ހަބަރު

މަސްވެރިންގެ ޖަލްސާ ކުރިއަށް ދިޔައިރު އިހަވަންދޫގައި މުޒާހަރާކޮށްފި

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާ ހއ. އިހަވަންދޫގަ ކުރިއަށް ދަނިކޮށް އެރަށު މަސްވެރިންތަކެއް އެ ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ޝަރަފުވެރި ކުރައްވާ އެ ޖަލްސާ އިހަވަންދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްދާއިރު މަސްވެރިން އިހުތިޖާޖު ކުރަނީ ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމަށް ބުނެ އެވެ. އަދި މަސްވެރިންނާ ގުޅޭ ގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދައިދޭ ކަމަށް ބުނެ އެ ފަރާތްތަކުން ދަނީ އެކި ޝުއޫރުތައް ޖަހާފައި ހުރި ބެނާތައް ހިފައިގެން ޝުއޫރުފާޅު ކުރަމުން އެވެ. ފުލުހުން މިހާރުވަނީ އިހުތިޖާޖު ކުރާ ފަރާތްތައް ފަހަތަށް ޖައްސާފަ އެވެ.

އިހަވަންދޫ މަސްވެރިން ބުނަނީ މަސް ވިއްކަން ޖެހެނީ އެކަށީގެންވާ ވަރަށްވުރެ ދަށް އަގަކަށް ކަމަށެވެ. އަދި މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު އެ ޖަލްސާއަށް މަސްވެރިންނަށް ދައުވަތުދީފަ ނުވާ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މަސްވެރިން އިހުތިޖާޖް ކުރަމުންދަނީ ޝުއޫރު ފާޅު ކުރުމަށް ބޯޑުތަކެއް ހިފައިގެންނެވެ. އޭގައި މަސްވެރިން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ދިވެހި މަސްކަނޑުތައް ޗައިނާއަށް ސަރުކާރުން ދޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ބައެއް ބޯޑުތަކުގައި މަސްވެރިން ޝުއޫރު ފާޅުކޮށް ޗައިނާ ބަހުންވެސް ވަނީ ލިޔެފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން މީގެ ކުރިން އެ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

އިހުތިޖާޖް ކުރަމުންދާ މަސްވެރިން ދަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ. އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި "ވަގަށް ނަގާފައިވާ" ކަމަށް ބުނެ ވެސް އަޑުއުފުލަމުންދެ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ކައުންސިލުން ހަދާފައިވާ ގިޑިގެތައް ނަގާފައިވާ ކަމަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދާފައި ނުވާކަން ފާހަގަކުރަމުން އޭނާ ބުނީ އެރަށު ބަނދަރަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.

އިހަވަންދޫއަކީ މަސްވެރި އަދި ގިނަ އަދަދެއްގެ މަސްވެރިން އުޅެމުން އަންނަ ރަށެކެވެ. އެރަށުގައި މަހަށްދާ 14 ވަރަކަށް ދޯނި އޮވެ އެވެ.