ވާހަކަ

މިންނުގެ ޑައިރީ

(17 ޑިސެމްބަރ 2017 އާ ގުޅޭ) -- ހައިކަލް އަހަރެންގެ ހާލާ މެދު ބޯހާސްވެފައިވަނިކޮށް ޒޭންގެ ޝަކުވާތައް އަޑުއަހަން އޭނައަށް ޖެހުނެވެ. އަހަރެން ގަސްދުގަ ހައިކަލް ނުފޮނުވީ ކަމަށް ޒޭން ބުނަމުންދިޔަ ވާހަކަ ހައިކަލް އަހަންނަށް ކިޔާދިނީ ވަރަށް ފަހުންނެވެ. އަނެއްކާ ވެސް އަހަރެންގެ ދަރިފުޅު އަހަންނާއި ގާތްވުމުގެ ބަދަލުގައި ދުރުވީއެވެ. އަހަރެން ބަލިވެއިން ޚަބަރު އަހަރެން ބޭނުންވީ ހަތަރު މަސް ފަހުން ޒޭންއަށް ދޭށެވެ. އެކަމަކު އޭގެ ބަދަލުގައި ހާލަތު ނިޔާކުރީ ހީ ވެސް ނުކުރާ ފަދަ ގޮތެކެވެ.

ދެކެމުން އައި ފޮނި ހުވަފެންތައް މިއަދު ހަޤީޤަތަކަށް ވީއިރު އަހަރެންގެ ދަރިފުޅު ޒޭން އަހަންނަށް ގެއްލިއްޖެއެވެ. ހައިކަލްއަށް އަހަރެންނާއި ދަރިފުޅާ ދެމީހުންކުރެ އެކަކު ޚިޔާރުކުރުމަށް ޒޭން އެންގީއެވެ. އަހަންނާއެކު ހައިކަލް އުޅޭހާ ދުވަހަކު ޒޭން އެނބުރި ނާންނާނަން ކަމަށް ނިންމީއެވެ. އަހަރެން ދިރިއުޅޭ ތަނެއްގައި އޭނާ ހުންނާކަށް ބޭނުމެއްނުވެއެވެ. ފަހަރެއްގައި ޒޭން އުންމީދު ކުރީ އަހަންނާއި ހައިކަލްއާ ދެ މީހުން ވަކިވާނޭ ކަމަށެވެ. އެހެންނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ހައިކަލްގެ ފަރާތުން ޒޭނަށް ލިބުނު ޖަވާބަކީ އިތުރަށް އެ ދަރިފުޅު އަހަންނަށް ނަފުރަތު ކުރި ސަބަބެވެ. ދުވަހަކުވެސް އަހަރެން ދޫކޮއްނުލާނަން ކަމުގައި ހައިކަލް ބުންޏެވެ. އަހަރެންގެ ހިތް ކުދިކުދި ވެއްޖެއެވެ. ދަރިފުޅު ޒޭން އަލުން ހޯދަން ކުރެވޭނޭކަމެއް ނެތި ގޮތް ހުސްވެއްޖެއެވެ.

ކައިވެންޏަށް ހަތްއަހަރަށް ފަހު އަހަރެން ބަލިވެއިނީ އަންހެންކުއްޖަކަށެވެ. ހައިކަލް އާއި އަހަރެން އުފާވިކަމުގައި ވިޔަސް ލިބެންވީ އެންމެ ބޮޑު ހިތްހަމަޖެހުމެއް ނުލިބުނެވެ. ޒޭންއަކީ މިހާރު ފުރިހަމަ ޒުވާނެކެވެ. އެހެންނަމަވެސް އޭނާގެ ގޮތްދޫނުކުރުމާއި ހަރުކަށި ބަސްތައް އަހަންނަށް ރައްދު ކުރެއެވެ. އަހަރެންގެ އުމުރުން ދޮށިވުމާއެކު ޑަކްޓަރުން ލަފާ ދެމުން ދިޔައީ ދަރިއަކު ދެން ނުހޯދުމަށެވެ. ހައިކަލް ވެސް ބޭނުންވަނީ ޑަކްޓަރުން އެދޭ ގޮތަށް ކަންތައް ކުރުމަށެވެ. އަހަރެންގެ ފުރާނައަށް ގެއްލުމެއްވާކަށް އޭނާ ނޭދެއެވެ. އެހެންވިޔަސް އެއްބަސްވީ އަހަރެން އެކަމަށް އެދޭ ވަރުންނެވެ. ބަލިވެ އިންކަން އެނގުނީސުރެން އަހަރެން އުޅުނީ ބަލިވެއެވެ. އެހެންވިޔަސް މިފަހަރު ބަލިވެއިންކަން އެނގޭއިރަށް އެކަން ޒޭނަށް އެންގީމެވެ. އެކަމަކު އެ ކުއްޖާގެ ދުލުން އަހަންނަށާއި އަހަރެންގެ ބަނޑުގައި އަށަގަންނަމުންދިޔަ އޭނާގެ ކޮއްކޮއަށް ނުކުތީ ބަދުބަސްތަކެވެ. ޒަމާންތަކަކަށްފަހު އަހަރެންގެ ކުރިމަތީގައި ހައިކަލް ހިތުގައި ޖެހި ކަރުނަ އެޅި ކަމަކަށް އެކަން ވިއެވެ. ޒޭންގެ އިތުރު މަންމައެއް އަހަރެން ނޫނީ ނުހުންނާނެ ކަމަށް އޭނައަށް ވިސްނާ ދީ ދީ ހައިކަލް ވަރުބަލި ވެއްޖެއެވެ. ހައިކަލް ބޭނުންވަނީ ރާއްޖޭން ބޭރުން ޑީއެންއޭ ޓެސްޓު ހަދައިގެން ވިޔަސް ޒޭނަށް އަރާފައި އޮތް އޮޅުން އޭނާއަށް އަންގާ އޮޅުންފިލުވައިދޭށެވެ. އެހެންނަމަވެސް އަހަރެންގެ ހާލު ހުރި ގޮތުން އެފަދަ ކަމަކަށް އޭނާއަށް ސަމާލުކަމެއް ނުދެވުނެވެ. އަހަރެން ހައިކަލް ގާތުގައި ބުނަމުން އައީ ބަނޑުގައިވާ ދަރިފުޅު އުފަންވީމާ ހުރިހާ ކަމެއް ރަނގަޅުވާނޭ ކަމެވެ.

ދުވަސްތައް ފާއިތުވެ އަހަރެންގެ ބަނޑަށް މިވަނީ ނުވަމަސް ފުރި ވިހަން ދާންވެފައެވެ. ރާއްޖޭން ބޭރަށް ދާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. މިފަހަރު ބޭނުންވަނީ އަމިއްލަ ވަޒަނުގައި ދަރިފުޅު އުފަން ކުރާށެވެ. މި ދަރިފުޅު އުފަންވެއްޖެނަމަ އަހަރެން ގަޞްދުކުރަނީ ސުހައްތައާއި ބައްދަލު ކުރަން ދާށެވެ. އަހަރެން ހައިކަލްއާއެކު އުޅެނީ އުފަލުންކަން އެ ދައްތައަށް ބުނެދޭށެވެ. އެކަމަކު އަހަންނަށް މިވާގޮތެއް ބުނެދޭކަށް ނޭގެއެވެ. ހިތްބިރުގަންނަނީ ކީއްވެކަމެއް ނޭގެއެވެ. އަހަރެންގެ ދަރިފުޅު ޒޭންގެ މޫނު ދެކިލަން ބޭނުންވަނީއެވެ. އެ ދަރިފުޅު ކިތަންމެ ނުރުހުނަސް އަހަންނަށް ފެންނަ ހިސާބަށް އަންނާނެ ނަމައޭ ހިތަށް އަރަނީއެވެ. ވިހެއިމަ ހައިކަލް އެދުނުހެން އަހަރެން ޑީއެންނޭ ޓެސްޓު ހަދާނަމެވެ. ޒޭންއަކީ އަހަންނާއި ހައިކަލްގެ ފުރަތަމަ ދަރިފުޅުކަން އަންގައިދޭނަމެވެ. އެވަރުން ޤަބޫލު ނުކުރާނަމަ އެ ދަރިފުޅު ޤަބޫލުކުރާވަރުގެ ކަމެއް އަހަރެން ކުރާނަމެވެ.

ހުރިހާ ވާހަކައެއް އަވަސް އަރުވާލާފައި ކިޔާދޭން އުޅުމުގައި ވަރަށް މުހިންމު އެއްކަންތައް ހަނދާނުން ކައްސާލައިފިއެވެ. އަހަރެންގެ ބަނޑަށް އަށްމަހުގައި ޑަކްޓަރަށް ދައްކަން ދިޔަދުވަހެކެވެ. ހޮސްޕިޓަލަށް ވަދެގެން އައިއިރު ބޭސްނަގާ ކައުންޓަރު ކައިރީ އަރިއަކަށް ހުރި މީހާ ފެނުމުން އަހަރެންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. މީހާ ހުރިތަނަށް ގަނޑުވީއެވެ. އެތައް އަހަރަކަށްފަހު އަހަންނަށް ފެނުނީ ދެވަނަ މީހެއްނޫނެވެ. އެއީ އަޒާނެވެ. އަހަރެން ލޯބިވި އަޒާނެވެ. އޭނައަށް އަހަރެން ނުފެނު ކަމުގައިވިޔަސް އަހަންނަށް އޭނާ ރަނގަޅަށް ފެނުނެވެ. އަހަރެންގެ ހިތްފިނިވެ ވިންދުޖަހާލިގޮތުން އަހަރެން އަޖައިބުވިއެވެ. އަހަރެންގެ ހިތުން އަޒާންގެ ލޯބި އެއްކޮށް ފިލައިގެން ނުދާކަން އެ ހިތް އަހަންނަށް ހަނދާންކޮށްދިން ކަހަލައެވެ. އެހެންނަމަވެސް އަހަރެން ހައިކަލްދެކެ ވަރަށް ލޯބިވެއެވެ. އުމުރުގައި ހަޤީޤީ ލޯތްބެއް ވެވޭނީ އެންމެ މީހެއްދެކެ ކަމުގައި ހީކުރެވުން އެއީ އަހަންނަށް ކުރެވުނު ކުއްހީއެކެވެ. ހަޤީޤީ ލޯބި ދެމީހުންދެކެ ވެސް ވެވިދާނެކަމުގެ ހެއްކަކަށް އަހަރެންގެ މޭގައި ތެޅެމުންދިޔަ ހިތްވެ. އަޒާން އައިސް އެ އުޅެނީ އެކަނި ނޫންކަން އަހަންނަށް އެނގުނީ އޭނަ ގޮވާލި ނަމުންނެވެ. "ޔާނާ" ވަރަށް ރީތި ނަމެކެވެ. ދުރުން އަޒާންއާ ދިމާއަށް ހިނގައިފައި އައީ ޅައަންހެން ކުއްޖަކާއި އިތުރުއަންހެނެކެވެ. އަޒާންގެ އަންހެނުންކަމުގައި އަހަންނަށް ހީކުރެވުނެވެ. ނަމަވެސް އަހަންނަށް ހީކުރެވުނީ މުޅިން ގޯސްކޮށެވެ. ސާދަ ފަނަރަ އަހަރުގެ އަންހެން ކުއްޖާ އައިސް އަޒާންގެ ގާތުގައި މަޑުކޮއްލިތަން ފެނުނެވެ. އެވަގުތު އެކުރެވުނު އިހްސާސް ބުނެދޭކަށް ނޭގެއެވެ. ޔާނާ އެއީ އަޒާންގެ ދަރިއެއްކަން އަހަންނަށް ޔަގީނެވެ. އެކުއްޖާގެ ހުރީ އަޒާންގެ ގޮތެވެ. ބައްޕައަކަށްވުރެ ހީވަނީ ދެ ރަޙުމަތްތެރިން ތިބި ހެންނެވެ. އަހަރެންގެ ކައިރިއަށް ކުޑަކޮށް ހިނި ވެސް އައެވެ. ލޮލުން ކަރުނަ ވެސް ހިލުނެވެ. އެވަގުތު އަހަރެން އުފާވާންވީ ކަމެއް ނޫނީ ދެރަވާންވީކަމެއް އަހަންނަކަށް ނޭގުނެވެ. އެހެން ހުއްޓާ ހައިކަލް އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެންގެ ދެ ލޯ ފެންކަޅިވެފައި ހުރުމުން އޭނާ ކަންބޮޑުވިއެވެ. ހައިކަލްގެ އަތުގައި ބާރަށް ހިފާލަމުން އޭނާއާއެކު ހިނގައިގަތީ އަޒާން ވެސް އުފާވެރި ދިރިއުޅުމެއް ފެށީކަން ޤަބޫލުކޮށް އެކަމާ އުފާ ކުރަމުންނެވެ. އަހަރެން ހައިކަލްއާއެކު ގޮނޑިބަރީގައި ޑޮކްޓަރަށް ދެއްކޭނެއިރެއްގެ އިންތިޒާރުގައި އިށީނދެލައިގެން އިންއިރު އަހަންނަށް އަޒާން އާއި އޭނަގެ ދަރިފުޅު އުޅޭގޮތް ފެންނަމުންދިޔައެވެ. އަޒާން ދަރިފުޅުގެ އަތުގައި އޮތް ހުދުބިއްލޫރި ލާފައިވާ އައިނެއް އަޅުވަން މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް އެކުއްޖާ އެއަޅަން ބޭނުންނުވަނީކަންނޭގެއެވެ. އަހަރެން ބަލަބަލާ އިންދާ ދެބަފައިން ނުކުމެގެން ދިޔައީއެވެ.

އެ ދުވަހުގެ އެއްވެސް ކަމެއް ހައިކަލް އަކަށް ނޭގޭނެއެވެ. އެނގުން އެހާ މުހިއްމެއް ވެސް ނޫނެވެ. އަހަރެންގެ ހިތުގައި އެ ލޯބި ވީކަމުގައި ވިޔަސް އަޒާންއަކީ އަހަރެންގެ މާޒީއެވެ. ހައިކަލްއަކީ ދެގޮތެއްނުވި އަހަރެންގެ މިހާރެވެ. ހައިކަލްއާ ދުރަށްދާކަށް އަހަރެން އެއްގޮތަކަށް ވެސް ނުވިސްނަމެވެ. އަޒާންގެ ދިރިއުޅުން ހަލާކުކޮށްލަން އެނބުރި އޭނާ އުޅޭތަނެއް ހޯދަން ދާކަށް ވެސް ބޭނުމެއްނޫނެވެ. އެއީ އަހަރެންގެ ބަގީޗާގައި ފޮޅުނު ހުދު އޯކިޑު މަލެވެ. ސާފުކަމާއި އުނިކަމެއްނުވާ ލޯތްބެކެވެ. ކަށިތަކާއެކު ވެސް އަހަރެންނަށް ފިނިފެންމާދެކެ ލޯބިވެވިއްޖެއެވެ. ޒަހަމްތައް ފަސޭހަ ވެސް ވެއްޖެއެވެ. އަޒާންގެ ވާހަކަތަކުން ހައިކަލްގެ ހިތުގައި ކިލަނބުކަމެއް އުފައްދާކަށް އަހަރެން ބޭނުމެއްނޫނެވެ. އަޒާންދެކެ އަހަރެން ލޯބިވަމެވެ. އެކަމަކު އެއަށްވުރެ މާބޮޑަށް ހައިކަލްދެކެ އަހަރެން ލޯބިވަމެވެ.

އެ އިވުނީ ގަރާޖަށް ކާރު ވެއްދިއަޑެވެ. ހައިކަލް ގެއަށް އައީއެވެ. ދެން އަހަރެން ދަނީއެވެ. ﷲގެ އިރާދަފުޅާއެކު އަދި ދިމާވާނެކަމުގެ އުއްމީދުކުރަމެވެ. ޔަގީންކުރަން ނޭގުނަސްއެވެ. ކޮންމެވެސް ދުވަހަކުން އަހަރެންގެ ހަޔާތުގެ ވާހަކަތައް ކޮންމެވެސް މީހަކު ކިޔާނެކަމަށް އުއްމީދުކުރެވެއެވެ. އެހެންވެ ދެން ތިއެކުވެރިޔާ އާއި ދިމާވާނެ ދުވަހެއް ނޭގޭތީއާއިއެކު ބުނަން ބޭނުންވެއެވެ. އަހަރެން އަބަދުވެސް ހައިކަލްދެކެ ލޯބިވަމެވެ. ލޯބިވާނަމެވެ. އަހަރެންގެ އަތަށް ލޯބި ލޯބި ޒޭން ނަރުސްކުއްޖާ ގެނެސް ލާދިންވަގުތުކޮޅު އަހަރެން ހަނދާނެއްނުނެތޭނެއެވެ. އެދަރިފުޅަށް ދުވަހަކުވެސް މި ހިތުގައި ނަފުރަތުކަމެއް ނުވެއެވެ. އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާނަމެވެ. ބައްޕަފަދަ މާފުކުރަން ދަންނަ ކުއްޖަކަށް ކޮންމެވެސް ދުވަހަކުން ޒޭން ވާނެކަން މި މަންމައަށް އެނގެއެވެ. ލިބެން އުޅޭ އަންހެން ކޮއްކޮއަށް ބޭބެއެއްގެ ހިމާޔަތް ލިބޭނެކަން ގައިމެވެ. ހަމައެކަނި އޮތީ އެދުވަހަށް އިންތިޒާރ.............

* * * * *

"ކީއްވެ އެހެންވާންވީ...." ކުއްލިއަކަށް ޑައިރީ އިން ނަޒަރު ވަކިކޮށްލި ޔާނާއަށް ބުނެލެވުނެވެ. މިންނުގެ ޑައިރީ ނިމުނީ ޔާނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފައްދާފައެވެ.

"ކޮންކަމެއްތަ؟ ޒޭން ޔާނާގެ އުނގުން ތެދުވަމުން އަހާލިއެވެ.

ޔާނާގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފެންނަމުން ދިޔައިރު ޒޭންގެ ހިތްވަނީ ޒަހަމްވެފައެވެ. އެކަކު އަނެކަކަށް ބަލާލެވުނީ ޤަބޫލުކުރަން ދަތިގޮތަކަށެވެ. ދެމީހުންގެ ލޯ ވެސް ވަނީ ފެންކަޅިވެފައެވެ.

"އެއީ އަހަރެންގެ ބައްޕައޭ...." ޔާނާއަށް ވައިއަޑުން ބުނެލެވުނެވެ. އޭރު އޭނާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.

"ވަޓް! ސީރިއަސްކޮށްތަ؟... ޔާން!.... އެއީ ހަމަ ޔާންއާއި ޔާންގެ ބައްޕަތަ. ނިކަން ސާފުވާނޭހެން ކިޔައިދީބަލަ..." ޔާނާގެ ކޮނޑުގައި ހިފާލަމުން ޒޭން އަހާލިއެވެ.

"އާނ!.... އާނ!.... ޒޭންގެ މަންމަ އެ ދައްކަނީ އަހަރެންގެ ބައްޕަގެ ވާހަކަ. މި ޑައިރީގައި ލިޔެފައިވީ ފަދައިން އެދުވަހު ހޮސްޕިޓަލުގައި ހިނގި ކަންތައްތަކަކީ ހަޤީޤަތެއް. އަހަރެން އައިނު އަޅަން ޖެހުމުން ވަރަށް ފޫހިވެފަ ހުރީ. ކުދިން ސްކޫލުގައި އައިނު އަޅާ ކުދިންނާ ދިމާކޮށް ހަދާތަން އަހަންނަށް ފެނިފައި ހުރީމަ. އެ ދުވަހު އަހަރެން ޑަކްޓަރަށް ދައްކަން ދިޔައީ ލޯ ހިރުވާވަރުން ކެތްނުގެން، ބައްޕަ ހުރީ ވަރަށް ހިތްހަމަނުޖެހިފައި، އަހަރެން އައިނު އަޅަން ޖެހޭއިރު ވެސް އައިނު ނާޅާ އުޅޭތީ، އެދުވަހު ގެއަށް އައީ ދެމީހުން ރުޅިއައިސްފައި ތިބިގެން.... އަހަންނަށް މިންނު ފެނުނުނަމަ... އަޅެފެނުނަމަ...." ޔާނާ ޑައިރީއަށް ބަލަހައްޓައިގެން އިނދެބުނެލިއެވެ.

"މަންމަ!... ޔާން! އިތުރު އެއްޗެއް ދެން ނެއްތަ ލިޔެފަ؟" ހިތުގައި ޖެހިފައި އިން ޒޭން އަހާލިއެވެ.

"އާން! ދެން ނެތް.... ޑައިރީ ނިމިފަ މި އޮތީ... ހީވަނީ ލިޔަން އިނދެފައި މެދުކަނޑާލާފައި މިންނު ދިޔައީހެން" އަތުގައި އޮތް ޑައިރީ ޒޭނަށް ޔަނާ ދެއްކިއެވެ.

"މިހުރިހާކަމެއް ހައްލުކުރަން އަހަރެން ބޭނުން.... މިކަމުގައި އަހަންނަށް ޔާނާގެ އެހީތެރިކަން ބޭނުންވޭ" ޔާނާއަށް ބަލަން އިނދެފައި ޒޭން ބުނެލިއެވެ.

"ހީވެސް ނުކުރަން މިހެން ވާނެކަމަކަށް، އަޒާންގެ ނަން އެތަކެއް ފަހަރު ކިޔަމުން ދިޔައިރު ވެސް ހިތަކަށް ނާރާ މި ކިޔެނީ އަމިއްލަ ބައްޕަގެ ނަމޭ، މިހާތަނަށް އައި އިރުވެސް ބައްޕަގެ ލޮލުގައި ނުފިލާވި ހުސްކަން އަހަންނަށް އިހްސާސް ކުރެވުނީ މިއަދު، އަހަރެންގެ މަންމައަށް ލޯބިދީ، އޯގާތެރި ފިރިއަކަށްވެ، ބައްޕައެއްގެ ހިމާޔަތް އަހަންނަށް ދިންކަމުގައި ވިޔަސް، އެ ބައްޕަގެ ހިތުގައި އަދިވެސް މިންނުގެ ހަނދާންތައް ވާކަން އަހަންނަށް ޔަގީން، އެ ބައްޕަގެ ލޯތްބަށްވީ ގޮތެއް އޮޅުންފިލުވަދޭން އަހަރެންވެސް ބޭނުން، މިންނުގެ ކުށެއްނެތްކަމާއި މިއީ ތަޤުދީރުގެ ނިޔާކަން، ޒޭން ނިކަން ދެކެބަލަ.... މިއަދު އަހަންނާއި ޒޭން ގުޅުމަކީ ކިހާ ބޮޑު އިއްތިފާގެއް، އަޖައިބެއްނޫންތަ.... މިންނުގެ ގެއްލުނު ލޯބި ފުރިހަމަ މިވީ އަދި ކިރިޔާއެއް ނޫންތަ" ޔާނާއަށް ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ. މޭގައި މިންނުގެ ޑައިރީ ޖައްސާ ބާރުކޮއްލަމުންނެވެ.

"މިދުވަސް މަންމައަށް ފެނުނުނަމައޭ ހިތަށް އަރާ" ޔާނާ ގެނެސް ޒޭންގެ މޭގައި ޖައްސާ ބާރުކޮއްލަމުން ބުނެލިއެވެ.

"ޒޭން، އަހަރެންގެ ބައްޕައަށް މި ޑައިރީއާ ބެހޭގޮތުން އެނގުން މުހިންމު" ޒޭންއާ ދުރަށް ޖެހިލައި އެމޫނަށް ކަރުނުން ފުރިފައިވި ލޮލުން ޔާނާ ބަލާލިއެވެ. އެއާއެކު ޒޭން އަވަސް އަވަހަށް ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އަޒާންގެ ލޯތްބަށް ވީގޮތެއް އޭނާއަށް އެނގުން މުހިންމެވެ. މިންނުއަކީ ބޭފަވާތެރިއެއްނޫނެވެ.

ޔާނާއާއި ޒޭންގެ ސަމާލުކަން އެނދުގައި އޮތް ހައިކަލްއަށް ހުއްޓުނީ އޭނާއާ ގުޅާފައިވާ މޮނީޓަރުން ގޮވަމުންދިޔަ އަޑު އަވަސް ވުމުންނެވެ. ދެ މީހުންނަށް އެއްފަހަރާ އެ ދިމާއަށް ދެވުނެވެ. ހައިކަލްގެ ކަރުނުން ފުރިފައިވާ ދެ ލޮލުން ޒޭނަށް ބަލަން އޮތްއިރު އޭނަ ކޮންމެވެސް އެއްޗެއް ބުނަންއުޅޭ ކަހަލައެވެ. ޔާނާ އަވަހަށް ދުއްވައިގަތީ ޑޮކްޓަރެއް ހޯދުމަށެވެ. ހައިކަލް ތެދުވުމަށް މަސައްކަތް ކުރަމުންދިޔައެވެ. އެކަމަކު އޭނަގެ ހަތަރެސްފައި އޭނަ ބޭނުންވި ވަރަކަށް މަސައްކަތެއް ނުކުރިއެވެ. ގިނަދުވަސްތަކެއްވަންދެން ކޮމާގައި އޮތުމުގެ ސަބަބުންނެވެ. ހައިކަލް ގާތު ހަމަޖެހެން ބުނަމުން ޒޭން ދިޔައެވެ.

ޑަކްޓަރަކާ ދެ ނަރުހުންނާއިއެކު ހައިކަލްއަށް ފަރުވާދިނުމުގައި ޔާނާ އެހީވަމުންދިޔައެވެ. ހައިކަލްއަށް ފެންނަހިސާބުގައި އެމީހުންކުރަމުންދިޔަ ކަންތައްތައް ބަލަން ޒޭން ހުއްޓެވެ. ރޭގަނޑު ބާރަ ޖަހަންވާއިރަށް ޒޭން ގެއަށް ފޮނުވުމަށް ޓަކައި ޖަމީލު އައިސް އެ ކޮޓަރިއަށް ވަނީ އެވަގުތުއެވެ. އޭނާ ހާސްވެ ކަންބޮޑުވުމާއެކު ޒޭންގެ ގާތަށް ޖެހިލިއެވެ. ޖަމީލުއަށް ޒޭން އެންގީ ހުސްނާއަށް އެ ޚަބަރު ގެން ގޮސް ދިނުމަށެވެ. އަދި ބައްޕަގެ ގާތުގައި މަޑުކުރާނީ އޭނާ ކަމުގައި ބުނެ ޖަމީލު ގެއަށް ފޮނުވާލިއެވެ. (ނުނިމޭ)