ބޮކްސިން އަށް ވުރެ ބޮޑަށް ރާއްޖޭގައި ގިނަ ވާނީ ފުޓްބޯޅައިގެ ފޭނުންނެވެ. އެހެންވީމަ ބޮކްސިން އަށް މާ ބޮޑު ފޯރިއެއް ނެތް މީހަކަށް ފްލޮއިޑް މޭވެދާގެ ވާހަކަ ކިޔައިދޭ ނަމަ އެންމެ ރަނގަޅުވާނީ ފުޓްބޯޅައިގެ ދަނޑަށް މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކައިން ފަށައިގަތީމަ އެވެ.
މިއީ ވަރަށް އެއްގޮތް ސިފަތަކެއް ލިބިފައިވާ ދެ "ކުޅުންތެރިން" ނެވެ. ފަހަރެއްގައި ހަމައެކަނި ތަފާތަކީ ދެ މީހުން ކުޅެން ހާއްސަކޮށްފައިވާ ދަނޑާއި ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ބައިކޮޅަށް ޖެހި ހަމައެކަނި ލަނޑެވެ. ފްލޮއިޑް މޭވެދާނެ ޕްރޮފެޝަނަލް ކެރިއަރުގައި ބައިކޮޅަށް ލަނޑެއް ޖަހާފައެއް ނުވެ އެވެ. ނުވަތަ 47 މެޗު ކުޅުނުއިރު އެންމެ މެޗަކުން ވެސް ބަލިވެފައެއް ނެތެވެ.
މި ދެ ތަފާތުގެ ވާހަކަ އެއް ފަރާތްކޮށް ރޮނާލްޑޯ އާއި މޭވެދާ އަށް ބަލާލާއިރު ދެ ކުޅިވަރު ޝަހުސިއްޔަތުންގެ ސިފައިގައި ތަފާތެއް ނެތެވެ. ކެރިއަރުގެ ކާމިޔާބީ އާއި އަމިއްލަ ޕާސަނާލިޓީ އަށް ބެލިޔަސް ވަރަށް އެއްގޮތެވެ.
އެންމެ އަގުބޮޑު އަދި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ޝަރަފުން ފެށިގެން ގޮސް އެންމެ ކިބުރުވެރި އަދި އެންމެ ބޮޑާ ދެ "ކުޅުންތެރިން" ގެ ގޮތުގައި ވެސް މި ދެ މީހުން ސިފަކުރެވިދާނެ އެވެ. ދެއްކުންތެރިކަމުގައި ވެސް މި ވަރެއް ނެތެވެ.
އެހެންވީމަ ދެން މިހާ ހިސާބުން ރޮނާލްޑޯ ދޫކޮށްލާފައި މޭވެދާގެ ވާހަކައާއިގެން ކުރިއަށް ދާނީ އެވެ.
އެމެރިކާގެ މި ބޮކްސިން ތެޅުންތެރިޔާ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ބަލިވެގެން ރިންގަށް ވެއްޓިފައި ނުވާއިރު އޭނާ އަކީ މިހާރު ވެސް ފަސް ޑިވިޝަނެއްގައި ދުނިޔޭގެ ޗެމްޕިއަނެވެ. ކެރިއަރުގައި ދިހަ ވޯލްޑް ޓައިޓްލްސް ކާމިޔާބުކޮށްފައިވާއިރު ރިންގް މެގަޒިން އިން ހޮވާ "ފައިޓާ އޮފް ދަ އިޔާ" ގެ ޝަރަފް 1998 ވަނަ އަހަރާއި 2007 ވަނަ އަހަރު ކާމިޔާބުކޮށްފައިވެ އެވެ.
ފްލޮއިޑް މޭވެދާ އަކީ ބޮކްސިން އަށް މަރުދޭ އާއިލާއަކަށް ނިސްބަތްވާ މެމްބަރެކެވެ. އޭނާގެ ބައްޕަ އަދި މިހާރުގެ މެނޭޖަރު ފްލޮއިޑް މޭވެދާ ސީނިއާ އަކީ ވެލްޓާވެއިޓް ކެޓަގަރީގައި ޕްރޮފެޝަނަލް ބޮކްސިން ތަޅާފައިވާ ފަރާތެކެވެ. އޭނާގެ ދެ ބޮޑުބޭބެ ކަމުގައިވާ ޖެފް މޭވެދާ އާއި ރޮޖާ މޭވެދާ އަކީ ވެސް ޕްރޮފެޝަނަލް ބޮކްސިން ތެޅުންތެރިންނެވެ.
އެހެންވީމާ މޭވެދާ އުފަންވެ، ބޮޑުވީ ބޮކްސިން ރިންގެއްގެ ތެރެއަށޭ ބުނެވިދާނެ އެވެ. ބޮޑުވަމުން އައިއިރު ބޮކްސިންތެޅުންތެރިއަށް ނޫން އެހެން ޕްރޮފެޝަންއެއްގެ މީހަކަށް ވުމުގެ ވިސްނުމެއް ވެސް އޭނާ ދުވަހަކު ކުރިއަށް ނެރެފައެއް ނެތެވެ.
ބޮކްސިން ރިންގުގައި އޭނާގެ ހަޔާތް އަލިކޮށްފައި އޮތް ނަމަވެސް އޭނާގެ ކުޑައިރުގެ ދިރިއުޅުމަކީ ވަރަށް އަނދިރި ދުވަސްތަކެކެވެ. އޭނާގެ މަންމަ އަކީ ހެރޮއިން އެޑިކްޓެކެވެ. އާއިލާގެ ގިނަ މީހުންގެ ހާލަކީ އެއީ އެވެ. އޭނާގެ ބައްޕަ އުޅުނީ މަސްތުވާތަކެތި ވިއްކުމުގަ އެވެ.
ފަގީރުކަމާއި މި އަނދިރި ހަޔާތުގައި އޭނާ އަށް މަންމަ އަކާއި ބައްޕައެއްގެ އަޅާލުމަކާއި ލޯތްބެއް ވެސް ނުލިބެ އެވެ.
މޭވެދާ ބުނެފައި ވަނީ އޭނާ ބޮކްސިން ތެޅުންތެރިއެއްގެ ގޮތުގައި ކެރިއަރެއް ހޯދަން މަޖުބޫރުވި އެއް ސަބަބަކީ ވެސް އޭނާގެ އާއިލާގެ މި ހާލަތު ކަމަށެވެ.
ޕްރޮފެޝަނަލް ބޮކްސިން ތެޅުންތެރިއެއްގެ ގޮތުގައި އޭނާ ރިންގަށް ނުކުތީ އޮކްޓޯބަރު 11، 1996 ވަނަ އަހަރު އެވެ. ދެ ވަނަ ރައުންޑާ އެކު އޭނާގެ ފުރަތަމަ މޮޅު ގެންދިޔައީ އަލަށް ނުކުތް ބޮކްސިން ތެޅުންތެރިއެއް ކަމުގައިވާ ރޮބާޓޯ އަޕޯޑާކާ ބަލިކޮށް ވައްޓާލައިގެންނެވެ.
އޭރު މޭވެދާގެ ބައްޕަ އޮތީ ޖަލުގަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގަ އެވެ.
މޭވެދާގެ ކެރިއަރު ފެށި ގޮތުންނާއި ދައްކަމުން ދިޔަ މޮޅު ހުނަރުވެރިކަމާ ގުޅިގެން އެންމެން ވެސް ބުނަން ފެށީ ތާރީޚުގެ ތެރެއަށް އޭނާ ދާނީ އެތައް ރިކޯޑްތަކަކާ އެކުގައި ކަމަށެވެ.
ޕްރޮފެޝަނަލް ކެރިއަރު ފެށިތާ ދެ ތިން އަހަރު ތެރޭގައި މޭވެދާ އޭނާގެ ފުރަތަމަ ޗެމްޕިއަން ބެލްޓް ކާމިޔާބުކުރީ ސުޕަ ފެދާވެއިޓް ކެޓަގަރީގައި 1998 ވަނަ އަހަރު، އޭރުގެ ޗެމްޕިއަން ޖެނާރޯ ހަނާންޑޭޒް ބަލިކޮށްގެންނެވެ. އެ މެޗުން ބަލިވުމުން ހަނާންޑޭޒް ވެސް މޭވެދާ އަށް އޮއްސާލީ ތައުރީފެވެ.
އެއަށް ފަހު މޭވެދާ ހޯދަން ފެށި ކާމިޔާބީތަކާ ގުޅިގެން ބައެއް މީހުން އޭނާ އެއްވަރުކުރަން ފެށީ ބޮކްސިން ރިންގުގެ ލެޖެންޑުން ކަމުގައިވާ މުހައްމަދު އަލީ އާއި ރޭއި ރޮބިންސަން އަދި ޝުގާ ރޭއި ލެނޮޑް ފަދަ ތަރިންނާ އެވެ.
މިވަރުގެ މުއްސަނދި އަދި މި ވަރަށް ބޮޑާވެގަނެގެން އުޅޭ އެތުލީޓެއް މިހާރަކު ބޮކްސިންގެ ދުނިޔެއަކު ނެތެވެ. ފްލޮއިޑް މޭވެދާ ވެސް ބުނަނީ މިހެންނެވެ. އޭނާ ބުނަނީ ރޮބިންސަން އާއި މުހައްމަދު އަލީ އަށް އިހްތިރާމް ކުރާ ކަމަށާއި އެހެން ނަމަވެސް މިހާރު މި ކުޅިވަރުގައި ހުރި އެންމެ މޮޅު މީހަކީ އަދި މި ކުޅިވަރު ދުށް އެންމެ ކުޅަދާނަ ބޮކްސިން ތެޅުންތެރިޔަކީ ވެސް އޭނާ ކަމަށެވެ.
މިގޮތަށް ވާހަކަ ދެއްކުމުގެ އިތުރުން އޭނާ އަކީ އޭނާގެ މުއްސަނދިކަން ދެއްކުމުގައި ވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ. އެގޮތުން އަތުގައި ހުރި ފައިސާތައް އެނދުމަތީގައި އަތުރާލައިގެން ފޮޓޯ ނަގައި އާންމުކުރުމާއި އޭނާގެ އަތުގައި ހުރި އަގުބޮޑެތި ލަގްޒަރީ ކާރުތަކާއި ޖެޓްތަކާ އެކު ފޮޓޯނަގައި އާންމުކުރުމަކީ ވެސް އޭނާގެ މަޝްހޫރު ސިފަ އެކެވެ.
ވަނަކަށް މޭވެދާ އަށް "މަނީ" ގެ ނަމުން ގޮވަނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ.
އޭނާގެ މި ސިފައާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވިޔަސް އޭނާގެ ހުނަރުވެރިކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ. އަދި ފާޑުކިޔުންތެރިންގެ ކުރިމަތީގައި ވެސް އޭނާ ދެރައެއް ނުވެ އެވެ.
"މީހުން ދައްކަން ޖެހޭނީ ފްލޮއިޑް މޭވެދާނެ މޮޅު ވާހަކަ އާއި މި ކާމިޔާބީ ހޯދަން އޭނާ ބުރަކޮށް ކުރާ މަސައްކަތުގެ ވާހަކަ. އެކަމަކު އަހަންނަށް އަބަދުވެސް އަޑުއިވެނީ ހަސަދައިން ފުރިފައިވާ ފާޑުކިޔުން އަހަންނަށް އަމާޒުކުރެވޭ އަޑު. އެކަމަކު ހަގީގަތަކީ އަހަރެން މި ކުރާ ކަންތައް އަހަރެންގެ ފާޑުކިޔުންތެރިންނަކަށް ވެސް ނުކުރެވޭނެކަން،" ފާޑުކިޔުންތެރިންނަށް މޭވެދާ ރައްދު ދެނީ މިހެންނެވެ.
އޭނާ ބުނަނީ އޭނާ އުޅޭ ގޮތަކުން ބަޔަކު މީހުން ފާޑުކިޔާއިރު އޭނާ ކުރިން އުޅެން ޖެހުނު ހާލާއި މިހާ ހިސާބަށް އަންނަން ކުރި މަސައްކަތް އެނގޭ މީހުން އެގޮތަށް ފާޑެއް ނުކިޔާނެ ކަމަށެވެ.