އިންގިރޭސި ޕްރިމިއާ ލީގުގައި 1-4 ޓޮޓެންހަމް ބަލިކޮށް މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނަ މަގާމުގައި 14 ޕޮއިންޓްގެ ލީޑެއް ނެގައިފި އެވެ. ޓޮޓެންހަމް އާއި ދެކޮޅަށް މިހޯދި މޮޅާއެކު ސިޓީ މިވަނީ ޖެހި ޖެހިގެން 16 މެޗު ކާމިޔާބުކޮށްފަ އެވެ.
ސޓީގެފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ 14 ވަނަ މިނިޓުގައި ގުންޑޮގަން އެވެ. އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް އޭނާ ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުން ނެވެ. ސިޓީގެ ދެވަނަ ލަނޑު ފެނިގެންދިޔާއީ 70 ވަނަ މިނިޓުގަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ އެޓޭކިން މިޑްފިލްޑަރު ކެވިން ޑެބްރުއިން އެވެ. ޑެބްރުއިންގެ ބާރު ހަމަލާ ގޯލްގެ ތެރެއަށް ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އަތުގައި ޖެހިފަ އެވެ.
ދެވަނަ ލަނޑު ކާމިޔާބުކުރިތާ 10 މިނިޓު ފަހުން ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ރަހީމް ސްޓާލިން އެވެ. ސްޓާލިންގެ ދެވަނަ އަދި ސިޓީގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ 90 ވަނަ މިނިޓުގަ އެވެ. ސިޓީގެ ބާނާޑޯ ސިލްވާ ކުރިއަށް ކުޅުނު ބޯޅަ ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔާ ސާފްކޮށްލުމަށް ހުރާލި ފައިގައި ލައްވާނުލާ ހުސްކޮށް ލިބުނީ ސްޓާލިން އަށެވެ. އެބޯޅަ ސަލާމަތްކުރަން ދުވެފައި ނިކުތް ކީޕަރު ހޫގޯ ލޮރިސް ދެފައި ދޭތެރެއިން ބޯޅަ ފޮނުވާލުމަށްފަހު ސްޓާލިން ވަނީ ހުސް ގޯލެއްގެ ތެރެއަށް މަޑުމަޑުން ބޯޅަ ފޮނުވާލާފަ އެވެ.
ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑެންމާކްގެ މިޑްފިލްޑަރު ކްރިސްތިއަން އެރިކްސަން އެވެ. ސިޓީގެ އޭރިޔާ ބޭރުން އެރިކްސަން ތިރިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.
ޕްރިމިއާ ލީގުގައި ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ސައުތުއެމްޓަން 0-1 ބަލިކޮށް ލީގު ތާވަލުގެ ދެވަނަ މަގާމުގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ނަމަވެސް ޔުނައިޓެޑު އަތުގައި މެޗެއް އެބައޮތެވެ. ޔުނައިޓެޑު މިރޭ ނުކުންނާނީ ވެސްޓް ބްރޮމް އާއި ދެކޮޅަށެވެ.