ވިޔަފާރި

ބީއެމްއެލްއިން އޭޝިޔާގެ ބޮޑު ބޭންކިން ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ

ބޭންކޮ އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަންނަ އަހަރު އޭޝިއާ ސަރަހައްދުގެ ބޮޑު ބޭންކިން ކޮންފަރެންސް އެއް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ. މި ކޮންފަރެންސްގައި އޭޝިއާ ސަރަހައްދުގެ އެންމެ ކުރީސަފުގައި ހިމެނޭ 80 ބޭންކަކުން ބައިވެރިވާނެ އެވެ.

އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) އިން ވަނީ އެ ޖަމިއްޔާގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރުނބާ މޯލްޑިވްސްގައި ބާއްވާނެކަން ހާމަކޮށްފަ އެވެ.

އޭބީއޭގެ ބޯޑުގައި ބީއެމްއެލް ތަމްސީލްކުރާނީ ބީީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ އެވެ.

އެންޑްރޫ ހީލީ ވިދާޅުވީ އޭޝިއަން ބޭންކާސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް ބާއްވާނެ ގައުމަކަށް ރާއްޖެ ކަނޑައަޅައި އެ ކޮންފަރެންސް ބާއްވާނެ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖެހުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެފަދަ ޝަރަފުވެރި ހަރަކާތެއް ބޭއްވުމަށް ލިބުނު ފުރުސަތަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ނުފޫޒުގަދަ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާގެ އިތުރުން ރާއްޖެ ދައްކާލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އެންޑްރޫ ހީލީ ވިދާޅުވި އެވެ.

އޭޝިއާ ސަރަހައްދުގެ ބައިވެރިންނާއި އެދާއިރާގެ މަޝްހޫރު ބައިނަލްއަގްވާމީ ވާހަކަދެއްކުންތެރިންނާއެކު ޖުމްލަ 160 އަށް ވުރެ ގިނަ ފަރާތަކުން އެ ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އޭޝިއާގެ 25 ގައުމެއްގެ 80 ބޭންކާއި އެކު އޭބީއޭ އިން މަސައްކަތް ކުރަމުން ދަނީ ބޭންކިން އަދި ފައިނޭންސް ސިނާއަތަށް ކުރިއެރުން ހޯދައިދިނުމަށާއި މި ސަރަހައްދުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ.