ބޮލީވުޑް

އާމިރުގެ އަންހެނުންގެ ރޯލުކުޅެން މަލިކާ ބޭނުން

May 1, 2015

މިދިޔަ މަހު ފަހެއްގައި ރިލީޒްކުރި ފިލްމު "ޑާޓީ ޕޮލިޓިކްސް"އަށް ފަހު ބަތަލާ މަލިކާ ޝަރާވަތުގެ އަޑެއް ނީވެ އެވެ.

މިހާރު މަލިކާ އަންނަނީ އާމިރު ޚާން ލީޑްރޯލުން ފެނިގެންދާ ފިލްމު "ޑަންގާލް"ގައި އޭނާގެ އަންހެނުންގެ ރޯލު ކުޅުމަށް ފުރުސަތެއް ލިބޭތޯ ބަލަމުންނެވެ.

އެގޮތުން "ޑަންގާލް"ގައި އާމިރުގެ އަންހެނުންގެ ރޯލުކޮޅުމަށް މަލިކާ ވަނީ އޮޑިޝަން ވެސް ދީފައިކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވެ އެވެ. އެހެންނަމަވެސް މިކަން މިފިލްމު އުފައްދާ ފަރާތުންވެސް އަދި މަލިކާ ވެސް ޔަގީންކޮށްދީފައެއް ނުވެ އެވެ.

ނަަމަވެސް މަލިކާ ވަނީ މިފިލްމާ ބެހޭގޮތުން ލިޔެފައިވާ އާޓިކަލްއެއްގެ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ. އަދި މަލިކާގެ ޓްވީޓްގައި ވަނީ އޭނާ މިފިލްމުގައި ބައިވެރިވާން ވަރަށް ބޭނުންވާ ވާހަކަ ލިޔެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޮޑިޝަންގައި މަލިކާ ވަނީ ހަރްޔަންވީ ބަހުން އޭނާއަށް އިނގޭ ޑައިލޮގްތައް ވެސް ކިޔާދީފަ އެވެ. އަދި މަލިކާ އޮޑިޝަންދޭން އައި އިރު އެއްވެސް ވަރަކަށް މޭކަޕްކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ވެސް އެހެން ބަތަލާއިންނަށް މިބަހުން ވާހަކަދައްކަން އުނދަގޫތަކާ އަބަދުވެސް ކުރިމަތިވާއިރު، މަލިކާ އަކީ ޕަންޖާބަށް ނިސްބަތްވާ މީހަކަށްވުމުން އޮޑިޝަންގައި ވަރަށް ފަސޭހައިން ޑައިލޮގްތައް ވެސް ކިޔާދީފައިވާކަމަށްވެ އެވެ.

"ޑަންގާލް"އަކީ ހަރިޔާނާގެ ބަލާލީއަށް ނިސްބަތްވާ ކުރީގެ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް އާއި އޭނާގެ ދެއަންހެން ދަރިންކަމަށްވާ ގީރާ އާއި ބަބީތާ އަށް ގޭގައި ރެސްލިން ތަަޅަން ދަސްކޮށްދީގެން އެމީހުން ތާރީހީ ކާމިޔާބީއަކާ ހަމައަށް ގެންގޮސްދޭގޮތް ދައްކުވައިދޭ ފިލްމެކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ޝޫޓިން ފެށުމަށް ހަަމަޖެހިފައިވާ މިފިލްމުގައި އާމިރު ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ވަނީ ބަރުދަން 90 ކިލޯއަށް ޖައްސާފަ އެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ މިފިލްމުގައި އާމިރްގެ ދެ އަންހެންދަރިންގެ ރޯލުކުޅުމަށް މުޅިން އާ ދެމޫނެއްކަމަށްވާ ފާތިމާ ޝައިޚް އާއި ސާނިޔާ މަލްހޯތުރާ ވަނީ ހަމަޖައްސާފަ އެވެ.