ކުޅިވަރު

އުތުރު އެމެރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނާވަސް އަށް

Dec 19, 2017

އުތުރު އެމެރިކާ އާއި ކެރީބިއަންގެ ގައުމުތައް ހިމެނޭ ކޮންކާކަފަގެ މިއަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެއާލް މެޑްރިޑްގެ ގޯލް ކީޕަރު ކޮސްޓަރިކާގެ ކޭލޯ ނާވަސް ހޯދަިއފި އެވެ.

މިއީ ނާވަސް މި އެވޯޑް ގެންދިޔަ ދެ ވަނަ ފަހަރެވެ. އޭނާ ވަނީ 2014 ވަނަ އަހަރުވެސް މި އެވޯޑް ގެންގޮސްފަ އެވެ. މިއަހަރު އޭނާ ވަނީ ރެއާލް މެޑްރިޑާއެކު ފަސް ތަށި ހޯދާފަ އެވެ. އަދި ކޮސްޓަރިކާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އެވެ.

އެވޯޑްގައި، ނާވަސް ހޯދީ، ހޮލެންޑްގެ ޕީއެސްވީ އައިންދޯވަން އަށް ކުޅެމުން އަންނަ މެކްސިކޯގެ ހާވިން ލޮޒާނޯ އާއި އެމެރިކާގެ މޭޖާލީގްގެ ފިލަޑެލްފިއާ ޔޫނިއަން އަށް ކުޅެމުން އަންނަ ޖަމެއިކާގެ ގޯލްކީޕަރު އެންޑްރޭ ބްލަކޭ އެވެ. މިދިޔަ އހަރު މި އެވޯޑް ހޯދީ ސްޕޯޓިން ލިޒްބަން ގެ ކޮސްޓަރިކާގެ މިޑްފީލްޑާ ބްރަޔަން ރުއިޒް އެވެ.

ކޮންކާކަފްގެ މޮޅު ކުޅުންތެރިޔާ ހޮވަނީ، ފަނޑިޔާރުންގެ މާކުސް އާއި އެ ބައްރުގެ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ގައުމީ ޓީމުތަކުގެ ކޯޗުންގެ ވޯޓާއެކު އެވެ.

"އަހަންނަށް މި އެވޯޑް ލިބުން މިއީ ލިބުނު ވަރަށް ބޯޑު އުފަލެއް، އަހަންނަށް ވޯޓް ދިން ހުރިހާ ފަރާތްކަށް ޝުކުރު އަދާ ކުރަން މީގެ ސަބަބުން އިތުރު މޯޓިވޭޝަނެއް ލިބިއްޖެ." ނާވަސް ބުންޏެވެ.

އުތުރު އެމެރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް މިފަހަރުވެސް ގެންދިޔައީ ފްރާންސްގެ އޮލިމްޕިކް ލިޔޮން އަށް ކުޅެމުން އަންނަ އެމެރިކާގެ އެލެކްސް މޯގަން އެވެ. މިއީ އޭނާ މި އެވޯޑް ޖެހިޖެހިގެން ގެންދިޔަ ތިން ވަނަ ފަހަރެވެ.