ދިވެހި ސިނަމާ

ނޮމިނޭޝަންގައި 4426 ފުލަށް ދިޔުމުން ފާޑުކިޔުން އަމާޒުވެއްޖެ

މި ފިލްމެއް އޮލިމްޕަހުގައި އެޅުވުމާއެކު މިދިޔަ އަހަރުވެސް އެންމެ ގަދަވީ މި ފިލްމުގެ އަޑެވެ. އެންމެ ގިނަ ބަޔަކު ބެލި އެއް ފިލްމަކީ އެއީ އެވެ. އެންމެ ގިނަ ބައެއްގެ ތައުރީފް ލިބުނު ފިލްމަކީވެސް މި އެވެ. ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް ލިޔުންތެރިޔާ ފާތިމަތު ނަހުލާގެ ވާހަކަ އަދި ސްކްރީން ޕްލޭއަކަށް ނަހުލާ އަދި ޒުވާން ޑައިރެކްޓަރު އަހްމަދު ޝިނާންގެ މަސައްކަތާއެކު ގެނެސްދިން 4426 އަކީ ނަހުލާގެ މާސްޓާޕީސް އެކެވެ.

ނަހުލާގެ ފިލްމީ ކެރިއަރުގައި ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ކުރިން 4426 ޖާގަ ހޯދިއިރު އެންމެންވެސް ތިބީ ފިލްމު އެވޯޑް ހިސޯރުކޮށް ހުރިހާ އެވޯޑެއް ކިހިއްޔަށް ޖަހައިގެން ގެންދާނެ ފިލްމަކީ 4426 ކަމަށެވެ.

ނަހުލާގެ ލިޔުންތެރިކަމުގެ ކުޅަދާނަކަމާއި ޑައިރެކްޝަންގެ ތަޖުރިބާތައް ޝިނާންގެ ޒުވާން އަދި ޒަމާނީ ހުނަރުތަކާއި ގުޅިގެން ގެނެސްދިން އެ ފިލްމަކީ އަހަރުގައިވެސް ގެނެސްދިން އެންމެ ވިދުން ގަދަ ފިލްމޭ ބުނެވިދާނެ އެވެ. ފިލްމު ފެށިގެންގޮސް ނިމެންދެން ފޫހިކަމެއް ނެތި ބަލައިލެވޭނެ ގޮތަށް އޮތީ މި ފިލްމް ގަތާލައިފަ އެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އޮންނަ ފިލްމު އެވޯޑްގެ ޖަޖުކަން ކޮށްފައިވަނީ އަލި މަނިކު، މުހައްމަދު ޝަރީފް، މުހައްމަދު ޝަމީމް، ޑރ އަޝްރަފް އަބްދުއްރަހީމް، އާމިލާ އާދަމް، ހުސައިން އިމްތިޔާޒް އަދި ތައްޔިބު މުހައްމަދެވެ.

އެހެން ނަމަވެސް އަށް ވަނަ ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތައް ރޭ އިއުލާނު ކުރި އިރު 4426 ލައްވާލީ ހަތަރު ނޮމިނޭޝަނެއްގަ އެވެ. އެއީ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް 4426 އިން އިބްރާހިމް ޖިހާދު (ޖިމީ)، ވިޝުއަލް އިފެކްޓްސް އެވޯޑަށް ޝިނާނު، މޭކަޕް އިން އިސްމާއިލް ޖުމެއިހް، އަހްމަދު ފަޔާޒް އަދި ކޮސްޓިއުމް ޑިޒައިނުން ރަޒީނާ ތައުފީގް އަދި ނަހުލާ އެވެ.

މި އަހަރުގެ ފިލްމު އެވޯޑްސްގައި 17 ފީޗާ ފިލްމެއް ވަނީ ބައިވެރިކޮށްފަ އެވެ. މި އަހަރު ބައިވެރިކޮށްފައިވަނީ 2014 އިން 2016 ރިލީޒްކޮށްފައިވާ ފިލްމުތަކެވެ. އެ ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމުގެ ކެޓަގަރީއަށް ނޮމިނޭޓްވެފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ"، "ހުޅުދާން"، "އެންމެ ފަހު ވިންދާ ޖެހެންދެން"، "މިކޮއެ ބައްޕަ ބައޭ ބައޭ" އަދި އަލީ ސީޒަންގެ "އަހުޝަމް" އެވެ.

އެ ލިސްޓަށް 4426 އަރާފައި ނުވަނީ އާންމުކޮށް ދިވެހިން ބަލާ ލޯބީގެ ސަކަރާތްގަނޑު މާ ބޮޑަށް ފެނިގެން ނުދިއުމުގެ އިތުރުން އޮލިމްޕަހުގައި އިނދެގެން ރޯން ނުޖެހުނީމަ ކަމަށްވެދާނެ އެވެ. އެ ފިލްމަކީ އާންމުކޮށް ދިވެހިން އުފައްދާ ބިރުވެރި ފިލްމުތަކާއި މާބޮޑަށްވެސް ތަފާތު އަދި ބިރުވެރިކަން ނިކަން ރަނގަޅަށް ދައްކުވައިދީ އޮލިމްޕަހުގައި ބިރުގަންނަވާލި ފިލްމެކެވެ.

ނަހުލާގެ 20 އަހަރުގެ ތަޖުރިބާ އާއި ޝިނާންގެ ޒުވާން ހިޔާލުން ގެނެސް ދޫކޮށްލި އެ ފިލްމުގެ ޑައިރެކްޝަންވެސް އެންމެ މޮޅު ޑައިރެކްޝަންތައް ހޮވާ ފުރާނާލިިއިރު ހިމެނިފައެއް ނުވެ އެވެ. އެންމެ މޮޅު ޑައިރެކްޓަރުންނަށް ނޮމިނޭޓްވެފައިވަނީ "ވާށޭ މަށާ އެކީ"، އަދި "އެންމެ ފަހު ވިންދާ ޖެހެންދެން" އިން އަލީ ޝިފާއު، "ހުޅުދާން"، އިން އައިޝަތު ފުއާދު ތައުފީގް، "އަހުޝާމް" އިން އަލީ ސީޒަން އަދި "މިކޮއެ ބައްޕަ ބައޭ ބައޭ" އިން ރަވީ ފާރޫގް އެވެ.

އެއަށްވުރެ ބޮޑަށް ރޭގެ ނޮމިނޭޝަނާއެކު ހައިރާންވީ އެންމެ މޮޅު ސްކްރީންޕްލޭގެ ނޮމިނޭޝަނަށް "ވާށޭ މަށާ އެކީ" ޖާގަ ހޯދާފަ ވުމުންނެވެ. އެ އެވޯޑަކީ އޮރޖިނަލް ސްކްރީން ޕްލޭ ތަކުގެ ތެރެއިން އެންމެ މޮޅު ސްކްރީންޕްލޭ އަކަށް ދޭ އެވޯޑެކެވެ. "ނިއުފް އޮފް މޮއިސް" އަށް ބޭސްކޮށް 1995 ވަނަ އަހަރު ޑައިރެކްޓަރު ކްރިސް ކޮލަމްބަސް ގެނެސްދިން "ނައިން މަންތްސް"ގެ ކޮމްޕްލީޓް ރިޕްއޯފް އަކަށް ވާތީ އެވެ. ސީން ތަކާއި ޑައިލޮގްތައް ކޮޕީކޮށްފަ ހުރިއިރު އެއީ އޮރިޖިނަލް ސްކްރިޕްޓެއްގެ ގޮތުގައި ނިންމީ ކީއްވެ ކަމެއް ނޭނގެ އެވެ. ފަހަރުގައި ޖަޖިން ޕެނަލުގައި ތިއްބެވި ބޭފުޅުން "ނައިން މަންތްސް" ބަލާފަނެތީމަ ކަމަށް ވެދާނެ އެެވެ.

އެންމެ މޮޅު ސްކްރީންޕްލޭ އެވޯޑަށް ނޮމިނޭޓްވެފައިވަނީ "ވާށޭ މަށާ އެކީ"، "މިކޮއެއް ބައްޕަ ބައޭ ބައޭ" އިން މަހުދީ އަހްމަދު، "އަހްޝަމް" އިން މަހުދީ އަހްމަދު އަދި އަހްމަދު ޒަރީރު، "އަނިޔާ" އިން އަހްމަދު ނިމާލް އަދި "ހުޅުދާން" އިން އައިޝަތު ފުއާދު ތައުފީގެވެ.

ނޮމިނޭޝަންތައް އިއުލާނު ކުރުމާއެކު މިއަދު ނަހުލާ ވަނީ އޭނާގެ ފޭސްބުކްގައި ވަރަށް ބޮޑަށް އެކަމަށް ފާޑު ކިޔާފަ އެވެ. ނަހުލާ ބުނެފައިވަނީ 4426 ގެ މޮޅު ސްކްރިޕްޓާއި އެކްޓަރުން ދެއްކި މޮޅު އެކްޓިން އާ ފިލްމަށް ކޮށްފައިވާ ރިސާޗަށްވުރެ ޖަޖުންނަށް ކަމުދިޔައީ ފިލްމުގެ ކޮސްޓިއުމް ކަމަށެވެ.

"4426 ގަ އެކްޓަރުން ދައްކައިދިން މޮޅު ހުނަރާއި ސްކްރިޕްޓަށް ކޮށްފައިވާ މަސައްކަތާއި ރިސާޗަށްވުރެ ޖަޖުންނަށް ކަމުދިޔައީ މުޅި ފިލްމުގަ އެއް ކޮސްޓިއުމެއްގެ ގޮތުގައި ލައިގެން އުޅުނު ހަ ޓީޝާޓާއި، ދެ ޓޮޕާ، ނޮމިނޭޓެޑް ފޯ ދި ބެސްްޓް ކޮސްޓިއުމް އެވޯޑް،" މަލާމާތުގެ ހިނިގަނޑަކާއެކު ނަހުލާ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ މިހެންނެވެ.

4426 ބެލި ގިނަ މީހުންގެ ތައުރީފް ލިބުނު އެއް ތަރިއަށް ބަތަލާ މަރިޔަމް އައްޒަވީ ނަމަވެސް އެންމެ މޮޅު ބަތަލާއަށް ނޮމިނޭޓްވި ތަރިންގެ ލިސްޓުގައި އައްޒަގެ ނަމެއް ނެތެވެ. އެ ލިސްޓުގައި ހިމެނިފައިވަނީ މަރިޔަމް މަޖުދާ، ނިއުމާ މުހައްމަދު އަދި އައިޝަތު ރިޝްމީ އެވެ. އަދި އެ ފިލްމުގައި އިސްމާއިލް ޖުމައިހް، ޖުމާ ދެއްކި އެކްޓިންއަށްވެސް ތައުރީފް ކުރިއިރު ޖުމާ ނޮމިނެޓްވެފައިވަނީ އަލަށް ތައާރަފްވި ތަރިންގެ ބައިގަ "ނޭނގި ޔާރު ވަކިވީ" އެ ފިލްމުންނެވެ.

ފިލްމީ ދާއިރާގައި ތަޖުރިބާހުރި އެހެން ބައެއް ތަރިންވެސް ވަނީ ނޮމިނޭޝަން ލިސްޓުގައި 4426 ހިމެނިފައިވާ މިންވަރު މަދުވުމުން އެކަމަށް ފާޑު ކިޔާފަ އެވެ. ސީޒަންވެސް އޭނާގެ ފޭސްބުކްގަ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 4426 އަކީ ގިނަ އެވޯޑްތަކެއް ލިބެންޖެހޭ ފިލްމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.