ދިވެހި ސިނަމާ

އައްޒަ އަދި ޝީލާ ޝޮކެއްގައި

އަދިވެސް ދައްކަން އޮތީ މި ވާހަކަ އެވެ. ދިވެހި ފިލްމު އޯޑިއަންސް އަދިވެސް ދައްކަމުން އަންނަނީ މި ވާހަކައަށް ވީމަ އެވެ. އެ އޯޑިއަންސްގެ ކަންބޮޑުވުމަކަށްވީމަ އެވެ. އެ އޯޑިއަންސް ތިބީ މި ފަހަރުގެ އެވޯޑް ހަފްލާއިން މަރިޔަމް އައްޒަ އަދި ޝީލާ ނަޖީބު އެވޯޑު އުުފުލާލާނެ ކަމަށެވެ. އެހެން ނަމަވެސް ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ލިސްޓުގަ އެ ދެ ތަރިންގެ ނަން ނެތުމާއެކު އެ ވާހަކަ ދައްކަން ފެށީ އެވެ.

ނޮމިނޭޝަން އިއުލާނު ކުރުމާއެކު ބެލުންތެރިންނަށްވުރެ ބޮޑު ހަމަ ގައިމުވެސް ލިބޭނީ އެ ތަރިންނަށެވެ. އައްޒަ އަދި ޝީލާ އަށް އެއީ ބޮޑު ޝޮކެކެވެ. ފާތިމަތު ނަހުލާގެ 4426 ބަލާފަ އޯޑިއަންސް ދިން ކޮމެންޓާއެކު ދެ ތަރިން ތިބީ އެންމެ ކުޑަމިނުން ނޮމިނޭޝަން ލިސްޓުން ޖާގަ ލިބޭނެ ކަމަށް ބަލައިގެންނެވެ.

"އައްޒަ ގަބޫލުކުރަން އެކަމަށް ހަމަ އެންމެ ގާބިލް ބޭފުޅުން ޖަޖުންނަށް އެތިބީ، ޖަޖުންގެ ނިންމުންތަކަށް ރެސްޕެކްޓްވެސް ކުރަން، އެކަމަކު ވަރަށް އެކްސްޕެކްޓް ކުރެވުނު އެ ފަސް ނަމުގެ ތެރޭގަ އިންނާނެ ކަމަށް، ވަރަށް ބޮޑު ޝޮކެއް ލިބުނީ، އެގަޑީގަ އެންމެ ފުރަތަމަވެސް ބުނެވުނީ ވާއު އޭ، ސްޕީޗްލެސް ވީ، އެކަމަކު އައްޒަ ބުނާނީ އެންމެ ރަނގަޅު ނަންތަކޭ ނޮމިނޭޝަން ލިސްޓުގަ ހުރީވެސް،" އައްޒަ ބުންޏެވެ.

އައްޒަ އެންމެ ބޮޑު އެއް އުންމީދަކަށްވީ ޝީލާގެ ނަންވެސް ނޮމިނޭޝަންގަ ހިމެނޭނެ ކަމަށެވެ. ޝީލާ އެވޯޑަށް ނޮމިނޭޓް ނުވުމަކީވެސް އައްޒަގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އެހެން ނަމަވެސް މިހާރު އައްޒަ ހުރީ އުފަލުންނެވެ. އެވޯޑް ނުލިބިގެން ދެރައެއްވެސް ނުވެ އެވެ. އެވޯޑް ލިބުނަސް މިހާރަށްވުރެ އިތުރަށް ވަކި އުފަލެއް ނުވާނެ އެވެ. ނޮމިނޭޝަން ލިސްޓު އިއުލާނު ކުރުމުން އައްޒައަށް އޭނަ ދެކެ ލޯބިވާ އެތައް ބަޔަކު އެނގުނު ކަމަށް އައްޒަ ބުންޏެވެ.

"އެންމެ ފުރަތަމަ ހިތަށް އެރި ދިސް އިޒް އިޓް އޭ، އެކަމަކު އައްޒަ ނަން ނޮމިނޭޝަން ލިސްޓުގަ ނެތުމުން އޭނާގެ ފޭނުން ކަންބޮޑުވެ، އައްޒައަށް އެވޯޑް ލިބެން ޖެހޭ ކަމަށްބުނެ ކުރަމުންދިޔަ މެސެޖްތަކާއި ފޯނު ކޯލުތަކުން އައްޒަ ވަރަށް އުފާވި، ފިލްމީ ދާއިރާގެ މީހުންވެސް އައްޒައަށް ގުޅާ ވާހަކަ ދެއްކި، ހިތަކަށް ނާރާ އެހާ ގިނަ މީހުން އައްޒަ ދެކެ ލޯބިވެދާނެ އެކޭ، މީހުން ބުނަމުން ދިޔަ ހުއްޓާނުލައްޗޭ ފިލްމީ ދާއިރާގެ މަސައްކަތް، ދެން އައްޒަ ކިހިނެއް އެކަން ކުރާނީ، އައްޒަ ދެކެ ލޯބިވާ އެހާ ގިނަ މީހުން ޑިސެޕޮއިންޓް އެއް ނުކުރެވޭނެ، މިހާރު ވަރަށް ހެޕީ، އެވޯޑް ލިބުނަސް ހެޕީ ވާނީ މިވަރަށް ކަންނޭނގެ،"

އެވޯޑު ލިބުނަސް ނުލިބުނަސް އައްޒަ ހުރީ ދާއިރާއިން ކުރިއަށް ދާށެވެ. އިއްޔެ އެކަނިވެސް ދެ ފިލްމެއް އައްޒައަށް ލިބުނެވެ. އޭގެ އިތުރުންވެސް ފިލްމުތަކެއް ލިބިފަ އެބަހުއްޓެވެ. އެތައް ފިލްމެއްގެ ވާހަކަވެސް ދެކެވެމުން އެބަދެ އެވެ.

މިދިޔަ ތިން އަހަރު ތެރޭގަ ޝީލާގެ ތިން ފިލްމެއް ރިލީޒްކޮށް، އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ 4426 ގަ ދެއްކި އެކްޓިން އެވެ. ދެވަނަ ފަހަރަށް އެވޯޑަށް އުންމީދު ކުރީ ގިނަ ބަޔަކު އެވާހަކަ ދެއްކީމަ އެވެ.

"ޝޮކެއް ލިބުނީ، ނޭނގެ ބުނާނެ އެއްޗެއްވެސް، ވަރަށް އުންމީދުކޮށްގެން ހުރީ ނޮމިނޭޝަންގަ ނަން އިންނާނެ ކަމަށް، އެކަމަކު ޝީލާ ރެސްޕެކްޓް ކުރާނަން ޖަޖުންގެ ނިންމުމަށް،" ޝީލާ ބުންޏެވެ.

ޝީލާއަށް މީގެކުރިންވެސް ވަނީ ގައުމީ ފިލްމު އެވޯޑްސްގަ ބެސްޓު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ލިބިފަ އެވެ. އެއީ ނަހުލާ "ޒުލޭހާ" ފިލްމުގައި ޝީލާ ކުޅެފައިވާ ރޯލަށެވެ. މިހާރުވެސް ޝީލާ އަންނަނީ ފިލްމެއްގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ އަހަރަށްވެސް ފިލްމު ލިބިފަ އެބަހުއްޓެވެ.

އެ ދެތަރިންނާއެކު ފިްމުގެ ޕްރޮޑިއުސްރު ނަހުލާވެސް ހުރީ ޝޮކެއްގަ އެވެ. ނަހުލާ ވަނީ އެ ދެތަރިންނަށް އެވޯޑް ހައްގު ކަމަށްވެސް ބުނެފަ އެވެ. އަދި ދެތަރިންނަށް ހިތްވަރު ދީ އައްޒައަށް ނަހުލާގެ އާ ފިލްމުން ލީޑް ރޯލުވެސް ދީފަ އެވެ.