އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކި ކުރި ކުރުމަކީ ޖުޑިޝަރީގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްއިން މިއަދު ބުނެފި އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން މިދިޔަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ ޖަމްއިއްޔާއިން ނެރެފައިވާ ބަޔާނެއްގައިވަނީ ތިން ބާރު ވަކި ކުރުމުގެ އުސޫލުތަކާއި ސަރުކާރާއި މަޖިލީހުން އަރައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން އެ ދެ ބޭފުޅުންނަށް ދިފާއުވުމުގެ ފުރުސަތު ވެސް ނުދޭކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ އެ ދެ ބޭފުޅުން ކުރިން ވެސް ތިއްބެވި މަގާމަށް އެ ބޭފުޅުން އަލުން އައްޔަން ކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މީގެ އިތުރުން އެއީ ރާއްޖެ ބައިވެރިވެފައިވާ އދ. އާއި ކޮމަންވެލްތްގެ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އެހެންވެ އެކަމާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ފާއިޒާއި މުއުތަސިމް ވަކިކުރުމުގައި އަމަލުކުރި އިޖްރައާތުތަކާ މެދު ބައިނަލްއަގްވާމީ އެކި ފަރާތްތަކުންނާއި ރާއްޖޭގެ ފުންނާބު އުސް އެތައް ވަކީލުންނެއް ދަނީ ފާޑު ކިޔަމުންނެވެ.
އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފާއިޒު ފަނޑިޔާރުކަމުން ވަކިކޮށްފައިވާތީ އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު ވަނީ އައްޔަން ކުރައްވައިފަ އެވެ.