ފިނިޕޭޖް

އާ އަހަރު ޝޯ ގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި

މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ އާ އަހަރު ޝޯ ބޭއްވުމަށް ފަސް ޕާޓްނަރުންނާ އެކު ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީން ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ)، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)، ސިވިކް، ބޭރުގެ ތަރިން ރާއްޖެ ގެނައުމަށް ބޭނުންކުރާ އެޖެންޓެއްގެ ގޮތުގަ އިންޑިއާގެ ޕީއެމްއީ އަދި އެ ޝޯގެ ޕީއާރްގެ ގޮތުގައި ޗޮޕްއާޓްއާ އެވެ.

އާ އަހަރުގެ ޝޯ އާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ މި އަހަރުގެ ޝޯއަށް ރާއްޖެ ގެންނަން ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ލަވަކިއުންތެރިޔާ ރާހަތުފަތު އަލީ ހާން އަދި މީކާ ސިންގް އެވެ. އަދި އިންޑިއާގެ އިތުރު ފަންނާނުންތަކެއްގެ ޕާފޯމަންސްވެސް ފެނިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ހާއްސަ ފެނިލުންތަކަށް އިންޑިއާގެ އޭލިސްޓު ބައެއް ސެލެބްރިޓީން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލިމަސް ކާނިވަލުގައި އެ ޝޯ ބާއްވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެރޭގެ 7:30 ފެށިގެން ޝޯ އަށް މީހުން ވައްދަން ފަށާނެ ކަމަށާއި ނުވައެއް ޖަހާކަށްހާއިރު ޝޯ ފަށާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ޓޫރިސްޓު ކައުންޓްޑައުންވެސް ޝޯގެ ތެރޭގަ އޮންނާނެ ކަމަށާއި އާ އަހަރު ފެށުން ފާހަގަކުރަން ހަވާއެރުވުންވެސް އޮންނާނެ ކަމަށެވެ.

ރާހަތުފަތު އަލީ ހާންގެ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި ބޮލީވުޑްގެ ހިޓް މޫވީ އޯމްޝާންތި އޯމްގެ "ޖަގަ ސޫނާ ލާގޭ" ލަވަ އާއި އަދި ޕްރިޔަންކާ ޗޯޕްރާ އާއި ރަންބީރު ކަޕޫރު ހަރަކާތެރިވި އަންޖާނާ އަންޖާނީގެ "ތޫނަޖާގެ އާސްޕާސް ހޭ ހުދާ"، ހީޔޯގެ "ޔަދަ ތެރެ ޔާދިޔާ" ފަދަ އެތަށް ލަވައެއް ކިޔާފައިވެ އެވެ. މީގެ އިތުރުން ރާއްޖެ އަންނަ މީކާ ސިންގް ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ހައުސްފުލްގެ "އާޕްކިޔާ ހޯގާ އަލީ ޖާނޭ' ހިމެނެ އެވެ. އަދި ކިލާޅީ 786 ގެ "ލޯންގް ޑްރައިވް" ހިމެނެ އެވެ.

ންޑިޔާގެ ދެ ލަވަ ކިއުންތެރިންނާއި ބައެއް ތަރިން ރާއްޖެ އަންނައިރު އިންޑިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓެވެ. މި އަހަރުގެ ނިޔަލަށް އެ ގައުމުން 63,141 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 50,369 މީހުންނާ އަޅާބަލާއިރު 25.4 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިސްޓް އެރައިވަލް ކައުންޑައުން ޝޯގެ ނަމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބް ރައީސް އަހުމަދު އަދީބުގެ އިސްނެގުމަކަށް ފެށި މި ޝޯ އެންމެ ކުލަގަދަކޮށް ބާއްވާފައިވަނީ 2015 ވަނަ އަހަރު އެވެ.