ކުޅިވަރު

ބާސާގެ "ސްޓައިލް" އިންގްލެންޑްގައި!

Dec 19, 2017

އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނަ މަގާމުގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. އެއް ވަނައިގައި އެ ޓީމުން ޑޮމިނޭޓް ކުރަމުން އަންނަނީ 11ގެ ލީޑެއްގަ އެވެ. މިދިޔަ ސީޒަން ސިޓީން ނިންމާލީ ޗެމްޕިއަން ޗެލްސީ އަށްވުރެ 15 ޕޮއިންޓް ފަހަތުންނެވެ. އެއީ މެންޗެސްޓާގައި ގާޑިއޯލާގެ ފުރަތަމަ ސީޒަނެވެ.

އޭނާ އިންގްލެންޑަށް އައީ ސްޕެއިން އާއި ޖަރުމަންގައި ކާމިޔާބު ހޯދުމަށް ފަހު އެވެ. ސްޕެއިންގައި ބާސެލާނޯ އާއެކު ސްޕެނިޝް ލީގް ތިން ތައްޓާއި ޗެމްޕިއަންސް ލީގް ދެ ފަހަރަށް ހޯދި އެވެ. ޖަރުމަންގައި ބަޔާން މިޔުނިކާ އެކު ލީގް ޗެމްޕިއަންކަން ތިން ފަހަރު ހޯދި އެވެ. ނަމަވެސް މެންޗެސްޓާ ސިޓީއާއެކު އިންގްލެންޑަށް އޭނާ އައުމުން އިންގެލެންޑްގައި އެކަން އޭނާ އަށް ކުރެވި ދާނެތޯ ސުވާލު އުފެއްދި އެވެ. ފުރަތަމަ ސީޒަން ކާމިޔާބެއް ނުލިބި ނިންމާލަން ޖެހުމުން އުފެއްދި ސުވާލަށް ޖަވާބު ލިބިއްޖެ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

އެކަން ވީ އެހެނެއް ނޫނެވެ. ގާޑިއޯލާއާއެކު ސިޓީއަށް ދެ ވަނަ ސީޒަންގައި ތަފާތު ދަނީ ފެންނަމުންނެވެ. ބާސެލޯނާ އާއި ބަޔާން މިޔުނިކުގައި އޭނާ ތަންފީޒު ކުރީ ޕޮޒިޝަން ގޭމް ސިޓީގައި ވެސް ރަނގަޅަށް ފައްތާލައިފި އެވެ. ގާޑިއޯލާގެ ބަހުން ނަމަ އެއީ "ބާސެލޯނާ ސްޓައިލް" އެވެ.

"އަހަރެމެންނަށް މި ސްޓައިލަށް އިންގްލެންޑްގައި ކުޅެވޭނެ، މީހުން ބުނި އަހަރެމެންނަކަށް މި ކަމެއް ނުވާނެޔޭ ބާސެލޯނާގައި ކުޅުނު ގޮތަކަށް އިންގްލެންޑްގައި ނުކުޅެވޭނެޔޭ، ނަމަވެސް އެއީ ކުރެވޭނެ ކަމެއް، އަހަރެމެން އެކަން ސާބިތު ކޮށްދެމުން މިދަނީ،" ގާޑިއޯލާ ބުންޏެވެ.

"އަހަންނަށް އެނގޭ މިދިޔަ ސީޒަން ދިޔަ ގޮތް، ނަމަވެސް އަހަރެން އަބަދުވެސް ގަބޫލު ކުރީ އަހަރެމެންނަށް މި ކަން ކުރެވޭނެޔޭ، ކޮންމެ ބަޔަކަށްވެސް އެބަޔަކު ކުޅެން ބޭނުންވާ ގޮތަކަށް މަސައްކަތް ކޮށްފިއްޔާ ކުޅެވޭނެ، އެހެންވެ ފުޓްބޯޅަ ހިތްގައިމު ކަމަކަށް ވަނީ."

އޭނާ ބުނީ ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބުރިޖާއި ޔުނައިޓަޑްގެ ދަނޑު އޯލްޑް ޓްރަފާޑްގައި، އެ ސްޓައިލްގައި ކުޅެ އެ ދެ ޓީމު ބަލި ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ސިޓީ އަތުގައި 11 ޕޮއިންޓްގެ ލިޑެއް އޮތަސް، އަދިވެސް ލީގް ކާމިޔަބު ކުރުމުގެ ރޭސް އޮތީ މާދުރުގައި ކަަމަށް ގާޑިއޯލާ ބުންޏެވެ.