ކުޅިވަރު

ކާކާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

Dec 18, 2017

އޭސީ މިލާން އާއި ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑާ ބްރެޒިލްގެ ރިކާޑޯ ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފި އެވެ.

ކަކާ އެންމެ ބޮޑަށް ފާހަގަ ވާނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި މިހާރު ޑޮމިނޭޓް ކުރަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށް ފަހު އެވޯޑް ހޯދި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

އޭސީ މިލާން އަށް 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގް ހޯދައި ދިނުމަށް ފަހު އެ އަހަރުގެ ބެލަންޑޯ އެވޯޑް ގެންދިޔައީ ކަކާ އެވެ. އޭނާ އާ އެންމެ ގާތުން ވާދަ ކުރީ ރޮނާލްޑޯ އާއި މެސީ އެވެ. އޭގެ ފަހުން 10 އަހަރު ވެއްޖެ އެވެ. ރޮނާލްޑޯ އާއި މެސީ ފިޔައި އެހެން ކުޅުންތެރިޔަކަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް، މި 10 އަހަރުތެރޭގައި ލިބިފަ އެއް ނުވެ އެވެ.

ކަކާ ވަނީ 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގްގައި 10 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެއަށްފަހު އޭނާ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. އެ ޓީމަށް އޭނާ ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑް އަދަދެއް ކަމަށްވާ 56 މިލިއަން ޕައުންޑްގެ އަގަކަށެވެ. ރެއާލްގައި އޭނާ ހޯދުނީ އެއް ސްޕެނިޝް ލީގާއި އެއް ކޮޕަޑެލްރޭ އެވެ. ރެއާލަގައި އޭނާ އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ، އަސްލު ކުޅުން ތަކުރާރު ނުކުރެވުނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އޭސީ މިލާނަަށް އަލުން ބަދަލުވި އެވެ.

ކަކާ، 35 އަށް ކުޅުމުގެ ފުރުސަތު ދޭން، މިލާން އާއި އޭނާގެ ފުރަތަމަ ކުލަބު ބްރެޒިލްގެ ސައޯ ޕޯލޯއިން ތައްޔާރުވި އެވެ. ނަަމަވެސް ކަކާ ބުނީ މިއީ އޭނާ ހުއްޓަލަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އަދި އޭނާ ވަނީ ފުޓްބޯޅައިގެ މެނޭޖްމެންޓް ސައިޑްގައި މަސައްކަތް ކުރަން ތައްޔާރު ވަމުންދާ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"އަހަރެން ފުޓްބޯޅައިގައި ބައިވެރިވާން ބޭނުމީ އެހެން ގޮތަކުން، މެނޭޖަރެއް ނުވަތަ ސްޕޯޓިން ޑައިރެކްޓަރެއްގެ ގޮތުގައި، ދަނޑާއި ކުލަބާ ދެމެދު ގުޅުވައިދޭ މީހެއްގެ ގޮތުގައި،" އޭނާގެ ފެއާވެލް އިންޓވިއުގައި ބްރެޒިލްގެ ގްލޯބޯ ޓީވީ އަށް ދިން އިންޓަވިއުގައި ބުންޏެވެ. "އަހަރެން ޕްރޮފިޝަނަލް ފުޓްބޮޅަ ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް ބޮޑަށް ތައްޔާރުވިން، އަހަރެންގެ އާ ޒިންމާގެ ދަށުން ކުރަން ޖެހޭ ކަންކަމަށްވެސް އެހާބޮޑަށް ތައްޔާރުވާން ބޭނުން."

ކަކާ ބުނީ މިލާން އިން އޮތީ އޭނާ އަށް އަފަދަ ޒިންމާއެއް ހުށަހެޅުމައް ތައްޔާރަށް ކަމަށެވެ. ނަމަވެސް އެއީ ކޮން މަގާމެއް ކަމެއް އޭނާ ނުބުނެ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގްގެ އޮލާންޑޯ ސިޓީ އަށެވެ. އޭނާ އަކީ އެ ޓީމުގެ ކުރީގެ ކެޕްޓަން ވެސް މެއެވެ.