ހަބަރު

ފަރެސްމާތޮޑާގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ފަރެސްމާތޮޑާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތްދޭން ފަށައިފި އެވެ.

ފައިސާ ނެގުމުގެ އިތުރުން މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ. މިއީ ރާއްޖޭގެ ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ފެށި ކަމެކެވެ.

މި އޭޓީއެމްގެ ހިދުމަތް ފައްޓަވާ ދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިރެކްޓާ އޮފް ބީއެމްއެލް އިސްލާމިކް ، ޒުލްގަރުނައިން ބިން ތަމަން އެވެ.

މިރަސްމިއްޔާތުގައި ޒުލްގަރްނައިން ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިން އޭޓީއެމް އެއް ފަރެސްމާތޮޑާގައި ގާއިމުކުރުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމަށް އިތުރުވާ މުހިންމު ބައެއް ކަމަށް ވިދާޅުވި އެވެ.

"މުޅި ރާއްޖެ ޝާމިލުވާގޮތަށް އާންމު ފަރުދުންނަށާއި އާއިލާތަކަށާއި ވިޔަފާރިތަކަށް މި ޕްރޮގްރާމްގެ ފައިދާ މިދަނީ ލިބެމުން. ފަރެސްމާތޮޑާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޒުލްގަރުނައިން ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 32 ސެލްފްސާވިސް ބޭންކިން ސެންޓަރު، 91 އޭޓީއެމް، 4900 ޕީއޯއެސް މާޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.