ވިޔަފާރި

އެފްޓީއޭއާއެކު ޗައިނާ އިން ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވަނީ

Dec 14, 2017
3

ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާއެކު ޗައިނާ އިން ރާއްޖެ ސީދާ ފްލައިޓްތަކެއް ފެށުމަށް ފުރުސަތު އޮތުމަކީ ޓޫރިޒަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުން ތަމްސީލްކުރާ ޖަމިއްޔާ، މަޓާޓޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެފްޓީއޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މީގެ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ޗައިނާގެ އެޖެންޓުންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ނުވުމާއެކު، މީގެ ސަބަބުން ދިވެހި އެޖެންޓުންނަށް ފައިދާ ކުރާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ވިޔަފާރިތައް ހިމާޔަތް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ދެކޭ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޓްރެވަލް ކުންފުނިތައް ތަމްސީލް ކުރާ ޖަމިއްޔާ އިން ބުނީ ރާއްޖޭގެ ޓްރެވަލް އެޖެންޓުން ޗައިނާގެ ބައެއް ސިޓީތަކުގައި ގާއިމް ވެގެން ތިބުމުގެ ފުރުސަތު ފަހިކޮށްދީފައިވުމަކީ ލިބިގެންދާނެ ފައިދާއެއް ކަމަށެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ އެ ޖަމިއްޔާއިން އެފްޓީއޭ އެއްބަސްވުމާ ބެހޭ ގޮތުން ފުޅާކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

"ސަރުކާރުގެ ވުޒާރާތަކުންނާއި އެކި ދާއިރާތަކުން މައުލޫމާތު ހޯދާފައިވަނީ. އެނގުނު ގޮތުގައި މި އެއްބަސްވުމުން ޗައިނާ އަށް ސީދާ ފްލައިޓް ތަކެއް ފެށުމަށް މޯލްޑިވިއަން އަށް ވެސް ފުރުސަތު ތަކެއް ތަނަވަސް ވެގެން އެބަދޭ. ފްލައިޓްތައް އިންކްރީޒްވުމުގެ ޗާންސް ބޮޑު. ޗައިނާގެ އެއާޕޯޓްތަކުން ޗާންސް ލިބިގެންދާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުން ދިވެހި ޓްރެވަލް އެޖެންސީތަކަށް ޗައިނާގައި އޮފީސް ހުޅުވައިގެން ޗައިނާގެ ޓޫރިސްޓުން ރާއްޖެ ގެނައުމުގެ ވިޔަފާރި އެ އެޖެންސީތަކަށް ކުރެވޭ ގޮތަށް ހުއްދަ ދީފައިވެ އެވެ. ޗައިނާގެ ތިން ސިޓީއެއްގައި ގާއިމްވެ ތިބެން ހުއްދަ ލިބޭނެ އެވެ. މިގޮތުން މި ހުއްދަ ލިބޭ ސިޓީތަކުގެ ތެރޭގައި ބެއިޖިން އާއި ޝެންހާއީ އަދި ޓިއެންޖިން ހިމެނެ އެވެ.

ރާއްޖެއަކީ ޗައިނާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ގައުމެކެވެ. މިގޮތުން މި އަހަރުގެ މިހާތަނަށްވެސް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރީ އެ ގައުމުންނެވެ. އަދި ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީއަށް ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރު ކުރެ އެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) ގެ ހިސާބުތައް ދައްކާ ގޮތުގައި ޗައިނާ ޓޫރިސްޓުން މިދިޔަ އަހަރު ގައުމުން ބޭރުގައި 261 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.