ވިޔަފާރި

އިމާރާތް ކުރުމުގެ ސިނާއަތަށް ބޭންކްތަކުން ދޭ ލޯނު އިތުރު ވަނީ

Dec 19, 2017

އިމާރާތް ކުރުމުގެ ދާއިރާ އަދިވެސް ބާރު ސްޕީޑްގައި ކުރިއަރާ ކަމަށާއި އެ ދާއިރާއަށް ބޭންކްތަކުން ދޭ ލޯނުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިގްތިސާދީ ރިޕޯޓެއްގައި ބުނެފި އެވެ.

އެ ބޭންކުން ކޮންމެ ކުއާޓާއެއްގައި ނެރޭ، ކުއާޓަލީ އިކޮނޮމިކް ބްލެޓިންގެ މިއަހަރުގެ ތިން ވަނަ ކުއާޓާގެ ރިޕޯޓްގައި ބުނެފައި ވަނީ އިމާރާތް ކުރުމުގެ ދާއިރާގެ ކުރިއެރުން މިންކުރުމުގައި ބަލައި ދެ މިންގަނޑެއް ގެންގުޅޭ ކަަމަށެވެ. އެއީ ބޭންކްތަކުން އެ ސިނާއަތަށް ދޫކުރި ލޯނުތައް އިތުރުވެފައިވާ މިންވަރާއި އެ ސިނާއަތަށް ތަކެތި އިމްޕޯޓް ކޮށްފައިވާ މިންވަރެވެ. ރިޕޯޓްގައި ފާހަގަ ކުރާ ގޮތުގައި އެ ދެބައިވެސް ވަނީ ބޮޑުތަނުން މިދިޔަ ކުއާޓަރުގައި އިތުރުވެފަ އެވެ.

އެގޮތުން އިމާރާތްކުރުމުގެ ދާއިރާއަށް ކޮމާޝަލް ބޭންކްތަކުން ދޫކުރި ލޯނުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 22 ޕަސެންޓް އިތުރުވެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އެހެން ނަމަވެސް ބޭންކްތަކުން އިމާރާތް ކުރުމުގެ ސިނާއަތަށް ދޫކޮށްފައި ހުރީ ކިހާ އަދަދެއްގެ ލޯނެއް ކަމެއް ބުނެފައެއް ނުވެ އެވެ. އެގޮތުން އިމާރާތް ކުރުމުގެ ދާއިރާއަށް ގިނައިން ލޯނުތައް ދޫކޮށްފައި ހުރީ ރެޝިޑެންޝިއަލް ހައުސިން އާއި އާ ރިސޯޓްތައް ހެދުން އަދި ގެސްޓް ހައުސްތަކުގެ މަޝްރޫއުތަކަށެވެ. އަދި އިމާރާތް ކުރުމަށް ގެންނަ ތަކެތި 33 ޕަސެންޓް އިތުރުވެފައިވާކަން ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާއަށް އެތެރެ ކުރާ ތަކެތި އިތުރުވެފައި ވަނީ މިހާރު ކުރިއަށް ދާ އުމްރާނީ މަޝްރޫއުތަކުގެ ސަބަބުން ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.

އިމާރާތް ކުރުމުގެ ސިނާއަތަކީ މިހާރު އެންމެ ބޮޑަށް ކުރިއަރާ ސިނާއަތެވެ. އެގޮތުން މާލޭ އާއި ހުޅުމާލޭގައި އެތައް ފްލެޓް އިމާރާތްތަކެއް ވެސް ދަނީ ހަދަމުން އެވެ. އަދި އެ ތަންތަން ގަންނަން ހާއްސަކޮށްގެން ބޭންކްތަކުން އަންނަނީ ލޯނުތައް ވެސް ތައާރަފް ކުރަމުން އެވެ. އަދި ހޯމް ލޯންތަކުގެ އިންޓަރެސްޓް ރޭޓްތައް ވެސް މި ފަހުން ވަނީ ދަށްކޮށްފަ އެވެ.