ރާއްޖޭގެ ޓޫރިޒަމް މި ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. ގިނަ ރިސޯޓުތަކެއް ހުޅުވަމުންނެވެ. އަދި މިއާއެކު، ޓޫރިޒަމްގެ އެނދުތައް ވެސް އިތުރު ވެއްޖެ އެވެ. ސުވާލަކީ އެނދުތައް އިތުރުވުމުން ޓޫރިޒަމަށް ކުރީ ކޮން އަސަރެއް ހެއްޔެވެ؟ ޓޫރިސްޓުގެ އަދަދު އެއްވަރެއްގައި "ހިފެހެއްޓިފައި" ޓޫރިޒަމް ބެޑް އިތުރުވުމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟
"މިދިޔަ އަހަރަށް ވުރެ ބެޑް ކެޕޭސިޓީ ވަރަށް ބޮޑުތަން އިތުރު. އެހެންވެ މިހާރު ވަރަށް ކޮމްޕެޓިޝަން ވެސް މަތި. ނަމަވެސް ޓޫރިޒަމް މި ފެންނަނީ ރަނގަޅަށް. ހާއްސަކޮށް ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ވަރަށް ރަނގަޅުވާނެ ކަމަށް ބެލެވޭ،" ރާއްޖޭގެ ހުރިހާ ރިސޯޓަކަށް ޓޫރިސްޓުން ގެނެސްދޭ، ދިވެހި ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކެޕިޓަލް ޓްރެވަލްގެ ވެރިޔާ، ޔޫސުފު ރިފްއަތު ވިދާޅުވި އެވެ.
އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގައި ގިނަ ރިސޯޓު ތަކެއް ހުޅުވައިފި އެވެ. އަދި އާ ގިނަ ރިސޯޓުތަކެއް ވެސް ހުޅުވައިފި އެވެ. އަދި ގިނަ ރިސޯޓު ތަކެއް ފެންވަރު މަތިކޮށް، އެނދުގެ އަދަދު އިތުރު ވެސް ކޮށްފި އެވެ. ވޭތުވެ ދިޔަ ތިން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 20 ރިސޯޓެއް ހުޅުވާލައިވެ އެވެ. މި ވަގުތު ރާއްޖޭގައި 427 ގެސްޓްހައުސް އާއި 145 ސަފާރީ އަދި 123 ރިސޯޓު އޮޕަރޭޓް ކުރަމުންދެ އެވެ. މިގޮތުން ރިސޯޓުތަކުގައި 27,465 އެނދު ހުރިއިރު، ގެސްޓްހައުސްތަކުގައި 6,609 އެނދު އެބަހުއްޓެވެ. އަދި ސަފާރީތަކުގައި 2,694 އެނދުން ހިދުމަތްދެމުން ގެންދެ އެވެ. ތަން ކޮޅެއް ފަހަށް ޖެހިލައި އަށް އަހަރުގެ ދުރަށް ބަލައިލާނަމަ ފެންނަނީ، ރާއްޖޭގައި އެނދުތައް އިތުރުވެގެން ދިޔަނަމަވެސް، އެވްރެޖު ގޮތެއްގައި ރާއްޖެ އައި މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ތަނެވެ.
ތަފާސް ހިސާބުތަކަށް ބަލާނަމަ 2010 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ ޖުމްލަ 791,917 ޓޫރިސްޓުންނެވެ. އެ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޓޫރިޒަމްގައި ހުރީ އެންމެ 21,701 އެނދެވެ. މި އަހަރު ޓޫރިޒަމްގެ އޮކިއުޕެންސީ ހުރީ އެވްރެޖު ގޮތެއްގައި 73.8 ޕަސެންޓުގަ އެވެ. އަދި 2011 ވަނަ އަހަރު 931,333 ޓޫރިސްޓުން އައިއިރު، ޓޫރިޒަމް އެނދުގެ އަދަދު ވަނީ 24,490 އިތުރުވެފަ އެވެ. އަދި މި އަހަރު ވެސް ރާއްޖޭގެ އޮކިއުޕެންސީ ހުރީ ގާތްގަނޑަކަށް 73.1 ޕަސެންޓުގަ އެވެ.
އެހެން އަހަރަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މަޝްރަހު އެންމެ ހޫނުވި، 2012 ވަނަ އަހަރު ރާއްޖެ އަށް 958,027 ޓޫރިސްޓުން އައިސްފައިވެ އެވެ. އޭރު ރާއްޖޭގައި ހުރީ ޖުމްލަ 25,062 އެނދެވެ. މި އަހަރު ރާއްޖޭގެ އޮކިއުޕެންސީ ރޭޓް ވަނީ 70.4 ޕަސެންޓަށް ވެއްޓިފަ އެވެ. އަދި ޖެހިގެން އައި އަހަރު ފުރަތަމަ ފަހަރަށް ޓޫރިސްޓުންގެ އަދަދު 1,125,202 އެރި އެވެ. އޭރު ޓޫރިޒަމް އެނދުތަކުގެ އަދަދު ވަނީ ޖުމްލަ 28,770 އަށް އިތުރުވެފަ އެވެ. ނަމަވެސް އޭރު ވެސް ރާއްޖޭގެ އޮކިއުޕެންސީ އެވްރެޖު ގޮތެއްގައި ހުރީ 74.0 ޕަސެންޓުގަ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ޓޫރިސްޓުންގެ އަދަދު 1,204,857 އަށް އަރައި، ޓޫރިސްޓު އެނދުގެ އަދަދު 30,689 މައްޗަށް ދިޔަ އެވެ. ނަމަވެސް އޭރުވެސް ޓޫރިޒަމްގެ އޮކިއުޕެންސީއަކީ 74.5 ޕަސެންޓެވެ. އަދި 2015 ވަނަ އަހަރު 1,234,248 މީހުން އައިސް ޓޫރިސްޓު އެނދުގެ އަދަދު 27,748 އަށް ވެއްޓުނެވެ. ނަމަވެސް މި އަހަރު ރާއްޖޭގެ އޮކިއުޕެންސީ ރޭޓް ވަނީ 69.0 އަށް ތިރިވެފަ އެވެ. އަދި މިދިޔަ އަހަރު ވެސް ގާތްގަނޑަކަށް މި އަދަދަށް އައިސްފައިވެ އެވެ. އޭރު ޖުމްލަ އެނދުގެ އަދަދު ވަނީ 28,726 އަށް އިތުރުވެފަ އެވެ. އޭރު ރާއްޖޭގެ އެވްރެޖު އޮކިއުޕެންސީ ހުރީ 68.0 ޕަސެންޓުގަ އެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް 1,125,995 މީހުން އައިސްފައިވެ އެވެ. އަދި މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ޖުމްލަ އެނދުގެ އަދަދު މިވަނީ 40,169 އަށް މަތިވެފަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ވެސް ރާއްޖޭގެ އެވްރެޖު އޮކިއުޕެންސީއަކީ 60.3 ޕަސެންޓެވެ.
އަގުތައް ދަށް ކުރަން ޖެހުން
ރާއްޖޭގެ މަތީ ފަންތީގެ ޓޫރިސްޓު ޕްރޮޕަޓީތަކުގެ އަގުތައް ދަށްކޮށް، ވިއްކަން ޖެހުމަކީ ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު ވެސް އެންމެ ފާހަގަ ވެގެން ދިޔަ އެއް ކަމެވެ. މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރެފައިވާ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ބްލެޓިންގައި ވެސް އެކަން ފާހަގަ ކޮށްފައިވެ އެވެ. އެމްއެމްއޭ އިން ފާހަގަ ކޮށްފައިވާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓޫރިޒަމްގެ އާމްދަނީ އަށް އަސަރުކުރި އެއް ސަބަބަކީ ވެސް މިީ އެވެ. ސުވާލަކީ ރާއްޖޭގެ ރިސޯޓުތަކުގެ އަގުތައް ދަށް ކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟
މި ސުވާލަށް ޖަވާބު ދެއްވަމުން، ކެޕިޓަލް ރިފްއަތު ވިދާޅުވި ގޮތުގައި މީގެ މައިގަނޑު އެއް ސަބަބަކީ އަންނަ ޓޫރިސްޓުންނަށް މާކެޓުގައި އޮތް ވާދަވެރިކަން ބޮޑުވުމެވެ.
"އެކައްޗެއް ހޯދަން ގިނަ ބަޔަކު މި އުޅެނީ. އެހެންވެ ވާދަވެރިކަން ވަރަށް ބޮޑު. މިހެންވެ އަގުތައް ކޮންމެވެސް ވަރަކަށް ދަށް ކުރަމުންދޭ. ގާތްގަނޑަކަށް 20-30 ޕަސެންޓު ވަރު ދަށްކުރަނީ،" ރިއްފަތު ވިދާޅުވި އެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޑިމާންޑް ކްރިއޭޓް ނުކުރެވުން ކަމަށެވެ.
"ގިނަ ރިސޯޓްތައް އެ ފަހަރާ ހުޅުވާއިރު ޑިމާންޑް ކްރިއޭޓެއް ނުކުރެވެނީ. މިކަން ކުރެވޭނީ ޑެސްޓިނޭޝަން މާކެޓިން ވަރުގަދަ ކޮށްގެން. ކުރިން ސީއެންއެން ބީބީސީ ފަދަ އެއްޗިހީގައި ރާއްޖެ އެޑްވަޓައިޒް ކުރޭ. މިހާރަކު އެކަމެއް ނެތް. މިހާރު ކޮމްޕީޓިން ޑެސްޓިނޭޝަން ތަކުން ބޮޑަށް އިޝްތިހާރު ކުރޭ. މިއީ މައްސަލައަކީ،" އަބްދުﷲ ވިދާޅުވި އެވެ.
ގިނަ ރިސޯޓްތައް އެ ފަހަރާ ހުޅުވާއިރު ޑިމާންޑް ކްރިއޭޓް ނުކުރެވެނީ. މިކަން ކުރެވޭނީ ޑެސްޓިނޭޝަން މާކެޓިން ވަރުގަދަ ކޮށްގެން. އަޅުގަނޑުމެން [މަޓާޓޯ] އިން އަބަދުވެސް ދައްކާ ވާހަކައެއް މިއީ. ކުރިން ސީއެންއެން ބީބީސީ ފަދަ އެއްޗިހީގައި ރާއްޖެ ވަރަށް ރަނގަޅަށް އެޑްވަޓައިޒް ކުރި. މިހާރަކު އެކަމެއް ނެތް. މިހާރު ކޮމްޕީޓިން ޑެސްޓިނޭޝަންތަކުން ބޮޑަށް އިޝްތިހާރު ކުރޭ. މިއީ މައްސަލައަކީމަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ މަހަކު ރިސޯޓެއް ހުޅުވަމުން ދިއުމުން ވަރަށް ބޮޑަށް އެނދު އިތުރުވެފައިވާ ކަމަށެވެ.
"ސިމްޕަލް އިކޮނޮމިކްސް މިއީ. ކުރު މުއްދަތެއްގެ ތެރޭގައި ރޫމްތައް ވަރަށް ގިނަ ވެއްޖެ. އެކަމަކު ސަޕްލައި އިންކްރީޒެއް ނުވޭ. މިހެން ވުމުން ރޫމްގެ އަގުތައް ކުޑަ ވެގެންދޭ،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ގިނަ އެނދު ހުރި އެއް ރިސޯޓުކަމަށްވާ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި އެ ރިސޯޓުގެ އޮކިއުޕެންސީ މަތީގައި ހިފަހައްޓަން ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށެވެ.
"އޮކިއުޕެންސީ ހިފަހައްޓަން ވަރަށް މަސައްކަތް ކުރަން ޖެހޭ. އިންސެންޓިވް ތަކެއް ދީގެން ހިފަހައްޓަނީ،" ގާތްގަނޑަކަށް 400 ކޮޓަރީގެ ރިސޯޓުގެ ޖީއެމް، މައުސޫމް ވިދާޅުވި އެވެ.
އެއާޕޯޓު ޓޫރިޒަމަށް ގޮންޖެހުމެއް!
ޓޫރިޒަމް އިޝްތިހާރު ކުރުމަށް ވެސް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރެ އެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖޭން ގިނަ ހަރަކާތް ތަކެއް ހިންގާފަ އެވެ. ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު ވެސް މާކެޓިން ބަޖެޓަކީ 50 މިލިއަން ރުފިޔާ އެވެ. އަދި ބަޖެޓުގެ ބޭރުން ޕާޓްނާޝިޕް ހަދައިގެން ވެސް ރާއްޖެ އިޝްތިހާރު ކޮށްފައިވެ އެވެ. ނަމަވެސް މިހާރު ޓޫރިސްޓުން އިތުރު ކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީގައި ހުރި ދަތިކަން ކަމަށް ސަރުކާރުން ބުނެ އެވެ. އެހެންވެ، ސަރުކާރުން ދަނީ ވީއައިއޭ ތަރައްގީކޮށް ހަ މިލިއަން މީހުންނަށް ހިދުމަތް ދެވޭވަރުގެ ތަނަކަށް ބަދަލު ކުރުމަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ވެސް ހިންގަމުންނެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ޓޫރިސްޓުން އިތުރު ކުރުމަށް މިހާރު އޮތް އެންމެ ބޮޑު ވީއައިއޭގައި ހުރި ދަތިތައް ކަމަށެވެ. މި ދަތިތަކުގެ ސަބަބުން އެއާޕޯޓް ތަރައްގީވުމާ ހަމައަށް އަންނަނާނެ ކަމަށް އަންދާޒާ ކުރެވެނީ 1.4 މިލިއަނާއި 1.5 މިލިއަން ޓޫރިސްޓުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ސަބްސްޓެންޝަލް އިންކްރީޒެއް ލިބޭނީ ވީއައިއޭގެ މަސައްކަތް ނިމުމުން. މިހާރު ވަރަށް އުނދަގޫކޮށް މި އޮތީ. މިސާލަކަށް ހެނދުނަށް ބަލާނަމަ ރަންވޭމަތި އެއްކޮށް ފުރިފައި އޮންނާނީޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
"ސަބްސްޓެންޝަލް އިންކްރީޒެއް ލިބޭނީ ވީއައިއޭގެ މަސައްކަތް ނިމުމުން. މިހާރު ވަރަށް އުނދަގޫކޮށް މިއޮތީ. މިސާލަކަށް ހެނދުނަށް ބަލާނަމަ ރަންވޭމަތި އެއްކޮށް ފުރިފައި އޮންނާނީ. ޓެކްސީވޭ ވެސް. ޗައިނާ ތަންތަނުން ގިނަ ފްލައިޓްތައް އަންނަން ބޭނުންވަނީ ރޭގަނޑު 10 ޖަހާ އެހާއިރު. ޔޫރަޕުން އަންނަނީ ހެނދުނު. މިދެ ގަޑިވެސް އޮންނަނީ ވަރަށް ކޮންޖެސްޓްކޮށް. އަނެއްކާ ބޯޓެއް ޖައްސާފަ ޓެކްސީވޭއަށްދާން އެބަނަގާ 20 މިނެޓް. ނަމަވެސް ވީއައިއޭ ނިމުނީމަ 10 މިނެޓު އަވަސްވާނެ. އެހެންވީމަ، އެރައިވަލް އިތުރު ނުކުރެވޭނީ،" ޒަމީރު ވިދާޅުވި އެވެ.
ޓޫރިސްޓު އެނދުތައް އިތުރުވެއްޖެ އެވެ. ނަމަވެސް ޓޫރިސްޓުންގެ އަދަދު ހުރީ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ. ސުވާލަކީ މިވަރަށް އެރެއިވަލްސް ބަހައްޓައިގެން، އެނދުތައް އިތުރު ކުރުން ރަނގަޅުބާ އެވެ؟