ވިޔަފާރި

އެފްޓީއޭއަކީ ޓޫރިޒަމަށް ހުޅުވޭނެ އާ ދޮރެއް: މިނިސްޓަރު ޒަމީރު

ޗައިނާ އާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި މިއީ ޓޫރިޒަމް ސިނާއަތަށް ހުޅުވިގެންދާ އާ ދޮރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) އާ ބެހޭ ގޮތުން، މިނިސްޓަރު ޒަމީރު "އަވަސް" އަށް ވިދާޅުވީ އެފްޓީއޭގައި ހިމަނާފައިވާ ކަންތައްތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ގެއްލުމެއް ނުވާނެ ކަމަށާއި މިއީ ދިވެހިންނަށް ހުޅުވިގެންދާ އާ ދޮރެއް ކަމަށެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ދިވެހި ޓްރެވަލް ކުންފުނިތައް ޗައިނާގައި އޮޕަރޭޓް ކުރަން ހުޅުވާލާފައިވާ ފުރުސަތަކީ ޗައިނާ ސަރުކާރުން އެއްވެސް ގައުމަކަށް މިހާތަނަށް ދިން ފުރުސަތެއް ނޫން ކަމަށެވެ.

"މިއީ ބޮޑު ފުރުސަތެއް. ޗައިނާގައި އޮފީސް ހަދައިގެން ހިންގުމަކީ. މިއީ ރާއްޖެއަށް ހާއްސަ ހުއްދައެއްގެ ދަށުން ލިބޭ އިނާޔަތެއް. ވަރަށް ބޮޑު ފައިދާއެއް ވާނެ،" ޒަމީރު ވިދާޅުވި އެވެ. އެފްޓީއޭގައިވާ ގޮތުން ޗައިނާގެ ތިން ސިޓީއެއްގައި ދިވެހި ޓްރެވަލް އެޖެންޓުންނަށް އޮފީސް ހުޅުވައި އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ ގެނައުމުގެ ވިޔަފާރި ކުރެވޭނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރުވެސް ބޭރު މީހުން ދިވެހި ގިނަ ސިނާއަތްތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށާއި އެފްޓީއޭއިން މި އަންނަނީ ވެސް ހަމަ މި މޮޑެލް ކަމަށެވެ. އެގޮތުން ލިވަބޯޑް އިންޑަސްޓްރީގައި ވެސް ބޭރުގެ އިންވެސްޓްމަންޓްތައް މިހާރު ވެސް ގިނަ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ލިވަބޯޑް އޮޕަރޭޓް ކުރުން ޗައިނާ އިންވެސްޓަރުންނަށް ހުޅުވުމަކީ މާކެޓްގައި ތިބި ދިވެހިންނަށް އުނދަގޫވާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ލިވަބޯޑް މި އޮތީ ދިވެހިންނަށް. އެކަމަކު ބިދޭސީން ފައިނޭންސް ކޮށްދޭ މިހާރު ވެސް. އަޅުގަނޑަކަށް ހީވަނީ ހަމަ މިއީ އެ މޮޑެލް ހެން. މިއީ ދިވެހިންނަށް ލިބޭ ފުރުސަތެއް. ޗައިނާ މީހުންނާ ގުޅިގެން ފުޅާ ކުރެވޭނެ. ޓޫރިސްޓު އެރައިވަލް އިތުރު ކުރަން މުހިންމުކަމެއް މިއީ. އަޅުގަނޑަށް ހީވަނީ ދިވެހި ކުންފުނިތަކަށްވެސް ޕާޓްނާޝިޕް ހަދައިގެން މަސައްކަތް ކުރަން ހުޅުވޭ ފުރުސަތެއްހެން،" ޒަމީރު ވިދާޅުވި އެވެ.

މިހާރު ލިވަބޯޑް މި އޮތީ ދިވެހިންނަށް. އެކަމަކު ބިދޭސީން ފައިނޭންސް ކޮށްދޭ މިހާރު ވެސް. އަޅުގަނޑަކަށް ހީވަނީ ހަމަ މިއީ އެ މޮޑެލް ހެން. މިއީ ދިވެހިންނަށް ލިބޭ ފުރުސަތެއް. ޗައިނާ މީހުންނާ ގުޅިގެން ފުޅާ ކުރެވޭނެ. ޓޫރިސްޓު އެރައިވަލް އިތުރު ކުރަން މުހިންމުކަމެއް މިއީ. އަޅުގަނޑަށް ހީވަނީ ދިވެހި ކުންފުނިތަކަށްވެސް ޕާޓްނާޝިޕް ހަދައިގެން މަސައްކަތް ކުރަން ހުޅުވޭ ފުރުސަތެއް
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އެފްޓީއޭގެ ސަބަބުން ޓޫރިޒަމްގެ އެއްވެސް ސިނާއަތަކަށް ގެއްލުމެއް ނުވާނެ ކަމަށެވެ. އަދި އެފްޓީއޭ ހަދާފައިވާނީ ވޯލްޑް ޓްރޭޑް އޮގައިޒޭޝަން (ޑަބްލިއުޓީއޯ) އިން ގަބޫލުކުރާ މިންގަނޑުގެ ތެރެއިން ރާއްޖެ އިން ހުއްދަ ކުރާ ލިމިޓުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"މީގެ ސަބަބުން ރާއްޖެ އަށް ފައިދާ ކުރާނެ. ކުރިން ގަބޫލު ކުރަމުން އައި އިކޮނޮމިކް އިންޑިކޭޓާސް އިތުރު ވެގެންދާ ގޮތަށް ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާ މިއޮތީ. ކުރިން 1.5 މިލިއަން ޓޫރިސްޓުންނަށް ޓާގެޓް ކުރީ. ނަމަވެސް ރައީސް ޔާމީންގެ ޓާގެޓް މިވަނީ ފަސް މިލިއަން ނޫނީ ހަ މިލިއަން ޓޫރިސްޓުންނަށް. އެހެންވީމަ ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ. ޓެކްސް އިތުރު ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެފްޓީއޭގެ ފައިދާ ދިވެހިން އެންމެ ރަނގަޅު ގޮތުގައި ނަގަން ޖެހޭ ކަމަށެވެ.

"އެކަމަށް ތައްޔާރު ނުވެ، ޗައިނާ ކަހަލަ ގައުމުތަކަށް އެފްޓީއޭ އަށް އިންވައިޓް ކޮށްފިނަމަ ވިޔަފާރި ކޮޅު ދާނެ. އެކަމަކު އެކްސް ޕޭންޝަންއެއްގައި ތިބިއިރު މިފަދަ އެއްބަސްވުމުގެ ސަބަބުން ވާނީ ފައިދާ،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީއެއް އެއްބަސްވުމުގައި ސޮއިކުރިއިރު، ރާއްޖެ އިން ޑިއުޓީ އުނިކުރާނީ ޗައިނާ އިން ރާއްޖެ ގެންނަ 8،626 މުދަލަކަށް ކަމަށެވެ. އަދި ރާއްޖެ އިން ޗައިނާ އަށް އެތެރެ ކުރާ މުދަލުގެ ތެރެއިން 8،277 ބާވަތަކުން ޑިއުޓީ އުނިކުރާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭން 64 ދާއިރާއެއް ހުޅުވާލާއިރު، ޗައިނާ އިން 98 ދާއިރާއެއް ހުޅުވާލާނެ އެވެ. މިގޮތުން ޗައިނާގެ ގިނަ އަދަދެއްގެ މުދާ ޑިއުޓީ މައާފުކޮށް ރާއްޖެއަށް އެތެރެ ކުރެވޭނެ އެވެ. އަދި ކުރިއަށް އޮތް އަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ގެންނަ މުދާ ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ސިނާއަތްތަކުގައި ޗައިނާ ކުންފުނިތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ.