ކުޅިވަރު

ކުލަބު ވޯލްޑްކަޕް ޗެމްޕިއަން ރެއާލް މެޑްރިޑް

Dec 17, 2017

ބްރެޒިލްގެ ގްރޭމިއޯ ފުޓްބޯޅަ ކުލަބު ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފްރީ ކިކުން ކާމިޔާބު ކުރި ލަނޑުން، ރެއާލް މެޑްރިޑް ޖެހިޖެގެން ދެ ވަނަ ފަހަރަށް ކުލަބު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ، ރެއާލް މެޑްރިޑް ކުލަބު ވޯލްޑް ކަޕް ހޯދި ހަ ވަނަ ފަހަރެވެ. އަދި މިއީ މިއަހަރު ޒިދާން ހޯދި ފަސް ވަނަ ތައްޓެވެ. މިއަހަރު ޒިދާންއަށް ނުހޯދުނީ އެންމެ ތައްޓެކެވެ. އެއީ ސްޕެނިޝް ކަޕެވެ.

ރޭގެ މެޗުގައި، ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ގްރޭމިއޯއިން ވަނީ ރެއާލްއަށް އުނދަގޫ ކުރިމަތި ކޮށްފަ އެވެ. ޑިފެންސިވް ރަނގަޅު ގޭމެއް ކުޅެމުން ދިޔަ ނަމަވެސް އެ ޓީމުގެ ފޯމަށް ބަދަލު އައީ ފްރީ ކިކުން ރޮނާލްޑޯ ލަނޑު ކާމިޔާބު ކުރުމުންނެވެ. މެޗުގެ 53 ވަނަ މިނެޓްގައި، ގްރޭމިއޯގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލްގެ ތިރީ ކަނަށް ރޮނާލްޑޯ ފޮނުވާލީ، ފާރެއްހެން އެތުރިގެން ތިބި ކުޅުންތެރިންގެ ތެރެއިން ފޫއަޅުވާލާފަ އެވެ.

ރެއާލް މެޑްރިޑަށް ދެން އޮންނަ މެޗަކީ، ސްޕެނިޝް ލީގްގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. ސްޕެއިންގެ ފުޓްބޯޅައިގައި ސަގަފާތެއް އޮވެއެވެ. އެ ގައުމުގެ ކުލަބެއް ކުލަބު ވޯލްޑް ކަޕް ހޯދައިފިނަމަ، އެ ޓީމުން ދެން ކުޅޭ މެޗުގައި، އިދިކޮޅު ޓީމުން އެ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ގާޑް އޮފް އޮނާއެއް އަރުވައެވެ.

ދެން އޮތީ، ބާސެލޯނާއިން ރެއަލް މެޑްރިޑަށް ގާޑް އޮފް އޮނާއެއް އަރުވާނެތޯ ކުރެވޭ ސުވާލެވެ.