ދިވެހި ސިނަމާ

އައްޒަ އާއި މުއާއަށް "ލީނާ" ދެއްކޭނެތަ؟

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއިން ފެށިގެން މިއަދާ ހަމައަށްވެސް ފިލްމީ ދާއިރާގަ އެންމެ ގަދަ އަޑަކީ ބަތަލާ މަރިޔަމް އައްޒަގެ އަޑެވެ. މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ފިލްމު "4426" އިން އައްޒަ ފިލްމު އެވޯޑްސް އަށް ނޮމިނޭޓް ނުވުމާއެކު އައްޒަގެ ދިފާއުގައި އޭނާގެ ބައެއް ފޭނުން ވަނީ ތެދުވެފަ އެވެ. އެއާ އެކު، ސޯޝަލް މީޑިއާގަ ކެމްޕޭނެއްވެސް ފެށީ އެވެ.

ބޮޑެތި ފިލްމުތަކުންވެސް އޮފާތައްވެސް އައްޒައަށް އެބަ ލިބެ އެވެ. އެތައްހާސް ތައުރީފްގެ ބަސްތަކަކާއެކުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް އައްޒައަށް ދެ ފިލްމަކުން ފުރުސަތު ލިބުނެވެ. އެއް ފިލްމަކީ މީގެ 16 ވަރަކަށް އަހަރު ކުރިން ރާއްޖޭގަ އެންމެ އަނިޔާވެރިކޮށް ހިންގި މަރުގެ ހާދިސާއެއް ކަމަށްވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން ހަދާ ފިލްމުގައި އަޒްލީނާގެ ރޯލެވެ.

އަޒްލީނާގެ ކެރެކްޓާ ވަރަށް "ޓަފް"

އެއާއެކު އުފެދޭ ސުވާލަކީ އައްޒައަށް އެ ކެރެކްޓާ ދެއްކޭނެ ހެއްޔެވެ؟ އައްޒައަކީ އެ ރޯލަށް އެންމެ ޕާފެކްޓް ޗޮއިސް ހެއްޔެވެ؟

ސަބަބަކީ އަޒްލީނާގެ ރޯލަކީ ކެރޭ އަދި ގޮތް ދޫނުކުރާ އަންހެނެއްގެ ރޯލަކަށް ވާނެތީ އެވެ. އަޒުލީނާ އަކީ ވަރަށް "ޓަފް" ރޯލެކެވެ. ވަގު ބިލުތަކެއް ހަދައިގެން އޮފީހުން ފައިސާތަކެއް ފޭރިގަންނަން އުޅުނު މައްސަލައެއް ފަޅާ އަރުވާލާނެ ކަމުގެ އިންޒާރު ދީ ތިން ފިރިހެނުންނާ ކުރިމަތިލި ޖެހިލުން ކުޑަ އަންހެނެކެވެ. އެ ވާހަކަތައް ފަޅާއަރުވާލައިފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިން ނަމަވެސް ފަހަތަށް ނުޖެހުނު އަންހެނެކެވެ.

ތިން ފިރިހެނުން ވަޅިން ހަމަލާދިން އިރުވެސް ހިތްވަރު ކުރި އަމިއްލަ ސަލާމަތަށް މަސައްކަތް ކުރި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަޒުލީނާގެ ގާތިލު ޒުހައިރުގެ މޫނުގައި އަޒްލީނާގެ ވަކި އެޅިފަ ހުއްޓެވެ.

އެވަރުގެ ކެރެކްޓާއެއް އައްޒައަށް ދެއްކިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ. މިހާތަނަށް އެވަރުގެ ރޯލެއް އައްޒައަށް ދައްކާފައެއް ނެތެވެ. ލޯބީގެ ރޯލުތަކާއި ތަފާތު ރޯލަކަށް އައްޒަ ކުޅެފައިވަނީ 4426 ގަ އޭނަ ކުޅެފައިވާ ރޯލެވެ. އެ ފިލްމުގައި ޖިންނި އަވަލައިގެން އުޅޭ މީހެއްގެ ރޯލުން ފެނުނު ނަމަވެސް އެއީ އަޒުލީނާގެ ރޯލާ ތަފާތު ރޯލެކެވެ. 4426 ގައިވެސް އައްޒައަށް އެއް މިންވަރެއްގަ ހިފަހައްޓާލެވިފައެއް ނުވެ އެވެ. އެހެންކަމުން އަޒްލީނާގެ ރޯލު އައްޒައަށް ދެއްކިދާނެ ބާވަ އެވެ؟

އައްޒަ ފެނިގެންދިޔަ ގިނަ ފިލްމުތަކުގައި އޭނާ އަކީ މަޑުމައިތިރި ސައިލެންޓް ކެރެކްޓާ އެކެވެ. ލޯބީގެ ސަބަބުން ދިމާވާ ހިތްދަތިކަމެއް ތަހައްމަލު ކުރާ އަންހެން ކުއްޖެކެވެ. އައްޒަ އަކީ ލޯބީގެ ރޯލް ތަކަށް އެންމެ ރަނގަޅު އޮޕްޝަން އަކަށް ވާނެ އެވެ. ރުއިމާއި ހިތާމާ ފެންނަ ރޯލުތައް އައްޒަ ދައްކުވައިދޭލެއް ރަނގަޅެވެ. އެހެން ނަމަވެސް ވަރުގަދަ ރޯލަކަށް އަދި އައްޒަ ތައްޔާރު ބާވަ އެވެ. އެވަރުގެ އެކްޓިން ދެއްކޭނެ ހެއްޔެވެ؟ އެވަރުގެ ތަޖުރިބާވެސް އައްޒަގެ ނެތެވެ.

މިވަރުގެ ފިލްމަކަށް މުއާ ތައްޔާރުތަ؟

ފިލްމު ޑައިރެކްޓުކުރާ އެންސީއޭގެ ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ބުނަނީ އައްޒައަށް އެ ކެރެކްޓާ އެންމެ ފުރިހަމައަށް ދެއްކޭނެ ކަމަށެވެ.

"އައްޒަ ލީނާގެ ރޯލަށް ނެގީ މިހާރު ރާއްޖޭގައި ފިލްމުކުޅޭ ހުރިހާ ތަރިންގެ ތެރެއިންވެސް އައްޒަ އަކީ ފާހަގަކޮށްލެވޭ ތަރިއެއް، މޮޅު ތަރިއެއް، އެންމެ ފަހުން އައްޒަ ކުޅުނު ހުރިހާ ފިލްމެއްގައިވެސް އައުޓްސްޓޭންޑިން ޕާފޯމަންސް އެއް ދައްކާފައިވޭ،" މުއާ ބުންޏެވެ.

އައްޒަގެ ކިބައިން އެންމެ މޮޅު އެކްޓިންނެއް ފެނުނީ، 4426 އާއި ފިލްމް "ބޮސް"އިންނެވެ. އެ ދެ ފިލްމްގެ ފަހަތުގައި ކުޅަދާނަ ޑައިރެކްޓަރު ފާތިމަތު ނަހުލާ ހުއްޓެވެ. ނަހުލާއަކީ އޭނާގެ ކޮންމެ ފިލްމެއްގައި ވެސް ތަރިންގެ އެންމެ މޮޅު އެކްޓިން ނެރޭ ޑައިރެކްޓަރެކެވެ. އެވަރުގެ މޮޅު ޑައިރެކްޓަރެކެވެ. އޭނާގެ ފިލްމްތަކުން ތަރިން އެވޯޑް ހޯދާފައިވާ މިންވަރު މަދެއް ނޫނެވެ. އެހެން ކަމަށްވާއިރު ނަހުލާ، އައްޒަގެ ފުށުން ނެރުނު އެކްޓިން ނެރޭނެ ގާބިލުކަން "ލީނާ" ފިލްމް ޑައިރެކްޓް ކުރާ މުއާގެ ކިބައިގައި އެބަހުރިތޯ މިއީ ވެސް ސުވާލެކެވެ.

މުއާ އަކީ ޑައިރެކްޝަންގައި އާ ތަރިއެއް ނޫނެވެ. މުއާގެ ބައެއް ޑައިރެކްޝަން މަދު ފިލްމަކުންނާއި ލަވަތަކުން ފެނުނު ނަމަވެސް މިއީ މުއާ ބޮޑު ޗެލެންޖެކެވެ. މި ފެންވަރުގެ ފިލްމަކަށް މުއާގެ ކިބައިގައި ތަޖުރިބާ މަދެވެ. މިފަދަ ބޮޑު ފިލްމެއް މީގެކުރިން މުއާ ޑައިރެކްޓްކޮށްފައެއް ނެތެވެ. ތަފާތު ދެއްކޭނެ ބާވަ އެވެ؟

"ޑައިރެކްޝަންގައި މުއާގެ އެކްސްޕީރިއަންސް ހުންނާނެ، އިނގިލި ފިލްމުގެ ޑައިރެކްޝަނުގައި މުއާގެ ނަން ނެތަސް އޭގަ އޭނަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރި، ފިލްމު ނިއުމާގައިވެސް، ދެކެދެކެވެސްގެ ގިނަ ފިލްމުތަކެއް މުއާ ޑައިރެކްޓްކޮށްފައި ހުންނާނެ، އަޅުގަނޑު ބުނާނީ މިހާރު ރާއްޖޭގައި މިނެރޭ ފިލްމުތަކާ އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ މޮޅު ފިލްމަކަށްވާނޭ،" ފިލްމީ ދާއިރާގައި އެކްޓިން އަދި ޑައިރެކްޝަނުގައި ގިނަ ތަޖުރިބާތަކެއް ހުރި އަލީ ސީޒަން، މުއާމެދު ދިން ޔަގީންކަމަކީ މިއީ އެވެ.

"އެ ފިލްމަށް އަނެއްކާ މުއާ އެބަ ވަރަށް މަސައްކަތް ކުރޭ، ވަރަށް ދުވަސް ވެއްޖެ އެ ސްކްރިޕްޓް ގެންގުޅޭތާ، އެހެންވީމަ ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ސީޒަން އިތުރަށް ފާހަގަކުރި އެވެ.

"ލީނާ"އަށް ވެވިދާނެ އެހެން ތަރިން!

  • އައިޝަތު ރިޝްމީ
  • މަރިޔަމް މަޖުދާ
  • ފާތިމަތު އާޒިފާ