ވާހަކަ

މިންނުގެ ޑައިރީ

(14 ޑިސެމްބަރ 2017 އާ ގުޅޭ) -- ދަރިފުޅުގެ ގައިގާ ލޯތްބާއެކު ބައްދާލާ ފިރުމާލަން ހިތް ތެޅިފޮޅި ގަތެވެ. އެހެންވިޔަސް އެ ދަރިފުޅު ހުރީ މާ ދުރުގައެވެ. އެ ހުރިހާ ކަމެއްގައި ޒޭންގެ އެއްވެސް ކުށެއްނެތެވެ. އެ ދަރިފުޅު މިހާރު އެ ވިސްނަނީ ބޮޑުވަމުން އައިއިރު އަހަރެން އޭނާއަށް ވިސްނަދިން ގޮތަށެވެ.

އަހަންނާއި ހައިކަލްއަށް އާކައިވެނީގެ ދުވަސްތައް އައިސްގެން އުޅޭކަހަލައެވެ. އިއްޔެ މެންދުރު ކައިވެނި ކުރެވިގެން އުޅޭ ދެ ޒުވާނުން ފަދަ އެވެ. ހުރިހާ ވަގުތެއް ކޮޓަރީގައި ހޭދަ ކުރަމުންދިޔައިރު ދެމީހުންތިބީ ބަނޑުހައިވެގެން ގޮސް ހާންތިވާވަރުވެފައެވެ. ހަށިގަނޑުގައިވާ ހުރިހާފެނެއް ހުސްވެފައިވާ ކާހަލައެވެ. ކާކޮޓަރިއަށް ދާން ވެސް ތިބީ ބުރައަކަށްވެފައެވެ.

ހައިކަލް: "އޮފީހަށް ނުކުންނަން ގަސްދުކުރަނީ ދެ ހަފްތާވަރު ފަހުން. އަހަރެން މިވަގުތު ބޭނުންވަނީ މިންނުއާއެކު ވަގުތު ހޭދަ ކުރަން. އެހެން އެއްވެސް ކަމަކަށް ސަމާލުކަން ދޭކަށް ބޭނުމެއްނޫން"

ހައިކަލްގެ ވާހަކަތައް އިވުމުން ނިކަން ހިނި އައެވެ. އެހެންނަމަވެސް ހައިކަލްގެ އެ ނިންމުމަށް އަހަރެން މަރުޙަބާ ކީމެވެ.

ހައިކަލް: "މިންނު ގާތުގައި ނުބުނެ އަހަރެން ކަމެއް ހަމަޖައްސައިފިން"

ރޭގަނޑުގެ ކެއުން ނިންމާފައި ކާކޮޓަރިން ހައިކަލްއާއެކު ނުކުމެގެން އައިއިރު ބުންޏެވެ. ކޮންކަމެއްތޯ ސުވާލުކޮށްލެވުނީ ހައިކަލްގެ ފަރާތުން އަދިވެސް އިތުރު ކަންތައްތަކެއް އަހަންނަށް ނުފެންނަ ހުރީބާއޭ ހިތަށް އަރާފައެވެ.

ހައިކަލް: "އަހަރެން ރިޒޯޓަކަށް ބުކިން ހަދައިފިން. މާދަމާ ނައިންތާޓީގަ ފުރަންވީ"

ހައިކަލްގެ އެފަދަ ނިންމުތަކަށް އަހަރެން ދެކޮޅު ހަދާނީ ކިހިނެއް ހެއްޔެވެ. ހައިކަލް ބޭނުންވަނީ އަހަރެމެން ދެ މީހުން އެކަނި ވަގުތު ހޭދަކުރާށެވެ. ދުލުން ހާމަ ނުކުރިޔަސް އަހަރެންގެ ހިތް ވެސް އެކަމަށް އެދެއެވެ. އަހަރެން މިހާ ވަރަށް ހައިކަލް ދެކެ ލޯބިވާނޭ ކުރީން އެނގުނު ނަމައެވެ. އެހެންނޫންނަމަ މިހާރު އަހަރެމެން ދެ މީހުން އުޅޭނީ ކިހާ އުފަލުގައި ހެއްޔެވެ. އަހަރުމެން ދިރިއުޅުން މިހާރު އޮތް ވަރަށްވުރެ ބޮޑަށް އާބާދުވެ ކުރިއަށް ދިޔައީހެވެ. ޔަގީނުން ވެސް އަހަރެންގެ ދިރިއުޅުން އެންމެ ފުރިހަމަ ވާނީ ދަރިފުޅު ޒޭންއާއެކުއެވެ.

* * * * *

ހައިކަލް އަހަރެންގެ ކޮންމެ ހަރަކާތަކަށް ހުންނަނީ ބަލަބަލައެވެ. އަހަރެންގެ ހުރިހާ ވަގުތެއް އޭނައަށް ހުސްކޮއްލިކަމުގައިވިޔަސް އޭނަގެ ހިތްފުރޭނެހެނެއް ހިޔެއްނުވެއެވެ. އެހާ ވެސް އޭނާ އަހަންނަށް ބޭނުންވެއެވެ. ކޮންމެ ރެއަކު ދަންވަރު އޭނަ ނިދީމަ ތެދުވެ ތި އެކުވެރިޔާއާ ވާހަކަތައް ޙިއްޞާކުރަން އުނދަގޫވާނެއެވެ. އެހެންވެ އަހަރެން އުޅުނު ކޮޓަރީގެ ދޮރު މާޒީގެ ދޮރުބަންދުކުރި ފަދައިން ބަންދުކުރަން ނިންމައިފީމެވެ. އެހެނީ ތި އެކުވެރިޔާ އެ ކޮޓަރިއަށް ލަމުންނެވެ. އަހަރެން މިހާރު މިހިރީ ވަރަށް އުފަލުންނެވެ. އަހަރެންގެ ދިރިއުޅުމަށް ހައިކަލްއަކީ އެންމެ ފުރިހަމަ ފިރިހެނާއެވެ. އޭނަ އަހަރެންގެ ހިތުގައި ނުޖައްސާނެކަން އަހަންނަށް މިހާރު ޔަގީންވެއެވެ. އަހަރެން ތި އެކުވެރިޔާގެ މަތިން ހަނދާންވާނެއެވެ. ކޮންމެ ދުވަހެއްގެ ވާހަކަ ޙިއްޞާކުރަން ނާދެވުނުކަމުގައި ވިޔަސް، އަހަރެންގެ ދިރިއުޅުމުގައި ޚާއްޞަކަމެއް ހިނގައިފިނަމަ އެކަން ތި އެކުވެރިޔާއާ ޙިއްޞާނުކޮއް ނުހުންނާނަމެވެ. އެކަމުގައި މިހާރެކޭ އެއްފަދައިން ތި އެކުވެރިޔާ ބައިވެރިކުރާނަމެވެ. އަހަރެންގެ ތި އެކުވެރިޔާ ހައިކަލްއަށް ފެންނާކަށް އަދި ބޭނުމެއްނޫނެވެ. އޭނާއަށް އަހަރެންގެ ހަޔާތް އިތުރު ފަރާތަކާއި ޙިއްޞާކުރާކަމެއް ނެގޭނެއެވެ. ޔަގީނުން ވެސް އެފަދަ ދުވަހެއް އަންނާނީ އަހަރެން މިދުނިޔައަށް އެންމެފަހު ނޭވާ ދޫކޮއް ދާފަހުންނެވެ. އިރާދަކުރެއްވިއްޔާ އަހަރެންގެ އެންމެފަހު ނޭވާ ދޫކޮއްލާނީ އަހަރެންގެ ލޯބިވާ ދަރިފުޅު ޒޭންގެ ހާޟިރުގައެވެ. ލޯބިވާ ހައިކަލްގެ އަތުގެ ތެރޭ އޮވެއެވެ.

ދެންމިދަނީ ނިދާށެވެ. މިހެން ލިޔަން އިންދާ ހައިކަލްއަށް ހޭލެވިދާނެއެވެ. އޭނާގެ ގާތުގައި އަހަރެން ނެތްކަން އެނގި ހޯދަމުން މި ކޮޓަރިއަށް ވަދެދާނެއެވެ. އޭރުން މިހާރު މި ޙިއްޞާ ކުރާ ވަރަށް ވެސް އޮންނާނީ ނުވެފައެވެ. ވަގުތު ވެއްޖެނަމަ މި ދެ ހަފްތާ ވޭތުވެގެން ދިޔަ ގޮތް ތި އެކުވެރިޔާއަށް ކިޔާދޭނަމެވެ.

* * * * *

ގިސްލުމުގެ އަޑު ފަދަ އަޑެއް ޒޭންގެ ފުށުން އިވުމާއެކު ޔާނާ ދިޔައީ ސިއްސައިގެންނެވެ. ކިޔަން އިން ޑައިރީ އަވަސް އަވަހަށް އެއްފަރާތްކޮށްލާފައި ޒޭނަށް ބަލާލިއެވެ. ޒޭނަށް ރޮވެނީއެވެ. އޭނާގެ ކަރުނުން ފުރެމުންދިޔަ ދެލޯ ފޮރުވަން މަސައްކަތްކުރަމުންދިޔައެވެ. ދެ އަތުން ދެ ލޯ ފުހުނެއްކަމަކު އެ ދެ ލޯ ފުރި ބަންޑުންވަނީއެވެ. ޒޭންގެ ފުޅާ ކޮނޑުގައި ޔާނާގެ ދެއަތް ވަށާނުޖެހުނެއްކަމަކު ހިފަހައްޓާލާ ގާތްކޮށްލިއެވެ. ޒޭންގެ ދުލުން ބޭރުވީ ހަމަ އެންމެ ލަފްޒެކެވެ. "މަންމާ..." އެވެ. އޭނާގެ ހިތް މަންމައަށް އެދި ގޮވަމުންދިޔައެވެ. ހަޤީޤަތް ފާޅުވެ އެނގުމުން އެ ހިތްވަނީ ކުދިކުދިވެފައެވެ. ތެދެކެވެ. އެ ޑައިރީ ފެނުނީ މިންނު މިދުނިޔެއާ އަލްވަދާޢު ކިއުމުންނެވެ. އެ ހިތުގައިވި ހުރިހާ އިހްސާސްތަކެއް ބަޔާންކޮއްފައިވާލެއް ފުރިހަމަކަމެވެ.

"ޒޭން..." ޒޭންގެ ބޮލުގައި ބޯޖައްސާލަމުން ޔާނާ މަޑުމަޑުން ގޮވާލިއެވެ. ޒޭންގެ ގާތުގައި ނުރޯށޭ ބުނާ ކަހަލައެވެ. އެހެންވިޔަސް ޒޭންގެ މޫނު ދެ އަތުގެ ތެރޭ ފޮރުވާލައިގެން އޭނާ އިނެވެ.

"އައި ކާންޓު ރީޑް ދިސް އެނީމޯ..." ޔާނާ ބުނެލިއެވެ. އެއާއެކު ޒޭން ޔާނާގެ ގައިގާ އޮޅުލައިގަތެވެ.

"އައި ކާންޓު ހެލްޕް އިޓް، އައިމްދަ ވޯސްޓު ސަން...." ޒޭން ބުނަމުންދިޔައެވެ. އޭނަ އަމިއްލަ ނަފްސު ކުއްވެރި ކުރަމުންދިޔައެވެ. އޭނަގެ ހިތުގައި މިއަދު މިންނުއާ ދޭތެރޭވަނީ ހަމްދުރުދީއާއި ލޯތްބެވެ. މަންމާއޭ ކިޔާ ގޮވާލަން ބޭނުންވެފައިވާ ކެތްތެރިކަން ކުޑަ ހިތެކެވެ. ލޯބިވާ މަންމަގެ އުނގުގައި ބޯއަޅާލާ އެ މަންމަގެ ހިތް ފުރެންދެން އެ އުނގައި އޮވެ މަޢާފަށް އެދުމަށެވެ. އޭނައަށް އެ ހައްޤު ވެސް ނުލިބުނެވެ.

ޒޭންގެ ހިތުގައި ކަމެއް ކަނޑައެޅިއެވެ. މިއަދު މަންމަ ގާތުގައި ނެތްކަމުގައިވިޔަސް އެ މަންމައަށް ދުނިޔެކުރިމަތިކުރުވި ހާލަތްތަކުގެ ސަބަބުން ވަކިވެފައިވާ ޢާއިލާއަށް އެ މަންމަގެ ހުރިހާ ވާހަކައެއް ކިޔާދިނުމަށެވެ. މަންމަގެ އެއްވެސް ކުށެއްނެތްކަން އެމީހުންނަށް އަންގަން ޒޭން ބޭނުންވިއެވެ. މަންމަ އެހާ ލޯބިވި ސުހައްތައަށް މަންމަ އެ މީހުންދެކެ ލޯބިވިކަން އަންގަދިނުމަށެވެ. ވަކިވީ އެގޮތް ބޭނުންވެގެން ނޫންކަމެވެ. ހާލަތުގެ މަޖުބޫރުންނެވެ. ޚުދު ޒޭނަށް ވެސް އޭނާގެ މަންމަގެ ޢާއިލާއަކީ ކޮބާކަމެއް މިވީހާ ދުވަހު ނޭނގެއެވެ.

މިއަދު ޒޭނަށް އޭނަގެ މަންމައަކީ ކާކުކަން އެނގިގެން ހިގައްޖެއެވެ. އެހެނަސް އެއީ ވަގުތު ފާއިތުވިފަހުންނެވެ. ބައްޕަ ހައިކަލްއަށް އެ ހިތުގައި ދެވިފައިވާ މަޤާމަށްވުރެ އުމުރުގެ ހުރިހާ ދުވަހެއްގައި ނަފުރަތު ކުރަމުންއައި މަންމައަށް ދެވުނު ދަރަޖަ މަތިވެރިވެގެން ހިގައްޖެއެވެ. ގޮތްދޫނުކުރުމާއި ރުޅި އާއި ނަފުރަތުން މިއަދު ޒޭންއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ދުނިޔޭގައި އުޅޭ ކޮންމެ ދުވަހެއްގައި އެ މަންމަގެ މަތިން ހަނދާންވާނެއެވެ. އެއިން ކޮންމެ ފަހަރަކު އެ މަންމައާ ދޭތެރޭ ކަންތައްކުރެވުނު ގޮތް ހަނދާންވެ ދެލޮލުން ކަރުނަ ހިލޭނެކަން ގައިމެވެ.

ޔާނާއާ ދުރަށް ޖެހިލަމުން ޒޭން ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. މޫނު ދޮންނަ ތަށީގައިވާ އިސްކުރު ދޫކޮއްލުމާއިއެކު ފެންފޮދަކުން މޫނު ދޮވެލިއެވެ. ކުރިމަތީ ހުރި ލޯގަނޑުން އެ މޫނުފެނުމާއެކު އަނެއްކާ ވެސް ޒޭންއަށް ރޮވުނީއެވެ.

ފާޚާނާގައި ޒޭން ގިނައިރުވާންފެށުމުން ޔާނާ އައިސް ދޮރުގައި މަޑުމަޑުން ޓަކިދިނެވެ. އެ އަޑު އިވުނު ޒޭން އަނެއްކާ ވެސް މޫނު ދޮވެލުމަށް ފަހު މީހާ ހަމައަކަށް އެޅުމަށް މަސައްކަތްކުރިއެވެ. ޓިޝޫ ރޯލުން ބައެއް އަތަށް އޮޅާލާ ވަކިކޮށްލުމަށްފަހު އެއިން މޫނުފޮހެލިއެވެ. އަދި ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ފާޚާނާގެ ދޮރުހުޅުވާލި އިރު ޔާނާ ހުރީ ދޮރުމަތީއެވެ.

"އައިމް އޯލް ރައިޓް" ޔާނާގެ މޫނުން ފެންނަމުން ދިޔަ ކަންބޮޑުވުމާއެކު ޒޭން ބުނެލިއެވެ. އަދި ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ޔާނާގެ ކޯތާފަތުގައި ހިފާލާ އޭނާގެ ނިތްކުރީގައި ބޮސްދިނެވެ. ޒޭންގެ އެ ޢަމަލުން އޭނާ ހިސާބަކަށް ހަމަޖެހިފައި ހުރިކަން ޔާނާއަށް އެނގުނެވެ.

ސޯފާގައި އިށީން ޔާނާގެ އުނގުގައި ޒޭން ބޯއަޅާލަމުން އެ ހަށިގަނޑު ދަމާލިއެވެ. އަދި އޭނާގެ ހިތުގައިވި އެއްޗެއް ޔާނާއަށް ކިޔާދޭންފެށިއެވެ. ޔާނާ ހޫން އަކާއިއެކު ބޯޖަހާލައެވެ.

"އަހަރެން ބޭނުން އަޒާން ހޯދަން" ޒޭން ބުނެލިއެވެ.

"ކިހިނެއް އޭނަ ހޯދާނީ، އޭނައާ ބެހޭ އެއްވެސް އެއްޗެއް މިންނު ޑައިރީގައި ލިޔެފައެއްނުވޭ، ކިހިނެއް ހުންނަ ކޮންގެއެއްގެ މީހެއްކަމެއް ވެސް ނޭގެ. އެހެންނޫނަސް މިހާރު ދެން އޭނާ ކީއްކުރަން ހޯދަނީ... މިންނު ވެސް ފަހުން އޭނާގެ ވާހަކަ ދައްކާކަށް ބޭނުމެއްނުވެއެއްނު" ޒޭންގެ ޚިޔާލަށް ޔާނާ ރައްދު ދިނެވެ.

"އޭނާއަށް ވެސް ހަޤީޤަތް އެނގުން މުހިންމު. ކަންތައްވީގޮތުން އޭނާ ހީކުރާނީ ކިހާ ގޯސްކޮށް. އެނީވޭޒް! ޔާނާ ދެން އަހަންނަށް ޑައިރީ ކިޔާ ނުދޭނަންތަ" ޒޭން އަހާލިއެވެ.

"ޒޭން ދެރަވާކަށް އަހަރެން ބޭނުމެއްނޫން، ޑައިރީ ކިޔަންފަށާފަ ވެސް ބުނީމެއްނު މީގަ ޒޭންއަށް އަޑުއަހަން އެހާ ފަސޭހަނޫން ވާހަކަތައް ލިޔެފައި ހުރެދާނެއޭ" ޔާނާ ދެރަވެލާފައި ބުންޏެވެ.

"އެނގޭތިކަން. އެކަމަކު މިރޭ ތި ޑައިރީ އަހަރެންގެ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބުދާރީވެއްޖެ، އަޑުއަހަން ކިތަންމެ އުނދަގޫވެފައި ޤަބޫލުކުރަން ވެސް އުނދަގޫވި، އެކަމަކު އެއީ ތެދަކަށްވީކަން.... އަހަރެންގެ އަމިއްލަ މަންމަ އަހަންނާއި ވާހަކަދައްކަން ބޭނުންވި ކޮންމެ ފަހަރަކު އަހަރެންނަށްވަނީ ބީރުކަންފަތެއް ދެވިފައި، އަނެއްކާ އަހަރެން މަސައްކަތްކުރީ އެ މަންމަ ނުފެންނަ ހިސާބުގައި އުޅެން، މި ހުރިހާ ކަމެއްގެ ސަބަބުން މަންމައަށް ލިބުނު ހިތްދަތިކަން އަހަރެން ހަނދާންނައްތާލާނީ ކިހިނެއް، ޔާން.... ޕްލީޒް ޔާން!... ބުނޭ ކިޔައިދޭނަމޭ. އަހަރެންގެ ކަންތައްތައް ޙިއްޞާކުރާން ހުރި މީހަކީ ތީ. ޑައިރީގައިވާ ހަޤީޤަތާ ކުރިމަތިލާން ވެސް ބޭނުންވަނީ ޔާނާއާއެކު" ޒޭން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"އަހަރެން ކިޔާނުދޭކަށް ނޫޅެމޭ، އެހެންނޫނަސް ދެން މި ޑައިރީގައި ކިޔާނެ މާގިނަ ގަނޑުތަކެއްނެތް. މިރޭން މިރެއަށް ވެސް ނިންމާލެވޭނެކަން ޔަގީން" ޔާނާ ޑައިރީއަށް ބަލާލައިފައި ބުނެލިއެވެ. ހިނިތުންވެލި ޔާނާ ގުދުވެލާފައި ޒޭންގެ ރަތްވެފައިވި ދެލޮލުގައި ބޮސްދިނެވެ. އެ ޑައިރީގެ ސަބަބުން ޚުދު އޭނައަށް ވެސް ބުނެދޭންނޭގޭ އިހްސާސްތަކެއް ކުރުވައިފިކަން ޔަގީންވާތީއެވެ.
ޔާނާ އަނެއްކާ ވެސް ޑައިރީ ކިޔަން ފެށީ އެރޭގެ ބާރަޖަހަން ވާއިރަށް އެއްކޮށްކިޔާ ނިންމާލުމަށެވެ.

* * * * *
މިންނުގެ ޑައިރީ:

އަހަރެންގެ މޫނުމަތިން މިހާރު ހިނިތުންވުން ފިލައިގެންނުދެއެވެ. ހައިކަލްއާއެކު އަލުންފެށި ލޯބީގެ ހަޔާތުގެ ފުރަތަމަ ރެއެކޭ، ރިޒޯޓުގައި ހޭދަކުރި ދުވަސްތަކެކޭ، މިހާރު އަހަރެން ހޭދަކުރަމުން މިދާ ދުވަސްތަކެކޭ އެއްވެސް ތަފާތެއްނެތެވެ. އަހަރެން ބޭނުންވި ކޮންމެ ކަމެއް ކޮއްދިނުމަށް ހައިކަލް ހުންނަނީ ތައްޔާރަށެވެ. އެއީ އުޑުންތަރިއެއް ގެނެސްދިނުމަށް ކަމަށްވިޔަސް، އޭނަ އުޑުން އެ ތަރި ނަގައިގެން ގެނެސް އަހަރެންގެ އަތަށް ލާދެނެކަމާމެދު ޝައްކެއްނުކުރަމެވެ. ހައިކަލް ގާތު ބުނެލަން ޖެހޭނީ ހަމަ އެންމެ ފަހަރަކުއެވެ. ނިދާފަ އޮންނައިރު ހުވަފެންތަކުގައާއި ހޭލާހުންނައިރު އޭނަގެ ގާތުގައިވާން ބޭނުންވާ ހަމައެކަނި މީހަކީ އަހަރެންނެވެ. އަހަރެންނޫން ދެވަނަ އަންހެނެއްދެކެ ހައިކަލް ލޯބިނުވެއެވެ. އަދި ނުވެސް ވެވޭނެކަމުގައި އޭނަ ބުންޏެވެ. އަބަދުވެސް އަހަރެންދެކެ ލޯބިވާނަންކަމުގައި ހައިކަލް ބުނެއެވެ. ހައިކަލްގެ ފަރާތުން އިވޭ އެފަދަ ބަސްތަކަކީ އަހަރެންގެ ހިތް އުފަލުން އުދުއްސައި ގަންނަ ފަދަ ކަންކަމެވެ. އެހަށިން ބޭރުކޮއްލާ ކޮންމެނޭވާއަކީ އަހަންނަށްޓަކާ ދިރިހުރުމަށް ހައިކަލް ލާނޭވާ ކަމުގައި ބުނެއެވެ. އަހަރެންގެ ހަށިގަނޑުގައި ބީހިލާ މަޑުމަޑު ވައިރޯޅި ވެސް އަހަންނަށް ލޯބީގެ ސަނާކިޔާނެކަމުގައި ހައިކަލް ބުނެއެވެ. ލޯބީގެ ސަމާސާ ކުރާން ދަންނަ މީހަކު ކަމުގައި ހައިކަލްވެއެވެ. އެ ނަސީބު އަހަންނަށް މިންވަރުކުރައްވާފައިވެއެވެ. ހައިކަލްގެ ހިތް ހުއްޓުމެއްނެތި ތެޅެމުންދަނީ އަހަރެން އެއަތުގެ ތެރެއަށްއަންނާނީ ކިހާއަވަހަކާ ކަމެއް ނޭގޭތީ، އެވަގުތެއްގެ އިންތިޒާރުގައެވެ. އެއީ އަހަރެންގެ ވެސް ހާލެވެ. އަހަރެންގެ ލޮލުގެ ބެބުޅުމުގެ ތެރެއިން ހައިކަލްގެ ހުވަފެންތަކާއި އުއްމީދުތައް ފުރިހަމަ ކޮއްދެމުން ދާކަމުގައި ބުންޏެވެ. ހައިކަލްފަދައިން ލޯބިވާނެ ދެވަނަ އިންސާނެއް މިދުނިޔޭގަ ވެސް ހުރެދާނެއެކޭ އަހަރެންގެ ހިތެއް ގަބޫލެއް ނުކުރެއެވެ. މިހާރު ހަމައަސްލު ވެސް އަހަރެން މިހިރީ އުފަލުންކަން ތި އެކުވެރިޔާއަށް އެނގޭނެކަން ޔަގީނެވެ.

މިއަދުމީ އަހަރެންގެ އެދުމަށް ހައިކަލް އޮލިމްޕަހަށް ދިޔަދުވަހެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ސިނަމާއެއްގައި ޓައިޓޭނިކް ކިޔާ އިނގިރޭސި ފިލްމެއް އެޅުވީއެވެ. ޓައިޓޭނިކް ފިލްމު އޮލިމްފަހުގައި އަޅުވައިފައިއޮތުމުން އެބަލަން ދާހިތްވީއެވެ. އަހަންނަކި ސިނަމާތަކަށް ދާ މީހެއްނޫނަސް ހުސްނާއާއި ލަކްޝްމީގެ އިތުރުން ޖަމީލު އެ ފިލްމު ބަލަން ކުރިން ރެއަކު ހިނގައްޖެއެވެ. ގޮސްފައި އައިސް އެ ފިލްމުގެ ރީތިކަމާއި މޮޅުކަމުގެ ވާހަކަ ދެއްކީމާ އަހަރެން ވެސް އަޖުމަ ބަލާލާ ހިތްވީއެވެ. ހައިކަލް ކިތަންމެ ފޫހިވި ނަމަވެސް އަހަރެން އެދުނީމާ އޮލިމްޕަހަށް ދާން އެއްބަސްވިއެވެ. ހުސްނާ އޮތީ ޖަމީލު ލައްވާ އަހަރެމެންގެ ޓިކެޓު ނަގާފައެވެ.

ޖަމީލުގެ ވާހަކަބުނުމުން މިހަނދާންވީއެވެ. ހުސްނާގެ އެދުމުގެ މަތިން އަހަރެން ހައިކަލްއާއި ވާހަކަދެއްކީމެވެ. އޭނަ އަހަރެންނަށް ފެންނަ ގޮތަކަށް ކަންތައްކުރުމަށް އެންގިއެވެ. އަހަރެން ހުސްނާގެ ހިތުގެ އެދުން ފުރިހަމަ ކޮއްދިނީމެވެ. ޖަމީލުއަށް މިގެއިން މަސައްކަތްތަކެއް ހަވާލުކޮށް އޭނަ ހުންނާނެ ތަނެއް ދެއްކީމެވެ. އެހެނީ މިގެއަކީ ބޮޑުގެއަކަށްވެފައި އަހަރުމެން ދެމަފިރިން ނޫން ބައެއް ނޫޅޭކަމެވެ. ޖަމީލުވީ ވަރަށް ހިތްހެޔޮ ރަނގަޅުމީހަކަށެވެ. މަސައްކަތްތަށް ކޮއްދެމުންދިޔައީ ނުހަނު ފަރުވާތެރިކަމާއިއެކުއެވެ.
އޮލިމްޕަހުން އަހަރުމެންނަށް ގޮނޑި ލިބުނީ މެދެއްހާ ހިސާބަކުންނެވެ. ވަދެއޮތްމީހުން ގިނަކަމުން އަހަރެން އަޖައިބުވިއެވެ. އެހާ ގިނަ މީހުން އެއްތަނަކުން ފެނުނު މީ ފުރަތަމަ ފަހަރެވެ. އެކުވެރިޔާއެވެ. އެވަރުގެ މޮޅު ފިލްމެއް އަހަރެން ނުބަލަމެވެ. ލިއަނާޑޯ އާއި ކޭޓް ހާދަ ލޯތްބެވެ. ހާދަ ގުޅެއެވެ. އަހަންނަށް ފިލްމު ބަލަމުންދިޔައިރު ދެލޮލުން ކަރުނައެވެ. އެކަމާ ކައިރީގައި އިން ހައިކަލް ވަރަށް ދިމާކުރިއެވެ. އެކަމަކުވެސް އެ ފިލްމުން އަހަންނަށް ހަމަ އަސަރުކުރިއެވެ. ރޮވުނީ އެހެންވެއެވެ. ފިލްމުގެ ނިމުން އަހަންނަށް ކަމަކު ނުދިޔައެވެ. މާހިތާމަވެރިވީމައެވެ. އަހަންނާއި ހައިކަލް އާއި ގުޅެވުނުގޮތަށް ލިއޯ އާއި ކޭޓްއަށް ވެސް ގުޅެވުނުނަމައޭ ހިތަށްއެރިއެވެ. އޮލިމްފަހުން ނުކުމެގެން ދިޔައީ އަދި އެއްފަހަރު އެ ފިލްމު ބަލާލާހިތުން ހުރެއެވެ.

ގެއަށް އައިފަހުންވެސް އަހަންނަށް ވިސްނެނީ ޓައިޓޭނިކްގައި އުޅުނު ދެލޯބިވެރިންނާއި ދޭތެރޭއެވެ. ފުރަތަމަ ފަހަރަށް އޮލިމްޕަހަށް ވަތްއިރު މޮޅު ފިލްމެއް ބަލާލެވުމުން ވަރަށް ހިތްހަމަޖެހުނެވެ. ހައިކަލްއަށް ވެސް އެ ފިލްމު ރީތިވިއެވެ. ނަމަވެސް އޮލިމްޕަހުގައި އިންނަންޖެހުނު ހާލުން އޭނަ ހުރީ ވަރަށް އުނދަގޫވެފައެވެ.

އަދި އާ ޚަބަރެއް ދެން ހެއްޔެވެ. އަހަރުމެން މި އުޅެނީ އަލުން ކުއްޖަކު ހޯދަންވެގެންނެވެ. ހައިކަލްއާއި އަހަރެންވެސް އަދި އެއްކުއްޖަކު ބޭނުމެވެ. އަހަރެމެންގެ އުފާވެރި ކައިވެނީގެ މައްޗަށް ހަލާލު ގޮތުގައި ދަރިއަކު އުފަން ކުރާން އަހަރެން ވަރަށް ބޮޑަށް ބޭނުންވެއެވެ. އަހަރެންނަށް ދެވަނަ ކުއްޖަކު ލިބޭނެދުވަހަކަށް އިންތިޒާރުކުރެވެއެވެ. ގޭތެރޭގެ ފަރުނީޗަރުތަކަށް މިހާރުވަނީ ބަދަލު ގެނެވިފައެވެ. ކޮޓަރިތައްވަނީ އޭސީކުރެވިފައެވެ. ބެލްކަނީގެ ދޮރުފޮތިގަނޑު ވެސް ވަނީ ޒަމާނަށް ފެތޭ އެންމެ ފަހުގެ ސްޓައިލަށް ހަދާލާފައެވެ. ހުރިހާ ބަދަލުތަކެއް ވެސް ގެނެސްފައިވަނީ ހައިކަލްގެ ވިސްނުމާއެއްގޮތަށެވެ. ބަދަލު ނާންނަނީ ގޭގެ އިމާރާތަށް އެކަންޏެވެ. ދެން މިދަނީ ނިދަން ދާށެވެ. ނޫނީ ހައިކަލްއަށް ހޭލެވިދާނެއެވެ. އޭރުން ވަރަށް ސުވާލުގިނަވާނެއެވެ.

* * * * *

މިއަދު އަހަރެން ޙިއްޞާކުރަން މިއުޅެނީ އަހަރެންގެ ހަޔާތުގެ ވަރަށް ޚާއްޞަ ކަންތައްތަކެއްގެ ވާހަކައެވެ. އަހަރެންގެ ހިތްމިވަނީ ވަރަށް ބިރުގެންފައެވެ. އެހާ ވަގުތެއް ވެސް ނެތެވެ. ކޮންމެ ވަގުތަކު ވެސް ހައިކަލް އަހަރެން ބަލާ އައިސްދާނެއެވެ. އަހަރެން ހާސްވެ ކަންބޮޑުނުވުމަށް މަސައްކަތް ކުރަމެވެ. އެކަމަކު ހިތްވަނީ އެއަށްވުރެ ބޮޑަށް ބިރުގެންފައެވެ. އަހަރެން މިހިރީ އަމިއްލަ ވަޒަނާ ވެސް ދުރުގައިކަން އެނގޭތީ އަދި ވަކިން ބިރުގަނެވެ. އަހަރެން ބޭނުންވަނީ ގާތްތިމާގެ މީހުންނާއި ލޯބީވާ ދަރިފުޅާއި ހައިކަލް އަހަރެންގެ ގާތުގައި ހުރުމަށެވެ.

އަހަރެންގެ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އަހަންނަށް އެނގުނީ އާގަރުނެއް ފެށެނު ރޭގައެވެ. އާގަރުނެއް ފެށުމުގެ އުފާވެރި ކަމާއިއެކު އިތުރު އުފަލެއް ލިބިގެން ދިޔައެވެ. ނަމަވެސް އެއުފާވެރިކަން ދިގުމުއްދަތަކަށް ދެމިގެނެއް ނުދިޔައެވެ. ޑޮކްޓަރުން ބުނަމުންދިޔައީ އަހަރެންގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް ތޫނު ތަދަކާއިއެކު ބަނޑަށް ދެމަހުގައި ދަރިފުޅު ބައިގެން ގޮއްސިއެވެ. އެހާއަވަހަށް އެއުފާވެރިކަން ގެއްލިގެން ދިއުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިޔެވެ. އަހަންނަށް ދެން އިތުރުކުއްޖަކު ނުލިބިދާނެތީއެވެ. ހައިކަލްގެ އެހީތެރިކަން އަހަންނަށް އިންތިހާއަށް ލިބުނެވެ. އަހަރުމެންގެ އުމުރު ދޮށިވަމުންދިޔަ ކަމުގައިވިޔަސް އަހަރުމެން ދެވަނަ ކުއްޖަކަށް ކުރަމުންދިޔަ އުއްމީދު ހުއްޓައެއްނުލަމެވެ.

އަހަރެންގެ ސަބަބުން ޒޭންގެ އަށާރަވަނަ އުފަންދުވަހުގައި ހައިކަލްއަށް އޭނަގެ ގާތަށް ނުދެވުނެވެ. އެކަން ޒޭންއަށް ވަރަށް ބޮޑުކަމަކަށް ވީކަން އަހަންނަށް އެނގުނެވެ. ހައިކަލް އަހަރެންގެ ހާލާ މެދު ބޯހާސްވެފައިވަނިކޮށް ޒޭންގެ ޝަކުވާތައް އަޑުއަހަން އޭނައަށް ޖެހުނެވެ. އަހަރެން ގަސްދުގަ ހައިކަލް ނުފޮނުވީ ކަމަށް ޒޭން ބުނަމުންދިޔަ ވާހަކަ ހައިކަލް އަހަންނަށް ކިޔާދިނީ ވަރަށް ފަހުންނެވެ. އަނެއްކާ ވެސް އަހަރެންގެ ދަރިފުޅު އަހަންނާއި ގާތްވުމުގެ ބަދަލުގައި ދުރުވީއެވެ. އަހަރެން ބަލިވެއިން ޚަބަރު އަހަރެން ބޭނުންވީ ހަތަރު މަސް ފަހުން ޒޭންއަށް ދޭށެވެ. އެކަމަކު އޭގެ ބަދަލުގައި ހާލަތު ނިޔާކުރީ ހީ ވެސް ނުކުރާ ފަދަ ގޮތެކެވެ.
-- (ނުނިމޭ)