ފިނިޕޭޖް

އިތުރު ފިލްމަކުން ފުރުސަތުދީ ނަހުލާގެ ތައުރީފް އައްޒައަށް

ފިލްމީ ދާއިރާގަ މިހާރު އެންމެ ގަދައީ ބަތަލާ މަރިޔަމް އައްޒަގެ އަޑެވެ. އެންމެ ގިނަ ފިލްމުތަކުން ޖާގަ ހޯދާ އެންމެ ގިނަ ބެލުންތެރިންގެ ހިތަށްވެސް ވެރިވެގަނެގެން އުޅެނީ އައްޒަ އެވެ. އައްޒަގެ ރީތި ކަމުގެ އިތުރުން އެކްޓު ކުރުމަށް އައްޒަ މޮޅު ވާހަކައަކީ އޭނާގެ ފޭނުން އަބަދުވެސް ދައްކަމުން އަންނަ ވާހަކަ އެވެ.

އެ ވާހަކަތައް އަނެއްކާވެސް އިތުރުވެގެން މިއުޅެނީ އަށް ވަނަ ފިލްމު އެވޯޑްސް ގެ ނޮމިނޭޝަންތައް އިއުލާނު ކުރިއިރު އައްޒަގެ ނަން އެއްވެސް ކެޓަގަރީއަކުން ހިމެނިފައި ނެތުމުންނެވެ. މިދިޔަ އަހަރު ޕްރޮޑިއުސަރު / ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "4426"ގައި އައްޒަ ދައްކުވައިދިން އެކްޓިން އަށް އެވޯޑް ހައްގު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޕްރޮޑިއުސަރު ފާތިމަތު ނަހުލާވެސް އުންމީދު ކުރީ އެގޮތަށެވެ. އެ ފިލްމުން އައްޒަ އެވޯޑެއް އުފުލާލާނެ ކަމަށެވެ. އެހެން ނަަމަވެސް ނޮމިނޭޝަންތައް އިއުލާނުކޮށް ނިމުނު އިރުވެސް އައްޒަގެ ނަން ގޮވާނުލުމުން އެންމެ ބޮޑު ޝޮކެއް ލިބުނު އެކަކަކީ ނަހުލާ އެވެ. ނަހުލާ އަކީ މީގެ ކުރިން އޭނާގެ ފިލްމުތަކަށް އެތައް އެވޯޑެއް ހޯދި ޕރޮޑިއުސަރެކެވެ. އެކަން ނަހުލާ ސިފަކުރީވެސް މި އަހަރުގެ ބޮޑު ޖޯކުގެ ގޮތުގަ އެވެ. ނަހުލާ ބުނީ އައްޒަ އަދި ޝީލާ ނަޖީބު 4426 ގަ ދެއްކި ޕާފޯމަންސް އަށް އެވޯޑް ހައްގު ކަމަށެވެ.

ނަހުލާގެ މާސްޓަޕީސް 4426 ގަ އައްޒަ ދެއްކި އެކްޓިން އާ ގުޅޭގޮތުން މިއަދު ނަހުލާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ފިލްމުން އައްޒައަށް، އެތައް ބައެއްގެ ލޯތްބާއި ސްޕޯޓް އަދި އިހްތިރާމް ލިބިފައިވަނީ އެތައް އަހަރެއް ވަންދެން ފިލްމީ ދާއިރާގަ ހަރަކާތްތެރިވެގެންވެސް ތަރިންނަށް ނުލިބޭ މިންވަރަކަށް ކަމަށެވެ. އަދި މި ވަގުތަކީ އައްޒަ ދަށްކޮށްލައި، އައްޒައާ ދޭތެރޭ ހަސަދަވެރިވާ މީހުންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

"އެވޯޑެއް ލިބުމަކީ ރާއްޖޭގެ އެންމެ މޮޅު އެކްޓްރެސްގެ މަގާމު ލިބޭނެ ސަބަބެއް ނޫން، އެވޯޑް ލިބުމަކީ ފަހުރުވެރިވާންޖެހޭ ކަމެއްވެސް ނޫން، ފަހުރުވެރިވާންވީ މި ކުޑަ މުއްދަތުގެ ތެރޭގައި އައްޒައަށް ލިބުނު ލޯތްބާއި ސަޕޯޓަށް،" ނަހުލާ ބުނެފައިވެ އެވެ.

ނަހުލާ ވަނީ އައްޒައަށް މާޔޫސްނުވެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރު ދީފަ އެވެ. އޭގެ އިތުރުން ނަހުލާ ވަނީ އައްޒައަށް އަނެއްކާވެސް ކްރިސްޓަލް އެންޓަޓެއިންމަންޓުގެ ފިލްމަކުން ފުރުސަތު ދީފަ އެވެ. އެހެން ނަމަވެސް އެ ފިލްމުގެ ނަން އަދި ފިލްމާ ބެހޭ އިތުރު ތަފްސީލެއް ނަހުލާ ނުދެ އެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު 4426 ލައްވާލީ ހަތަރު ނޮމިނޭޝަނެއްގަ އެވެ. އެއީ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް 4426 އިން އިބްރާހިމް ޖިހާދު (ޖިމީ)، ވިޝުއަލް އިފެކްޓްސް އެވޯޑަށް ޝިނާނު، މޭކަޕް އިން އިސްމާއިލް ޖުމެއިހް، އަހްމަދު ފަޔާޒް އަދި ކޮސްޓިއުމް ޑިޒައިނުން ރަޒީނާ ތައުފީގް އަދި ނަހުލާ އެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން ރާއްޖެ ސިއްސުވާލި މަރުގެ ހާދިސާއެއް ކަމުގައިވާ، އަޒްލީނާ ނަފީސު މަރާލި ހާދިސާއަށް އެންސީއޭގެ ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ)ހަދާ ފިލްމު "ލީނާ"ގައި އަޒްލީނާގެ ރޯލަށް އައްޒައަށް ފުރުސަތު ދީފަ އެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފިލްމު އެވޯޑްސް އޮންނަ އިރު އެންމެ ގިނަ އެވޯޑަށް ނޮމިނޭޓްވެފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކެވެ.