ލައިފްސްޓައިލް

ހަމަ ނިދި ނުލިބުން، ދަރިން ލިބުމަށް ހުރަސް އެޅޭ

Dec 15, 2017
1

އަހަރެމެންގެ ބިޒީ ލައިފް ސްޓައިލް ހުންނަ ގޮތުން ވަކި ގަޑިތަކަށް ނިދާ ވަކި ގަޑި ތަކަކަށް ކެއުން ބެހެއްޓުން އޮންނަނީ މާ މުހިންމު ކަމަކަށް ނުވެފަ އެވެ. ގިނަ ފަހަރަށް ސިއްހަތާއި ދޭތެރޭ ވިސްނާލެވޭ އިރު އޮންނަނީ މިހާގެ ޒުވާން ދުވަސްވަރު ކޮންމެ ވެސް ބައްޔެއްގެ ޝިކާރައަކަށް ވެފަ އެވެ.

ނަމަވެސް ނިދުމާއި ކެއުމަކީ އިންސާނާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެންމެ އިސްކަންދޭންޖެހޭ ދެ ކަންތަކެވެ.

މިގޮތުން ހަމަ ނިދި ނުލިބުމަކީ ފިރިހެނުން ދަރިފަނި އުފެއްދުމަށް ހުރަސް އެޅޭ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ޔުނިވަސިޓީ އޮފް ސަދަން ޑެންމާކުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ހަމަ ނިދި ނުލިބޭ ޒުވާން ފިރިހެނުންގެ ހަށިގަނޑުން ދަރިފަނި އުފައްދާ މިންވަރު ރަނގަޅަށް ނިދައިގެން އުޅޭ ފިރިހެނުންނަށްވުރެ ދަށް ކަމަށެވެ. ހަމަ ނިދި ނުލިބުމުގެ މައްސަލަ އަންހެނުންނަށް ދިމާވުމަކީ އެމީހުންނަށް ވެސް ދަރިމައިވުމުގެ މައްސަލަ ދިމާވާން މެ ދުވެރިވާނެ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ.

މީގެއިތުރުން ވެސް ލޭ މައްޗަށް ދިއުމާއި ބަރުދަން އިތުރުވުމަކީ ވެސް ހަމަ ނިދި ނުލިބޭނަމަ ދިމާވާ މައްސަލަތަކެވެ. އެގޮތުން ހަ ގަޑިއިރަށް ވުރެ މަދުން ނިދާ މީހުން ފަލަވާން މެދުވެރިވެ އެވެ. އަދި ލޭ މައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެ ސްޓްރެސް ހޯމޯން ހަށިގަނޑުން އުފައްދާ މިންވަރު ވެސް އިތުރުކޮށްދޭ ކަމަށް ސައިންސް ބުނެ އެވެ. އަދި މާ ގިނައިން ނިދުމަކީ ވެސް ސްޓްރެސް ހޯމޯން އުފައްދާ މިންވަރު އިތުރުކޮށް ހަށިގަނޑަށް ގެއްލުން ހުރި ކަމެއް ކަމަށް ދިރާސާއިން ދައްކަ އެވެ.

ހަމަނިދި ނުލިބުމަކީ މީހާގެ ދިފާއީ ނިޒާމް ބަލިކަށިކޮށްދީ ހަށިގަނޑުގައި ޖަރާސީމު އަށަގަންނަން ފަސޭހަ ކުރުވާ ކަމެކެވެ. އަދި މިއީ މީހާގެ ހަމުގެ އުޖާލާކަން ގެއްލި އަވަހަށް މުސްކުޅި ކަމަށް ދައްކާ ކަމެއް ވެސް މެއެވެ.
އެގޮތުން ރޭގަނޑުގެ "ގުޑް ނައިޓް" ސްލީޕަކީ ސިއްހަތު ރަނގަޅު ހަމަކަށް ކޮންމެހެވެސް ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރޭގަނޑު އަވަހަށް ނިދުމަށްފަހު އަވަހަށް ހޭލުމަކީ މިގޮތުން ހަށިގަނޑަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާ އެވެ. ހާއްސަކޮށް ގިނަވެގެން އަށް ގަޑިއރު އަދި މަދުވެގެން ހަ ގަޑިއިރު ނިދަން އާދަކުރަންވާނެވެ.