއުލާނު ކުރާނެ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

މި އަހަރުގެ ފިލްމު އެވޯޑްސް އަށްވެސް ކުލަގަދަ ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި މިރޭ އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނު ކުރާނެ އެވެ.

މި އެވޯޑަށް ފިލްމްތައް ބައިވެރި ކުރަން ހުޅުވާލި ފުރުސަތުގައި 17 ފީޗާ ފިލްމާއި ހަތް ކުރު ފިލްމެއް ވަނީ ހުށަހަޅާފަ އެވެ.