ވިޔަފާރި

އާ އަހަރުގެ ޝޯއަށް އިންޑިޔާގެ ދެ ލަވަ ކިއުންތެރިން ރާއްޖެއަށް

ޓޫރިޒަމް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އިންތިޒާމު ކުރާ "ޓޫރިސްޓް އެރައިވަލް ކައުންޑައުން ޝޯގެ" އަށް އިންޑިޔާގެ މަޝްހޫރު ދެ ލަވަ ކިއުންތެރިން ރާއްޖެ އަށް އަންނަން ނިންމައިފި އެވެ.

މި އަހަރުގެ ނިއުއިޔާ ޝޯ އިންތިޒާމުކުރަނީ މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި އަހަރުގެ ނިއު އިއާ ޝޯ އަށް ރާއްޖެ އަންނަ އެއް ލަވަ ކިއުންތެރިއަކީ ބޮލީވުޑްގެ ހިޓް މޫވީ އޯމްޝާންތި އޯމްގެ "ޖަގަ ސޫނާ ލާގޭ" ލަވަ އާއި އަދި ޕްރިޔަންކާ ޗޯޕްރާ އާއި ރަންބީރު ކަޕޫރު ހަރަކާތެރިވި އަންޖާނާ އަންޖާނީގެ "ތޫނަޖާގެ އާސްޕާސް ހޭ ހުދާ" ލަވަ ކިޔާފައިވާ ޕާކިސްތާނުގެ ލަވަކިއުންތެރިޔާ ރާހަތު ފަތޭ އަލީ ހާން އެވެ. އަދި އަނެއް ލަވަކިއުންތެރިއަކީ އަލީ ހާން އެވެ. އޭނާ ކިޔާފައިވާ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި ހީޔޯގެ "ޔަދަ ތެރެ ޔާދިޔާ" ފަދަ އެތަށް ލަވައެއް ކިޔާފައިވެ އެވެ. މީގެ އިތުރުން ރާއްޖެ އަންނަ މީކާ ސިންގް ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ހައުސްފުލްގެ "އާޕްކިޔާ ހޯގާ އަލީ ޖާނޭ' ހިމެނެ އެވެ. އަދި ކިލާޅީ 786 ގެ "ލޯންގް ޑްރައިވް" ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި މި ދެ ލަވަ ކިއުންތެރިންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ގެންނަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޓޫރިސްޓް އެރައިވަލް ކައުންޑައުން ޝޯގެ ނަމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބް ރައީސް އަހުމަދު އަދީބުގެ އިސްނެގުމަކަށް ފެށި މި ޝޯ އެންމެ ކުލަގަދަކޮށް ބާއްވާފައިވަނީ 2015 ވަނަ އަހަރު އެވެ.

ރާހަފަތު އަލީ ހާންގެ އެންމެ މަޝްހޫރު އެއް ލަވަ: މި އަހަރު ރާއްޖެ އަންނާނެ

އިންޑިޔާގެ ދެ ލަވަ ކިއުންތެރިންނާއި ބައެއް ތަރިން ރާއްޖެ އަންނައިރު އިންޑިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓެވެ. މި އަހަރުގެ ނިޔަލަށް އެ ގައުމުން 63,141 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 50,369 މީހުންނާ އަޅާބަލާއިރު 25.4 ޕަސެންޓް އިތުރު އަދަދެކެވެ.