ވިޔަފާރި

ގެސްޓްހައުސް ވިޔަފާރިއަށް އެފްޓީއޭގެ ފައިދާ ބޮޑުވާނެ: މިނިސްޓަރު

ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރިއަށް ޗައިނާއާއި ރާއްޖެއާ ދެމެދު އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ފައިދާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެފްޓީއޭ އެއްބަސްވުމުގެ ސަބަބުން ހަމައެކަނި ފައިދާ ކުރާނީ ހަމައެކަނި ރާއްޖޭގެ މަސްވެރިކަމަށް ނޫން ކަމަށާ، ގެސްޓްހައުސް ވިޔަފާރިއަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"ރާއްޖޭގައި 2000 ގިނަ ބެޑްސް އުފެދިއްޖެ. މި ގެސްޓްހައުސްތަކަށް ކީއްވެގެންތޯ ފަތުރުވެރިން އައުމުގައި ގޮން ޖެހުންތައް ދިމާވަނީ؟ ކިހިނެއްތޯ އެ ފަތުރުވެރިކަން އިތުރު ކުރާނީ؟ ރާއްޖެ އަށް ޒިޔާރަތް ކުރާ ކަސްޓަމާ ޕްރޮފައިލްގެ 20 ނޫނީ 22 ޕަސެންޓަކީ ކޮން ގައުމަކުން އަންނަ މީހުނެއް ތޯ؟ އަޅުގަނޑުމެން އެއާޕޯޓަށް މި ކުރާ އިންވެސްޓްމަންޓުގައި 26،000-30،000 އެނދަށް މި ލިބޭ އޮކިއުޕެންސީގައި ޓޫރިސްޓުން މި އަންނަނީ ކިހާވަރެއްގެ އަގެއް ޕޭކޮށްގެންތޯ؟ ކީއްވެންތޯ؟ ގެސްޓްހައުސްތަކަށް، ރިސޯޓުތަކާ އެއްވަރަށް ފަތުރުވެރިން ނާންނަނީ؟ އައުމުގައި ހުރި ގޮންޖެހުންތަކީ ކޮބައިތޯ؟،" މިދިޔަ ހަފުތާގައި މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓްހައުސްތަކަށް ކީއްވެގެންތޯ ފަތުރުވެރިން އައުމުގައި ގޮން ޖެހުންތައް ދިމާވަނީ؟ ކިހިނެއްތޯ އެ ފަތުރުވެރިކަން އިތުރު ކުރާނީ؟ ރާއްޖެ އަށް ޒިޔާރަތް ކުރާ ކަސްޓަމާ ޕްރޮފައިލްގެ 20 ނޫނީ 22 ޕަސެންޓަކީ ކޮން ގައުމަކުން އަންނަ މީހުނެއް ތޯ؟ އަޅުގަނޑުމެން އެއާޕޯޓަށް މި ކުރާ އިންވެސްޓްމަންޓުގައި 26،000-30،000 އެނދަށް މި ލިބޭ އޮކިއުޕެންސީގައި ޓޫރިސްޓުން މި އަންނަނީ ކިހާވަރެއްގެ އަގެއް ޕޭކޮށްގެންތޯ؟ ކީއްވެންތޯ؟
މިނިސްޓަރު ސައީދު

ސައީދު ވިދާޅުވީ ރާއްޖެއިން ޓޫރިސްޓު އެނދުތައް އިތުރުކޮށް، އިތުރު އެއާލައިންތައް ގެންނަން ބޭނުންވާ ކަމަށެވެ.

"އިތުރު ކުދި ވިޔަފާރިތައް އުފައްދައި، ވަޒީފާ އިތުރު ކުރަން ބެލިނަމަވެސް ގެސްޓްހައުސް ދާއިރާއިން އެކަނިވެސް. އަންނަ މަތިންދާ ބޯޓުގެ އަދަދު އިތުރުވާނަމަ ހަމައެކަނި ލަގެޖު އުފުލަން ޖެހޭކަމަށްވާނަމަ ދެން ބާކީ ސްޕޭސް އަށް އަންނަ ކޮސްޓް ކަވަރު ކުރާނީ ޕެސެންޖަރުންގެ ޓިކެޓުން. އެހެންވެ ޓިކެޓު ބޮޑު ވެގެންދޭ. އެހެންވެ ގެސްޓްހައުސް ކޮޓަރި ވިއްކާއިރު ކޮޓަރީގެ އަގު ޑަބަލް ތިރި ކުރަން ޖެހޭ. ކަސްޓަމަރުން ޓިކެޓަށް ކުރާ ހަރަދު ބޮޑު ވީމަ އާހިރުގައި ގެސްޓްހައުސްގެ އަގު އެބަ ބޮޑުވޭ. އެހެންވީމަ މީގެ މުޅި ޖުމްލަ ނަފާ އަސްލު ލިބޭނީ ރާއްޖެ އަށް،" ގިނަ ދުވަސްތަކެއްގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ސައީދު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ އެފްޓީއޭ އެއްބަސްވުމުގެ ދަށުން، ރާއްޖޭން 64 ދާއިރާއެއް ހުޅުވާލާއިރު، ޗައިނާ އިން 98 ދާއިރާއެއް ހުޅުވާލަން އެބަސްވެފައިވެ އެވެ. މި އެއްބަސްވުމުގައި ޗައިނާ އިން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އާއި އެކައުންޓިން އަދި އޮޑިޓިން ދާއިރާގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި ފޮޓޯގްރަފީ ދާއިރާ އަދި ޕެކޭޖިންގެ ހިދުމަތް ދިނުމާއި ރެންޓަލް އެންޑް ލީޒިން ހިދުމަތްތައް ހިމެނެ އެވެ. މީގެ އިތުރުން ސިނަމާ އާއި ތިއޭޓަރުގެ ހިދުމަތުގެ އިތުރުން ފްރެންޗައިޒިންގެ ހިދުމަތް އަދި ބޭންކިންއާ ގުޅުންހުރި ހިދުމަތްތައް ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް އަދި ޓްރެވަލް އެޖެންސީ ދާއިރާ އެޕާޓްމަންޓް ބިލްޑިން އާއި ރެސްޓޯރެންޓް ހެދުމާއެކު، އެއާ ޓްރާންސްޕޯޓް ހިދުމަތް ހިމެނެ އެވެ. އަދި ޕެސެންޖާ ސާވިސަސް ހިމެނެ އެވެ.

ރާއްޖޭން ހުޅުވާލާ ދާއިރާތަކުގެ ތެރޭގައި ޓެކްސް އެޖެންޓުންނާއި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި ބައެއް ދާއިރާތައް އަދި މާކެޓިން އަދި ސޭލްސް ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި މީގެ އިތުރުން އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖޭގައި ބޭރު މީހުންނަށް ވިޔަފާރި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ބައެއް ދާއިރާތައްވެސް އެފްޓީއޭއާއެކު ޗައިނާގެ ވިޔަފާރިތަކަށް ހުޅުވާލާފައިވުމެވެ. މިގޮތުން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ހޮޓެލް އެންޑް ރެސްޓޯރެންޓް ދާއިރާ އާއި ލިވަބޯޑް ހިންގުމާއި އޮޕަރޭޓް ކުރުމުގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް އެންޑް ޓްރެވަލް ރިލޭޝަން ސާވިސަސްގެ ދާއިރާ އާއި ޓްރެވަލް އެޖެންސީ އަދި ކޮމިޔުނިކޭޝަންގެ ދާއިރާ އަދި ތައުލީމީ ދާއިރާ ހިމެނެ އެވެ.

އެފްޓީއޭގެ ސަބަބުން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމުން ދައުލަތުގެ އާމްދަނީ އިން 7.8 މިލިއަން ޑޮލަރު (120.3 މިލިއަން ރުފިޔާ) އުނިވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވެ އެވެ.