ދިވެހި ސިނަމާ

ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި ޑާކްރެއިން

ރޮމޭންޓިކް ކޮމެޑީ، އަދި ދިވެހިންނާ ބީރައްޓެހި ޖޮންރާތައް ކަމަށްވާ ތްރިލާ ފިލްމުތަކުން ދިވެހި މިއުޒިކް އިންޑަސްޓްރީ އެހެން ހަރުފަތަކަށް ބަދަލުކޮށްލި ބަޔަކީ ޑާކްރެއިން އެންޓަޓެއިންމަންޓެވެ. މިދިޔަ ދެ ތިން އަހަރެއްތެރޭ ދިވެހި އިސްކިރީނުގައި ރަސްކަން ކުރީވެސް ޑާކްރެއިން އޭ ބުނެވިދާނެ އެވެ. މީގެ ކުރިންވެސް އެ ސްޓޫޑުއީ އިން ފިލްމުތައް އުފެއްދި ނަމަވެސް "ހެޕީ ބާތު ޑޭ" ފިޔަވާ އެވޯޑު ހަފްލާއެއް ކާމިޔާބުކުރި ފިލްމެއްވެސް ނެތެވެ.

އެހެން ނަމަވެސް އަށް ވަނަ ފިލްމު އެވޯޑްސް އާ އެކު މި އަހަރަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ އަހަރެއް ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެ އެވެ. އެއީ ގައުމީ ފިލްމު އެވޯޑްސް އަށް ހުށަހަޅާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ އެވޯޑަށް ވާދަކޮށްފައިވަނީ އެ ސްޓޫޑިއޯގެ ފިލްމުތަކެވެ. އެންމެ މޮޅު ފިރިހެން އަދި އަންހެން ތަރިންގެ ތެރޭގައިވެސް ޑާކްރެެއިން ފިލްމުތަކުން ނޮމިނޭޓްވި ތަރިން ގިނަ އެވެ. އަދި އެންމެ މޮޅު ފަސް ފިލްމުގެ ތެރޭގަވެސް ޑާކްރެއިންގެ ހަތަރު ފިލްމު ހިމެނުނެވެ.

މި އަހަރުގެ އެވޯޑަށް ޖުމްލަ 17 ފީޗާ ފިލްމު ހުށަހަޅާފައިވެ އެވެ. އެ ފިލްމުތަކަކީ 2014 އިން 2016 އަށް ރިލީޒްކޮށްފައިވާ ފިލްމުތަކެވެ.

އެންމެ މޮޅު ފަސް ފިލްމުގެ ގޮތުގައި ނޮމިނޭޓްވި ފިލްމުތައް. --

  • ވާށޭ މަށާ އެކީ. -- ޑާކް ރެއިން އެންޓަޓެއިންމަންޓް
  • ހުޅުދާން. -- ޑާކް ރެއިން އެންޓަޓެއިންމަންޓް
  • އަހުޝަމް. -- އަލީ ސީޒަން
  • އެންމެ ފަހު ވިންދާ ޖެހެންދެން. -- ޑާކް ރެއިން އެންޓަޓެއިންމަންޓް
  • މިކޮއެ ބައްޕަ ބައޭ ބައޭ. - ޑާކް ރެއިން އެންޓަޓެއިންމަންޓް

އެންމެ މޮޅު އަންހެން އަދި ފިރިހެން ތަރިންވެސް ގިނައިން ނޮމިނޭޓްވެފަ ހުރީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމުތަކުންނެވެ. އެންމެ މޮޅު އަންހެން ތަރިއަށް ނޮމިނޭޓްވި ތަރިންގެ ތެރޭގަ ދާދި ފަހުން ސާކް ފިލްމު ފެސްޓިވަލުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހާސިލްކުރި އައިޝަތު ރިޝްމީވެސް ހިމެނެ އެވެ.

އެންމެ މޮޅު އަންހެން ތަރިއަށް ނޮމިނޭޓްވި ތަރިންތައް. --

  • މަރިޔަމް މަޖުދާ. -- ވާށޭ މަށާ އެކީ
  • މަރިޔަމް މަޖުދާ. -- ހުޅުދާން
  • ނިއުމާ މުހައްމަދު. -- އާދޭސް
  • މަރިޔަމް މަޖުދާ -- އެންމެ ފަހު ވިންދާ ޖެހެންދެން
  • އައިޝަތު ރިޝްމީ -- މިކޮއެ ބައްޕަ ބައޭ ބައޭ

އެންމެ މޮޅު ފިރިހެން ތަރިއަށް ނޮމިނޭޓްވި ތަރިންތައް. --

  • މުހައްމަދު ޖުމައްޔިލް ނިމާލް -- ވާށޭ މަށާ އެކީ
  • ހަސަން މަނިކު -- ހުޅުދާން
  • އަލީ ސީޒަން -- ވަފާތެރި ކެހިވެރިޔާ
  • އިބްރާހިމް ޖިހާދް -- 4426
  • މުހައްމަދު ޖުމައްޔިލް ނިމާލް -- އެންމެ ފަހު ވިންދާ ޖެހެންދެން

މި އަހަރު ފިލްމު އެވޯޑްސް އަށް ނޮމިނޭޓްވި ކުރު ފިލްމުތަކުގެ ތެރޭގަ ހިމެނެނީ ކަޝްފު، ފަރިހިބެ 4 އަދި ވޫޑޫ އެވެ.

އަށް ވަނަ ގައުމީ ފިލްމު އެވޯޑްސް އޮންނާނީ މި މަހު 19 ވަނަ ދުވަހުގެ ރޭގަ އެވެ. މި ފަހަރުގެ ޖަޖިން ޕެނަލުގައި ހަތް ޖަޖުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަލި މަނިކު، މުހައްމަދު ޝަރީފް، މުހައްމަދު ޝަމީމް، ޑރ އަޝްރަފް އަބްދުއްރަހީމް، އާމިލާ އާދަމް، ހުސައިން އިމްތިޔާޒް އަދި ތައްޔިބު މުހައްމަދެވެ.

ފިލްމު އެވޯޑް ހަފްލާގައި ލައިފް ޓައިމް އެޗީވްމެންޓް އެވޯޑްވެސް ދޭނެއެވެ. މިއެވޯޑް ދެވޭނީ ފިލްމީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ނުވަތަ މިހާރުވެސް ކުރަމުން ގެންދާ ފަރާތަކަށެވެ.