ޖުމްހޫރީ ޕާޓީގެ ވަފްދެއް ޔޫއެން ހައިކޮމިޝަން އޮފް ހިއުމަން ރައިޓްސްގެ ހައިކޮމިޝަނަރު ޕްރިންސް ޒައިދު ބިން ރާދް އަށް ބައްދަލުކުރައްވައިފި އެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި ޖޭޕީގެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްސަލަ ބްރީފްކޮށްދީފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުވެސް ހުލާސާކޮށްދީފައިވާނެ ކަމަށެވެ.
އަމީން ވިދާޅުވީ ސިޔާސީ ހައްގުތައް ހޯދަން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ. ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް އިބްރާހީމް މިހާރު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވެ.
ގާސިމްގެ ވަކީލުން ބުނީ ސިންގަޕޫރުގައި ގާސިމް ފަރުވާ ހޯދެއްވުމަށް ކަރެކްޝަން ސާވިސްއިން އެންމެފަހުން ޓްރެވެލް ޑޮކިއުމެންޓް އާ ކޮށްދިނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތު ހަމަވެފައިވާއިރު މިހާރު ގާސިމް އަތުގައި ޓްރެވެލް ޑޮކިއުމެންޓެއް ނެތުމުން އެމަނިކުފާނު ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ކުރައްވަން ޖެހެނީ އެ ގައުމުގެ ހާއްސަ ވިސާއެއްގެ ދަށުން ވަރަށް ދަތި އުނދަގުލުގަ ކަމަށެވެ.
ގާސިމަށް ދިން ބޭސް ފަރުވާގެ މުއްދަތު ކަރެކްޝަނުން މީގެކުރިން އިތުރުކޮށްދީފައިވާއިރު އިތުރަށް މުއްދަތު ނުދޭން މިހާރު ވަނީ ނިންމާފަ އެވެ. އަދި ފުލުހުންނާ ގުޅިގެން ގާސިމް ރާއްޖެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ގާސިމަށް ދިން މުއްދަތު ހަމަވުން ރާއްޖެ ވަޑައިނުގަތީ، ދެ ފަހަރެއްގެ މަތިން އެއާޕޯޓަށް ވަޑައިގަތުމުން ވެސް ފްލައިޓަށް އެރުން މަނާކުރި ކަމަށް ބުނެ އެވެ. މިހާރު ގާސިމް ސިންގަޕޫރު ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަންނަވާފައިވާއިރު ގާސިމްގެ ބަލި ހާލަތާ ގުޅޭ މާބޮޑު ތަފްސީލެއް ވަކީލުން ހާމައެއް ނުކުރެ އެވެ.