ބޮލީވުޑް

"އޭބީސީޑީ2"ގެ ޓްރެއިލާ ރެކޯޑް އަދަދަކަށް ބަލައިފި

May 1, 2015

ވަރުން ދަވަން އާއި ޝްރަދާ ކަޕޫރު ލަސް ވޭގަސްގެ ނެށުމުގެ މުބާރާތެއްގައި ބައިވެރިވާ ނެށުންތެރިންގެ ގޮތުގައި ފެނިގެންދާ ފިލްމު "އޭބީސީޑީ 2" ސިނަމާތަކުގައި އެޅުވުމަށް ގިނަ ދުވަސްތަކެއް އަދި އޮތް ނަމަވެސް މިފިލްމުގެ ފުރަތަމް ޓްރެއިލާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އާދަޔާ ހިލާފު މޮޅު ނެށުމުގެ ހަރަކާތްތަކެއް ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ޓްރެއިލާއަށް ވަނީ އެއް ހަފްތާ ތެރޭގައި 2.5 މިލިއަނަށް ވުރެން ގިނަ ފަހަރު ޔޫޓިއުބްގައި ބަލާފަ އެވެ.

މިފިލްމުގެ ލީޑްރޯލުން ފެނިގެންދާ ވަރުން ދަވަން ވަނީ އޭނާގެ ޓްވިޓާގައި މިކަން ހާމަކޮށްފަ އެވެ.

ވަރުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ "އޭބީސީޑީ2”ގެ ފުރަތަމަ ޓްރެއިލާ ހަފްތާއެއްގެ ތެރޭގައި 2.5 މިލިއަނަށްވުރެން ގިނަ މީހުން ބަލާފައިކަމަށެވެ. އަދި މިވަގުތު އިންތިޒާރު ކުރުމުން ދަނީ މިފިލްމުގެ ލަވައެއް ކަމަށްވާ "ބޭޒުބާ 2" ބެލުންތެރިންނަށް ފެންނާނެ ވަގުތަކަށް ކަމަށެވެ. މީގެއިތުރުން ވަރުން ވަނީ އޭނާގެ ފޭނުންގެ ކިބައިން އެލަވަ ނެރުމުގެ ކުރިން އަދި އެއްފަހަރު މިފިލްމުގެ ޓްރެއިލާ ބެލުމަށް އެދިފަ އެވެ.

ދެހާސް ތޭރަވަނަ އަހަރު ނިކުތް ފިލްމު "އޭބީސީޑީ"ގެ ސީކުއެލް "އޭބީސީޑީ 2”ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައި ވަނީ އެޕްރީލް 21 ވަނަ ދުވަހު އެވެ.

ޓްރެއިލާ ރިލީޒްކުރުމާ އެކު ގިނަ ބަޔަކު ވަނީ މިއިޝްތިހާރު ބެލުމަށްފަހު ފިލްމަށް ތައުރީފުކޮށްފަ އެވެ. އެގޮތުން ޓްރެއިލާއަށް ޓްވިޓާގައި ފުލް މާކްސް ލިބިފައިވާއިރު، ބޮލީވުޑްގެ ގިނަ ތަރިންނެއް ވެސް ވަނީ މިފިލްމަށް ތައުރީފުކޮށް ޓްވީޓްކޮށްފަ އެވެ.

ރެމޯ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ މުހިންމު ރޯލުން ފެނިގެންދާނީ ވަރުން އާއިި ޝްރަދާގެ އިތުރުން ޕްރަބޫ ދޭވާ އެވެ.

ސިދާތް ރޯއި ކަޕޫރު އާއި ވޯލްޓް ޑިޒްނީ ޕިކްޗާސްއިން ޕްރޮޑިއުސްކޮށްފައިވާ “އޭބީސީޑީ 2” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 19ވަނަ ދުވަހު އެވެ.