ވިޔަފާރި

ޓޫރިޒަމްގެ އަގުތައް ދަށްވެ އާމްދަނީއަށް އަސަރުކޮށްފި

Dec 19, 2017
4

މިހާތަނަށް އަގު ބޮޑު ސިނާއަތެއްގެ ގޮތުގައި އޮތް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި ހިދުމަތުގެ އަގުތައް ދަށްވުމުގެ ސަބަބުން އެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ އާމްދަނީ އަށް އަސަރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ އިގްތިސާދުގެ މައްޗަށް އަލިއަޅުވާލައި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރެފައިވާ ތިންވަނަ ކުއާޓަރުގެ "ކުއާޓަލީ ބްލެޓިން" ގައިވާ ގޮތުން، ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ އަހަރުން އަހަރަށް ބަލާއިރު މިދިޔަ ކުއާޓަރުގެ ތެރޭގައި ވަނީ ދެ ޕަސެންޓް ދަށްވެފަ އެވެ. އެގޮތަށް ދިމާވީ ޓޫރިޒަމް ސިނާއަތުގެ ހިދުމަތްތަކުގެ އަގު ދަށްވެފައިވުމުން ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އަގުތައް ދަށްވެފައިވާ އިރު، ރާއްޖޭގެ ރިސޯޓުތަކުގައި ޓޫރިސްޓުން ހޭދަކުރި މުއްދަތު ވަނީ ހަ ޕަސެންޓް އިތުރުވެފަ އެވެ. އާންމުކޮށް ރާއްޖެ އަންނަ ޓޫރިސްޓުން ރިސޯޓެއްގައި ހަ ރޭ ހޭދަކުރެ އެވެ. އަލަށް ހުޅުވި 15 ރިސޯޓާ އެކު ޓޫރިޒަމް ދާއިރާގެ ބެޓް ކެޕޭސިޓީ ވެސް ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. އެކަމުގެ ސަބަބުން ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ 73 ޕަސެންޓުން 68 ޕަސެންޓަށް ވެއްޓިފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ޓޫރިޒަމް ދާއިރާ އިން ދައުލަތަށް 2.7 މިލިއަން ޑޮލަރު އާމްދަނީއެއް ލިބިފައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުގައި މިދިޔަ ކުއާޓާގައި ޓޫރިސްޓުން އައި އަދަދު އިތުރުވެ ސިނާއަތަށް ޖުމްލަކޮށް ވަނީ ކުރިއެރުން ލިބިފަ އެވެ. އެގޮތުން މިދިޔަ ކުއާޓާގައި އައި ޓޫރިސްޓުން ވަނީ 14 ޕަސެންޓްގެ އިތުރުވެފަ އެވެ. ޓޫރިޒަމް ކުރިއެރީ ޔޫރަޕާއި އެމެރިކާ އޭޝިޔާ އާއި ޕެސިފިކް ބައްރުން އައި ޓޫރިސްޓުން އިތުރުވުމުން އެވެ. މީގެ އިތުރަށް، ޗައިނާ އިން އަންނަ ޓޫރިސްޓުން ދަށްވި ނަމަވެސް އިންޑިއާ އަދި ތައިލޭންޑުން އަންނަ ޓޫރިސްޓުން އިތުރުވުމުގެ ސަބަބުން އެބައި ކޮންމެވެސް ވަރަކަށް ފޫބެދެމުން އަންނަ ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ޓޫރިޒަމްގެ އަގުތައް ދަށްވުމުން އާމްދަނީ އަށް އަސަރުކޮށްފައިވާއިރު ޓޫރިޒަމްގެ ސީޒަނާ ދިމާކޮށް، ބައެއް ރިސޯޓުތަކުން ޑިސްކައުންޓްތަކެއް ދަނީ ދެމުންނެވެ. މީގެ ސަބަބެއް ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ގިނަ ރިސޯޓު ތަކެއް މާކެޓަށް ނެރެފައިވީ ނަމަވެސް ރާއްޖޭގެ ޓޫރިޒަމްގައި އެ ކަށީގެންވާ ވަރަށް ޑިމާންޑް ކްރިއޭޓް ކޮށްދެވިފައި ނެތުމެވެ.