ވާހަކަ

މިންނުގެ ޑައިރީ

(12 ޑިސެމްބަރ 2017 އާ ގުޅޭ) -- އަހަރެން ލޯ މަރާލުމުން ހައިކަލް އަހަރެންގެ ލޯމަތިން އޭނާގެ އަތްތިލަ ޖައްސާލިއެވެ. އަދި އަނެއް އަތުން އޭނާ ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ހައިކަލްގެ އެހީގައި އަހަރެން ކުރިއަށް ހިނގަންފެށީމެވެ.

ކޮޓަރިއަށް ވަދެވުމާއެކު ފައިދަށުގައި ކާޕެޓުގެ އިތުރުން އެހެން އެއްޗެއް ވާހެން ހީވިއެވެ. ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއެކު ކުދިކުދި މަޑު އެއްޗެހިތަކެއް ފައިދަށުވަމުން ދިޔައެވެ. އެކަމާ ސުވާލެއް ކޮށްލަން ވާއިރަށް ނޭފަތުގައި ޖެހުނީ ހިތްގައިމު މަޑުމަޑު ވަހެކެވެ. ހަމައެއާއެކު ކޮޓަރިތެރޭގައި ހޫނުކަމެއް ހަރުލާފައި ހުރިކަން އިހުސާސް ވިއެވެ. މުޅި ކޮޓަރީގެ މާޙައުލަށް ބަދަލުތަކެއް އަތުވެއްޖެކަން އަހަރެންގެ މުޅި ނަފްސު ވެސް ދެނެގަތެވެ. އަވަސްވެފައިވާ ހިތާއެކު ލޯ ހުޅުވާލާ ކޮޓަރިތެރެ ބަލާލަން ބޭނުންވިއެވެ. އެހެންވެ އަހަރެންގެ ލޯމަތީގައި ހިފަހައްޓާލައިގެން ހުރި ހައިކަލްގެ އަތުގައި ހިފަހައްޓާލެވުނެވެ. އިތުރަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. މަޑުމަޑުން ހައިކަލްގެ އަތް ދުރަށް ޖައްސާލުމާއެކު އަހަރެން ލޯ ހުޅުވާލީމެވެ.

ލޮލަށް ފެނުނު ކަންތައްތައް ޤަބޫލުކުރަން ދަތިވިއެވެ. ހައިކަލްއަށް އަންހެނުންގެ ހިތް އުފާވާނޭ ފަދަ ކަންކަން ކުރަން އެނގެއެވެ. ކޮޓަރިތެރެވަނީ ރަތްކުލައިގެ ބޮޑެތި އުއްބައްތި ތަކަކުން ދިއްލާލެވިފައެވެ. އަހަރެންގެ ފައިދަށުގައާއި މުޅި ކާޕެޓުމަތީގައި ވަނީ ރަތް ފިނިފެންމަލުގެ ފިޔަތަކެވެ. ކޮޓަރީގެ އެކި ދިމާލުގައި ދިއްލާފައި ހުރި އުއްބައްތިތައް ވިރެމުންދާއިރު ކޮޓަރިތެރޭގައި ހުވަނދުލެވެއެވެ. ބުނާނެ އެއްޗެއް އަހަންނަކަށް ނޭގުނެވެ. ފަހަތުގައި ހުރި ހައިކަލްއާ ދިމާއަށް އެނބުރިލީ އުފަލުން އެ އަތުގެތެރެއަށް ވަދެ ރޭގެ ބާކީ އޮތް ހުރިހާ ވަގުތެއް އޭނައާއެކު ހޭދަކޮއްލުމުގެ ބޭނުމުގައެވެ. ނަމަވެސް ހައިކަލްއާ ކުރިމަތި ލުމުން އަހަންނަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ހަމައެވަގުތު ހިނި ވެސް އައެވެ. ބަޔާންކުރާން ދަތި އުފާވެރިކަމެއް ހިތަށް ލިބިގެންދިޔައެވެ. ރަތް ފިނިފެންމަލެއް އަހަންނަށް ދިއްކޮއްލައިގެން ކަޑުކަކޫޖަހައިގެން ހައިކަލް އިނެވެ. އެ ތުންފަތުގައިވާ ލުއި ހިނިތުންވުން އެއްފަހަރާ އެތައް މެސެޖެއް ދޭ ފަދައެވެ. ހައިކަލް އެ އިނީ އަހަރެން އެނބުރި ބަލާލާނޭ އިރެއްގެ އިންތިޒާރުގައިކަން އެނގުނެވެ. ހީވާ ކަހަލަ އަހަރެންނަށް އުޅެވެނީ ހުވަފެނީ ދުނިޔެއެއްގައި ހެންނެވެ. ކޮޓަރިތެރެއަށް އޮތީ މަސްތުކުރުވަނިވި ޖާދޫއެއް ވެރިވެފައެވެ.

ހައިކަލް: "އަހަރެން ފުރާނައަށްވުރެ ވެސް ލޯބިވާ އަލަތު އަނބިމީހާއަށް ޓަކައި މި ހުރިހާ ކަމަކީ އަދި ވަރަށް ކުޑަ މިންވަރެއް. އައި ވިޝް އައި ކުޑް ގިވް ޔޫ އެވްރިތިންގ... އައި ލަވް ޔޫ ސޯ މަޗް... މިންނު! ހަޤީޤަތުގައި ވެސް އަހަރެން ޝުކުރުވެރިވަން މިންނު ލިބުނީމަ... އަހަރެން..."

ހައިކަލް ބުނީ ތެދެކެވެ. އޭނާއަށް ކުރެވުނު ކުށަކީ ދުވަހަކުވެސް އޭނާގެ ހަނދާނުން ފިލައިގެން ދާނޭ ކަމެއް ނޫނެވެ. އެހެންވިޔަސް މިއަދު ހައިކަލްގެ ދިރިއުޅުން ބަދަލުވެއްޖެއެވެ. އަހަރެން އޭނާއަށް މަޢާފު ކުރީމެވެ. ދުނިޔެއާއި އާޚިރަތުގައި ވެސް އަހަރެންގެ ޝަކުވާއެއް ހައިކަލްއާ މެދު ނުވާނެއެވެ. އަހަރެން ހައިކަލްއަށް ހިތް ދިނީ އަނބުރާ ހޯދާކަށް ނޫނެވެ. އޭނާގެ ކިބައިން ބަދަލު ހިފުމަކަށް ނޫނެވެ. އެ ހިތަށް ވަގުތު ބޭނުންވިއެވެ. އެކަމަށް އަހަރެން ދެކޮޅެއް ނުހަދާނަމެވެ. އެހެންވިޔަސް މިހާރު އަހަރެންގެ ހިތަކީ ހައިކަލްގެ މިލްކެކެވެ. އޭނާއާއެކު ހިނިތުންވާން އަހަރެންނަށް ދަސްވެއްޖެއެވެ. ވީއިރު ހައިކަލްއަށް އޭނާއަށް ކުރެވުނު ކުށް ތަކުރާރުކޮށް ހަނދާންކޮށްދޭކަށް އަހަރެން ބޭނުމެއްނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ލޯތްބާއި އޯގާތެރިކަން ދޭން އަހަރެންގެ ހިތާއި ޟަމީރު އެދެއެވެ.

މަޑުމަޑުން ހައިކަލްގެ ތުންފަތުގައި އަހަރެންގެ ކަނާއަތުގެ ޝަހާދަތް އިނގިލި ޖައްސާލާ އޭނާގެ ވާހަކަ ހުއްޓުވީމެވެ. އަދި އަނެއްއަތުން ރަތް ފިނިފެންމާ ހައިކަލްގެ އަތުން ނެގީމެވެ. ލޯބިވެތި މަޢުނަވީ ހިނިތުންވުމެއް ދެމުންނެވެ.

ހައިކަލްގެ އަތުގެ ތެރެއަށް އަހަރެން ދެންދިޔަ ހިނދު އަހަރެންގެ ހަށިގަނޑުގައިވި ހުރިހާ ހިއްސެއް ހީވީ ނިދިން ހޭލައްވާލިހެނެވެ. ހައިކަލްގެ ބޮސްދިނުންތަކުން އެތެރެހަށީގައި ކަރަންޓުދުވެލި ފަދައެވެ. އެ އަތުގެތެރޭ އަހަރެން ގެންގުޅިލާ ގޮތުން އަހަރެން ހުރީ އަޖައިބުވެފައެވެ. އަހަންނާއި ދުރަށް ހައިކަލް ޖެހިލަމުން އަދި އެއް ހަދިޔާ މަތިން ހަނދާންނެތުނު ވާހަކަ ބުނެލިއެވެ. އެހެންބުނެލުމާއެކު ހައިކަލް ހިނގައިގަތީ އަލަމާރި ކައިރިއަށެވެ. އޭނާ އަލަމާރި ތެރެއިން ކޮތަޅެއް ނަގާ އަހަރެންނަށް ދިއްކޮއްލިއެވެ. ކޮތަޅުގެ އެތެރެ ބަލާލިއިރު އޮތީ ބަންދުކޮއްފައިވާ ފޮއްޓެކެވެ. އެނދުގައި އިށީނދެ ކޮތަޅުން އެ ފޮށި ނަގާ ހުޅުވާލީމެވެ. އެވަގުތު ކޮޓަރިތެރޭގައި މިއުޒިކުގެ އަޑު ހިފައިގެންދިޔައެވެ. ހައިކަލްވަނީ ހުރިހާ ކަމަކަށް ތައްޔާރުވެފައެވެ. ބަންދު ކޮއްފައިވާ ފޮށީގައި އޮތީ ރަތާއިކަޅުގެ ލޭސް ނައިޓީ އެކެވެ. ހައިކަލް ވަގުތުން ރީތިތޯ އެހިއެވެ. އަހަރެން އެ ފަދަ އެއްޗެހި ލާނޫޅުނަސް އެއީ ވަރަށް ރީތި ނައިޓީއެކެވެ. އެހެންވެ ހައިކަލްއަށް ބޯޖަހާލީމެވެ. ހައިކަލް އުފަލުން އައިސް އަހަރެންގެ ގައިގާ ބައްދާލިއެވެ.

ހައިކަލްގެ ކުދިކުދި ބީހުންތަކުން އަހަރެންގެ ހަށިގަނޑުގައި ހުޅު ރޯވަމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އަހަރެން ހުއްޓުވާކަށް ބޭނުމެއްނޫނެވެ. އަނދަމުންދިޔަ އުއްބައްތިތައް ފަދައިން އަހަރެން ބޭނުންވީ ހައިކަލްގެ އަތުގެތެރެއަށް ވިރިގެންދާށެވެ. ދުވަހަކުވެސް އަހަންނަށް އިހްސާސްކުރެވިފައިނުވާ ފަދަ މީރުކަމާއި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ދެމީހުން ވެސް އެކަކު އަނެކަކުގެ ހޫނަށް ވަނީ ކެތްމަދުވެފައެވެ. ހައިކަލްގެ ދުލުން އޮހެމުންދިޔަ ލޯބީގެ ލަފްޒުތަކުން އަހަރެންގެ ހިތް ބަންޑުންވަމުން ދިޔައެވެ. ލޯބީގެ މީރު ރަހަ އަރުގައި ލީހިނދު ދެލޮލުން ކަރުނައައެވެ. އެކަކު އަނެކަކާ ވަކިނުވާނަން ކަމުގައި ވައުދުވެވުނެވެ. ދެމީހުންނަށްމެ އެކަކު އަނެކަކުގެ ނަމުން ގޮވާލެވުނެވެ. އެކަކު އަނެކަކަށް އިންތިހާއަށް އެދެވުނެވެ. ހައިކަލް ޖެއްސީ ކޮންފަދަ ޖާދޫއެއްކަމެއް ނޭގެއެވެ. އަހަންނަށް ދެން ހައިކަލްއާ ވަތްކެއްނުވެވޭނެއެވެ. އޭނައާ ދުރުގައި ދެން އެންމެ ދުވަހެއްވެސް ހޭދަކުރާކަށް އަހަރެން ބޭނުމެއްނޫނެވެ.

އަހަރެންގެ ނޭވާ ކުރުވެފައިވާ ފަދައިން ހައިކަލްގެ ނޭވާ ވެސް ވަނީ ކުރުވެ ދާހިތްލާ ފޯވެފައެވެ. ނަމަވެސް ދެމީހުންގެ މޫނު މައްޗަށް ވެރިވެފައިވަނީ މީހުންގެ ހިތްތައް ހަސަދަވެރިކުރުވާފަދަ ޖާދުވީ ހިނިތުންވުމެކެވެ. އަހަރެންގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑުގެ ބައެއް އެއްފަރާތް ކޮށްލުމާއެކު ހައިކަލް ނިކަން ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް ބަލާލިއެވެ. އެހިނދު މުޅި މޫނު ރަތްވެގެން ދިޔައީ ލަދުންނެވެ. އެ ފިރިހެންވަންތަކަމުން ފުރިފައިވި ރީތި ހަށިގަނޑާ އިހުނަށްވުރެ ގާތްކޮށްލުމާއެކު ހީނލި އަޑު އިވިގެންދިޔައެވެ.

ވަކިންބޮޑަށް ލަދުގަތީ އެހާލުގައި ހައިކަލްގެ އަތްދަނޑިމަތީ އަހަރެންނަށް އޮންނަންޖެހުމުންނެވެ. ފާޚާނާގެ ބިލިނގާގައި ދޫކޮއްލެފިފައިވާ މާގަނޑުގެ ދަށުގައި އަހަރެން ހައިކަލްގެ އަތުގެތެރޭ ވީމެވެ. އަހަރެންގެ ހިތުގެ ވިންދާ އެ ހިތުގައިވާ ނާރުތައް ވެސް ވަނީ ހައިކަލްގެ ހިތާ ގުޅި ލާމެހިފައެވެ. މަރާލެވިފައިވާ ދެލޮލުން ވެސް ފެންނަމުން ދިޔައީ ހައިކަލްގެ އެ ފިރިހެންވަންތަ ރީތި ސޫރައެވެ. ލަދުން އިނދެ ވިޔަސް ދުލުން ބޭރުކުރެވެނީ ހައިކަލްގެ ހިތްގައިމު ނަމެވެ.

ފަޚާނާއިން ނުކުން އިރު ބެލްކަންޏަށް ނުކުމެވެން ހުންނަ ދޮރުފޮތިގަނޑުގެ ދޭތެރެއިން ކުރިން ނޭޅޭއަލިކަމެއް ފާޅުވާން ހުއްޓެވެ. ރަތާކަޅުގެ ނައިޓީގައި އަހަރެން ރީތިވާމޭޒުކައިރީ އިށީނދެ އިސްތަށިގަނޑުގައި އޮޅާލެވިފައިވާ ތުވާލި ނައްޓާލީމެވެ. ބޯ އަރިކޮއްލައިގެން އިނދެ އަހަރެންގެ އިސްތަށިގަނޑު ހިއްކަމުންދަނިކޮށް ފުރަގަހުން އައި ހައިކަލް އަހަރެންގެ ކުރިމައްޗަށް ދިއްކޮއްލީ ފަށެކެވެ. އިނގިލީގައިވާ އަނގޮއްޓިއާއި އެ ފަށުގައިވިފުލާ އެއްވެސް ތަފާތެއްނެތެވެ. ރީތިވާ މޭޒުގައި ހަރުކޮށްފައި ހުރި ލޯގަނޑަށް ބަލަހައްޓައިގެން އަހަރެން އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހައިކަލް އަހަރެންދެކެ އެހާ ލޯބިވާންވީ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް އަހަންނަކަށް ނުވިސްނެއެވެ. އަހަރެންގެ ކަރުގައި ދުވަހަކުވެސް އަހަންނާ ވަކިނުކުރާނަން ކަމަށް ބުނި ރިހިއަގޮއްޓިއާއި ރިހިފަށް އަހަރެންގެ އަތުން ނަގާ ރީތިވާ މޭޒުމަތީ ބާއްވާލީމެވެ. ހައިކަލްއަށް އަހަރެންގެ މުޅިހަށިގަނޑު ވެދުންކުރާ ހާލުގައެވެ. މާޒީގެ ހިތި ދުވަސްތައް ފޮރުވާލަމުން މުޅިން އާހަޔާތަކަށް އަހަރެން ދަތުރުފެށީއެވެ.

ހައިކަލް އަހަރެންގެ އަތުގައި ހިފައިގެން ބެލްކަންޏާއި ދިމާއަށް ގެންދަން އުޅުނީ އެއްޗެއް ދައްކަންވެގެންނެވެ. އަހަރެން ދެކޮޅުހެދީ އަހަރެން ލާފައިވާ ނައިޓީގެ ސަބަބުންނެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެއްނޫންހެއްޔެވެ. ހައިކަލް އަހަރެން ގެނެސް އެ އަތުގެ ތެރެއަށްލާ ވާހަކަދައްކާލުމުން އެކަމަށް އެންމެފަހުން އެއްބަސްވެވުނީއެވެ. އެހެނީ ގަޑީގެ ގޮތުން މީހުންތިބޭނީ އެމީހުންގެ އަރާމުނިދީގެތެރޭ ހުވަފެންބަލަންކަން އެނގޭތީއާއެކު ވެސް މެއެވެ. ދޮރުފޮތިގަނޑު އެއްފަރާތްކޮއްލުމާއިއެކު ކޮޓަރިތެރެ އަލިވެގެންދިޔައީ އުޑުގައި ފުރާފުރިހަމަވެފައިވާ ބޮޑުހަނދުން އެޅިގެންދިޔަ ނަލަނަލަ ރިހިހަނދުވަރުންނެވެ. އަހަރެން ހައިކަލް އާއިއެކު ހޭދަކުރާ ކޮންމެ ރެއެއް މިފަދަ ރެއަކަށް ވުމަށް ހިތްއެދެވުނެވެ. ބެލްކަނީގެ ދޮރުން ކޮޓަރިއަށްވަންނަމުންދިޔަ މަޑުމަޑު ރޯޅިން ކޮޓަރީގައިވި ބައެއް އުއްބައްތިތަކުގެ ހުޅުކޮޅު ނިއްވަމުންދިޔައެވެ. ހަޔާތުގައި އައި އެންމެ އުފާވެރި ރޭ ކަމުގައި މިރޭ ވެއްޖެއެވެ.

ފަތިސްވެ ދިޔައިރު ވެސް އަހަރެންނާއި ހައިކަލްގެ ލޯބީގެ އާތްވަށް ބަދަލެއްނާދެއެވެ. އަރާމުގެ ތަންމަތީގައި ލޯބީގެ ލައްޒަތު އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަމުންދިޔައީމެވެ. ކޮޓަރީގައި ޖަހާފައިވި މިއުޒިކުގެ އަޑުން އިތުރުފުރިހަމަކަމެއް ގެނެސްދެމުންދިޔައިރު އަހަރެންގެ ކަންފަތުގައި ހަރުލީ ބްރެއަން އެޑަމްސްގެ "ޕްލީޒް ފޮގިވްމީ" ލަވައެވެ. ދާދި އަވަހަށް އަހަރެންގެ ސިކުނޑިއަށް އެ ލަވައިގެ ލަފުޒުތައް ވަދެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ލަވައިގެ މައިގަނޑު ހިތާހިތުން ކިޔާލެވުނެވެ. ހަމައެވަގުތު ކަންފަތަށް އެޅިގެންދިޔަ ހައިކަލްގެ ހޫނު ނޭވާއާއެކު އޭނާގެ އަޑު ސިއްރެއް ބުނެލާ އުސޫލުން އިވިގެންދިޔައެވެ.

ހައިކަލް: "ޕްލީސް ފޮގިވް މީ، އައި ކާންޓް ސްޓޮޕް ލަވިންގ ޔޫ"

އަހަރެން ހައިކަލްގެ އަތުގެތެރޭން ތެދުވީ ތެދުވަން ބޭނުންވެގެންނެއްނޫނެވެ. އެހެންނަމަވެސް ދުވާލު ހަތަރުދަމު އެގޮތަށް އެނދުގައި އޮތުމަކީ ވެސް އަހަންނަށް ކަމުދާކަމެއްނޫނެވެ. ހައިކަލްއަށް ނިދުނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. އެއާއެކު އަހަރެންގެ ދުވަސް އެހެން ދުވަސްތަކެކޭއެއްފަދައިން ފެއްޓީމެވެ.

ގޭތެރޭގައި އުޅޭ އެކަކަށް ވެސް އަހަރެންނާއި ހައިކަލްއާ ދެމެދު ހިނގާ ކަންތައްތަކެއް ނޭގޭނެއެވެ. ނަމަވެސް އެމީހުންނަށް ކޮންމެވެސް ބަދަލުތަކެއް ފެންނާނެކަން ގައިމެވެ. އަހަރެން ހެދުނުގެ ސައިކަންތަކާއި ބަދިގެއަށް ވަންއިރު ހުސްނާ އާއި ލަކްޝްމީވަނީ ހެދުނުގެ ސައި ތައްޔާރުކޮއް ނިމިފައެވެ. ނަމަވެސް ހައިކަލްއާ ވަކިން ސައިބޯ ހިތެއް ނުވިއެވެ. އަނެއްކޮޅުން އަހަރެންގެ ދެ ލޯ މެރެނީއެވެ. ވަރުބަލިވެ ނިދިއައިސްގެންނެވެ. ހުސްނާއާ މިއަދުގެ ހުރިހާ އިރެއްގެ ކެއުން ހަވާލުކުރުމަށްފަހު އަހަރެން ދިޔައީ ހައިކަލްގެ ގާތަށެވެ. އޭނާއަށް ފެންނަ އެއްޗެއް ހެދުމަށް ދޫކޮށްލީއެވެ.

ހައިކަލް އުޅުނު ކޮޓަރިއަކީ މިހާރު އަހަރުމެން ދެމަފިރިންގެ ކޮޓަރިއެވެ. އަހަރެން ރީތިވާ މޭޒުމަތީގައި އޮތް އަހަރެންގެ މާޒީގެ ހަނދާން ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު ކުޑަ ކޮޓަރިއަށް ގޮސް ވަނީމެވެ. އަދި ފޮރުވާފައި އޮތް ތި އެކުވެރިޔާގެ ސަފުހާތަކުގެ ތެރެއަށް ލީމެވެ. އަބަދަށް ރައްކާކުރުމަށެވެ. އެއީ އަހަރެންގެ ހަށިގަނޑާއި ވަކިކުރި އަޒާންގެ ހަނދާންތަކެވެ. ތި އެކުވެރިޔާ މޭޒުގެ ވަތްގަނޑަށް ލާފައި ކުޑަ ކޮޓަރިން ނުކުމެ އެނބުރި ހައިކަލްގެ ކޮޓަރިއަށް ވަނީމެވެ. އޭރު ވެސް ހައިކަލް އޮތީ ގަދަ ނިދީގައެވެ. އަހަރެން ވެސް އަވަސް ވެލީ އެނދަށް އަރާށެވެ.

* * * * *

އަހަންނަށް ހޭލެވުނީ ހައިކަލްގެ ލާނެތް ބީހުންތަކުންނެވެ. މެންދުރުން އަނބުރައިފިކަން އެނގުމުން އަވަހަށް ތެދުވަން މަސައްކަތްކުރީމެވެ. ނަމަވެސް ހައިކަލް އެކަމަށް އެއްބަހެއްނުވިއެވެ. އެއީ ކޮންކަހަލަ ބާރެއް ހެއްޔެވެ. ހަތަރުކަޅި ބައްދަލުވާ ހިނދު އެ ލޮލުގެ ތެރެއަށް އަހަރެން ގެބިގެންދަނީ އެއްވެސް ބާރެއްނެތިއެވެ. އުމުރުން ސާޅީސް އަހަރު ވާން އުޅޭ އިރު ވެސް އޭނައެކޭ އިއްޔެމެންދުރުގެ ނޫކަށިފުރައިގެ ޒުވާންކުއްޖެކޭ އެއްފަދައެވެ. އަންނަ އަހަރު ހައިކަލްއަށް ސާޅީސް އަހަރު ފުރޭނެއެވެ. އަހަންނަށް ތިރީސް ހަތް އަހަރު ފުރޭނެއެވެ. ދިރިއުޅުމެއް ދެ މީހުންނަށް ވެސް މި ލިބުނީ އަދިކިރިޔާއެވެ. އުމުރުގެ ބޮޑުބައި ދިޔަ ފަހުންނެވެ.

ހައިކަލްގެ އަތުގެ ތެރޭގައި އޮތްއިރު އަހަންނަށް ޒޭންގެ ވާހަކަ އަހާލާނެހާ ހިތްވަރު ލިބުނު ގޮތެއް ނޭގުނެވެ. ނަމަވެސް އަހަންނަށް ޒޭންގެ ވާހަކަ ދެއްކެން ފެށިއްޖެއެވެ. ޒޭން އަހަންނަށް މާފުކުރާނެތޯ ހައިކަލްގެ ގާތުގައި އަހާލެވުނެވެ. ދަރިފުޅު ވަރަށް ދެކެލާ ހިތްވާ ވާހަކަ ބުނީމެވެ.

ހައިކަލް: "ޒޭންއަށް ވަގުތު ބޭނުންވާނެ. ހަޤީޤަތުގައި މިހެން މިވީ އަހަރެންގެ ސަބަބުން. އެ ދަރިފުޅު މިންނުއާ ދުރުވާން ޖެހުނީ އަހަރެންގެ ސަބަބުން. އަހަރެން ވެސް މިހާރު އެންމެ ބޭނުންވާ ކަމަކީ ޒޭން އެނބުރި އަހަރުމެން ގާތަށް އައުން. ފުރިހަމަ ޢާއިލާއެއްގެ ގޮތުގައި އުޅުން. މިންނުއާއި އަހަރެންގެ ދަރިއެއްގެ ގޮތުގައި... އެކަމަކު... މިންނުއަށް އެނގޭތަ! މާލެ އަންނަ ޚިޔާލެއް އެއްގޮތަކަށް ވެސް ޒޭން ނުކުރޭ. އޭނާ އެއްގޮތަކަށް ވެސް މި ގެއަށް އެނބުރި އަންނާކަށް ބޭނުމެއްނުވޭ. އަހަރެން ވިސްނައިދޭން މަސައްކަތް ކުރަން. މިންނުއަކީ މަންމައޭ ބުނަން. އެކަމަކު ޒޭން އެ އަޑު އަހާކަށް ބޭނުމެއްނޫން. އަހަރުމެން ދެބަފައިން ދެމެދުގައި ދެބަސްވާން ޖެހޭ މައުޟޫޢަކަށް އެކަންވަނީ ވެފައި... އިޓްސް ރިއަލީ ކޮމްޕްލިކޭޓެޑް"

އަހަރެންގެ ދެ ލޮލުން ކަރުނަ އައީ އެ ދަރިފުޅު އަހަރެންމީ މަންމަކަން އެއްކޮށް ހަނދާން ނައްތާލައިފިކަން އެނގުނީމައެވެ. އެ ދަރިފުޅަށް މައިވަންތަކަމުގެ ލޯބިދޭން ބޭނުމެވެ. އެކަމަށް ކިތަންމެ ގިނަ ދުވަހެއް ނެގިކަމުގައި ވިޔަސްއެވެ. ހައިކަލް ބުނިގޮތުގައި އޭނާ އަހަރެންގެ ވާހަކަ ޒޭން ގާތު ބުންޏަސް އަންނަނީ ރުޅިއެވެ. އެހެންވެއްޖެނަމަ ދެން އިތުރަށް އެއްވެސް ވާހަކައެއް އަޑެއްނާހާކަމެވެ. ހައިކަލްގެ ފަރާތުން އަހަންނަށް އަހަރެންގެ ދަރިފުޅު އުޅެނީ ޑޮކްޓަރުކަން ކިޔަވާ ހިތުންކަން އެނގުނެވެ. އަހަރެން ވަރަށް އުފާވިއެވެ. ދަރިފުޅަކީ ކިޔަވާ މޮޅުކުއްޖަކަށްވީމައެވެ. ދަރިފުޅު ޒޭންދެކެ، މި މަންމަ އަބަދުވެސް ލޯބިވަމެވެ. މަންމައަށް، މަންމާއޭ ކިޔާ ގޮވާލާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަމެވެ.

ހައިކަލްގެ އަތުގައި ހުރި ޒޭންގެ ފޮޓޯތަށް އަހަންނަށް ދެއްކިއެވެ. އެ ބޮޑު އަލްބަމްގައި ނުވަނީ އަހހަރެންގެ ފޮޓޯއެކެވެ. ޔޫކޭގައި ހައިކަލްއާއި ޒޭން އެކުގައި ނަގާފައި ހުރި ފޮޓޯތައް ފެނުމުން އެ ދެބަފައިންގެ ގާތްކަން އަހަންނަށް އެނނގި އިހުސާސް ވެސް ކުރެވުނެވެ. އިންތިހާއަށް ދެރަ ވެސް ވިއެވެ. މައިލަގޮނޑިއަށް ކެތްނުވީއެވެ. ދަރިފުޅުގެ ގައިގާ ލޯތްބާއެކު ބައްދާލާ ފިރުމާލަން ހިތް ތެޅިފޮޅި ގަތެވެ. އެހެންވިޔަސް އެ ދަރިފުޅު ހުރީ މާ ދުރުގައެވެ. އެ ހުރިހާ ކަމެއްގައި ޒޭންގެ އެއްވެސް ކުށެއްނެތެވެ. އެ ދަރިފުޅު މިހާރު އެ ވިސްނަނީ ބޮޑުވަމުން އައިއިރު އަހަރެން އޭނާއަށް ވިސްނަދިން ގޮތަށެވެ. (ނުނިމޭ)