ވިޔަފާރި

ދިވެހި ޓްރެވަލް އެޖެންސީތައް ޗައިނާގައި ހިންގަން ހުއްދަ ދެނީ

  • ދިވެހި ކުންފުނިތަކަށް ތިން ސިޓީގައި ތިބެވޭނެ
  • އައުޓްބައުންޑް ޓްރެވަލް ސާވިސް ހިދުމަތް ދެވޭނެ
  • ޗައިނާއިން މިގޮތަށް ގައުމަކަށް ދޭ ފުރަތަމަ ފުރުސަތު

ޗައިނާ- ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހި ޓްރެވަލް އެޖެންސީތަކަށް ޗައިނާގައި އޮފީސް ހުޅުވައިގެން ޗައިނާގެ ޓޫރިސްޓުން ރާއްޖެ ގެނައުމުގެ ވިޔަފާރި އެ އެޖެންސީތަކަށް ކުރެވޭ ގޮތަށް ހުއްދަ ދޭން ނިންމައިފި އެވެ.

"އަވަސް" އަށް ލިބިފައިވާ ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އެއްބަސްވުމުގެ ކޮޕީގައިވާ ގޮތުން، ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ޗައިނާގެ ތިން ސިޓީއެއްގައި ގާއިމްވެ ތިބެން ހުއްދަ ލިބޭނެ އެވެ. މިގޮތުން މި ހުއްދަ ލިބޭ ސިޓީތަކުގެ ތެރޭގައި ބެއިޖިން އާއި ޝެންހާއީ އަދި ޓިއެންޖިން ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީން މި ހަފުތާގައި ޗައިނާ އަށް ކުރެވި ޒިޔާރަތުގައި ސޮއިކުރައްވާފައިވާ އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުން، ދިވެހިކުންފުނިތަކަށް ޗައިނާގައި ތިބެ އައުޓްބައުންޓް ޓްރެވަލް ސާވިސަސް، ނޫނީ ޗައިނާ ޓޫރިސްޓުން ރާއްޖެ ގެނައުމުގެ ވިޔަފާރި ހިންގުމުގެ ހުއްދަ ދޭނެ އެވެ. މިއީ މި ގޮތަށް އެހެން ގައުމެއްގެ ކުންފުނިތަކަށް ޗައިނާ އިން މި ހުއްދަދޭ ފުރަތަމަ ފަހަރު ކަމަށް މަޖިލީހަށް ފޮނުވި މައުލޫމާތު ކަރުދާހުގައި ސަރުކާރުން ބުނެފައިވެ އެވެ.

ޗައިނާގެ ތިން ސިޓީއެއްގައި ދިވެހި ކުންފުނިތައް ގާއިމްވެ ތިބެ، ޓްރެވަލް ސާވިސް ދިނުމުގެ ފުރުސަތު ފްރީޓްރޭޑް އެގްރިމެންޓުން ތަނަވަސް ކުރަން ނިންމާފައިވާއިިރު، ޗައިނާއަކީ ރާއްޖެއަށް މިހާރު ވެސް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. ނަމަވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ގައުމުގެ މާކެޓު ވަނީ ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު ވެސް ބޮޑު ތަކުން ދަށަށް ގޮސްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާ މާކެޓުން މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 236,728 މީހުންނެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 259,679 މީހުންނާ އަޅާބަލާއިރު 8.8 ޕަސެންޓް ދަށް އަދަދެކެވެ.