މެލޭޝިއާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު ރައްޒާގަކީ މެލޭޝިއާގެ ސިޔާސީ މަޝްރަހުގައި ނުފޫޒު ގަދަ އާއިލާއެއްގެ ބޭފުޅުކެވެ.
އޭނާގެ ބައްޕާފުޅަކީ އިނގިރޭސިންގެ އަތްދަށުން މެލޭޝިއާ މިނިވަންވިއިރު އެކަމުގައި މުހިއްމު ދައުރެއް އަދާ ކުރެއްވި އަބުދުއް ރައްޒާގެވެ. ޒައްޒާގަކީ ހަމައެކަނި މެލޭޝިއާގެ މިނިވަންކަމުގެ އެއް ބާނީ އެކަންޏެއް ނޫނެވެ. އޭނާއަކީ އެގައުމުގެ ދެވަނަ ބޮޑު ވަޒީރުވެސް މެއެވެ.
އިނގިރޭސިންގެ އަތް ދަށުން މެލޭޝިއާ މިނިވަންވީ 1957 ވަނަ އަހަރުއެވެ.
ނަޖީބުގެ ބޮޑުބޭބެފުޅު ހުސައިން އުންއަކީ މެލޭޝިއާގެ ތިން ވަނަ ބޮޑުވަޒީރެވެ.
ނަޖީބުގެ ބޮޑުވަޒީރުކަމުގެ މި ދައުރަށް އޭނާ ހޮވިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ އިންތިހާބުގައި އޭނާ ލީޑް ކުރެއްވި އިއްތިހާދަށް މެލޭޝިއާ ޕާލަމެންޓްގެ ސާފު އަޣުލަބިއްޔަތު ލިބުމުންނެވެ.
ސިޔާސީ ގޮތުން ކުރިއަށް ވަޑައިގެންނެވުން
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮޓިން ހަމް އިން އިންޑަސްޓްރިއަލް އިކޮނޮމިކްސް ގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވައިގެން ނަޖީބު މެލޭޝިއާއަށް އެނބުރި ވަޑައިގެންނެވީ 1974 ވަނަ އަހަރުއެވެ. ގައުމަށް ވަޑައިގެން އޭނާ ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނާސްގައެވެ.
އޭގެ ދެ އަހަރު ފަހުން ބައްޕާފުޅު ކުއްލި ގޮތަކަށް އަވަހާރަވެ، ޕާލަމެންޓުގެ ގޮނޑިއެއް ހުސްވިއެވެ. އެއާއެކު މެލޭޝިއާގެ ތާރީހު ދުއް އެންމެ ހަގު ޕާލަމެންޓް މެމްބަރުގެ ގޮތުގައި ނަޖީބު ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންނެވިއެވެ. ގޮނޑި ކާމިޔާބު ކުރެއްވި އިރު އުމުރުފުޅަކީ އެންމެ 23 އަހަރެވެ. ސިޔާސީ މައިދާނުގައި އޭގެ ފަހުން އޭނާ ކުރިއަށް ވަޑައިގެންނެވީ ވަރަށް އަވަހަށެވެ.
އެގޮތުން އޭނާ ކެބިނެޓުގެ އެތައް މަގާމުތަކެއް އަދާ ކުރެއްވިއެވެ. އޭގެ ތެރޭގައި އެނާޖީ، ޓެލެކޮމިއުނިކޭޝަންސް، އެޑިއުކޭޝަން، ފިނޭންސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ. ދެން ވެވަޑައިގެންނެވީ ބޮޑުވަޒީރުގެ ނައިބަކަށެވެ. އެމަގާމު ލިބިވަަޑައިގެންނެވީ 2004 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އަބުދުﷲ ބަދާވީގެ ވެރިކަމުގައެވެ.
ޖެހިގެން އައި އިންތިހާބުގައި މެލޭޝިއާގެ ވެރިކަން ކުރާ ބަރިސާން ނެޝަނަލް ކޯލިޝަނަށް ނާކާމިޔާބީއާ ކުރިމަތިވިއެވެ. އެފަހަރުގެ ބައްޔަކީ މެލޭޝިއާ މިނިވަންވީ ފަހުން އެ އިއްތިހާދަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. ޖެހިގެން އައި އަހަރު އަބުދުﷲ ބަދާވީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވީ ނަޖީބަށެވެ. އެއާ އެކު އިއްތިހާދުގެ މައި ޕާޓީ ' ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން ( އުމްނޯ)ގެ ލީޑަރުކަން ވެސް އޭނާއަށް ލިބިވަޑައިގެންނެވިއެވެ.
ނަޖީބަށް މެލޭޝިއާގެ ވެރިކަން ލިބިވަޑައިގެންނެވި ދުވަސްވަރު އިއްތިފާގުން ވީ އެގައުމުގެ ވޯޓުލާ މީހުންގެ އަޑު ވަރުގަދައަށް އިއްވުމުގެ އޮއިވަރެއް ހިނގައިގަތް ވަގުތަކަށެވެ.
މެލޭޝިއާގެ އިންތިހާބީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި 2011 ވަނަ އަހަރު ވެރިރަށް ކުއާލަލަމްޕޫރުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެއާ އެކު ނަޖީބު ގެންނެވި އިސްލާހުތަކުގެ ތެރޭގައި އެއްވުންތައް ބޭއްވުމާ ގުޅޭ ގޮތުން ހަދާފައި ހުރި ހަރުކަށި ގާނުނުތައް އިސްލާހު ކުރެއްވުމަަށް އޭނާ އަވަސް މަސައްކަތްތަކެއް ކުރެއްވިއެވެ. ހިޔާލުތަފާތުވުން ބޮޑު ގާނޫނެއް ކަމަށްވާ ' އިންޓާނަލް ސެކިއުރިޓީ އެކްޓް' އޭނާ އުވައިލެއްވިއެވެ.
ނަމަވެސް 2013 ވަނަ އަހަރު އޭގެ ތެރެއިން ބައެއް ގާނޫނުތައް އަނެއްކާވެސް އިއާދަކުރެއްވިއެވެ. އެގޮތުން ޝަރީއަތެއް ނުކޮށް މީހުން ބަންދުކޮށްފައި ބައިތިއްބުމުގެ ބާރު ސަރުކާރަށް ލިބިދޭ ގާނޫނު އިއާދަކުރެއްވިއެވެ.
މޭލޭޝިއާގެ ވެރިކަން ލިބިވަޑައިގެންނެވުމާއި އެކު ގެންނަވަން ވައުދުވެވަޑައި ގެންނެވި އިސްލާހީ ގިނަ ބަދަލުތައް އަދިވެސް ހަގީގަތަކަށް ނުވެއެވެ.
ގޮންޖެހުންތަކާއި މައްސަލަތައް
ބައެއް މަދު އިސްލާހު ތަކާއި އެކު މެލޭޝިއާގެ އިގުތިސާދު ރަނގަޅު ކުރެއްވުމަށް ނަޖީބު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަމުގައި ސުވާލު އުފެދޭ އެތައް ކަމެއް ވަނީ ހިނގާފައެވެ. އަދި ޚިޔާނާތާއި ފަސާދައިގެ އެތައް ތުހުމަތެއް އޭނާއަށް ވަނީ އަމާޒުވެފައެވެ.
ނަޖީބަށް ކުރި ފުރަތަމަ ތުހުމަތަކީ އޭނާ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު ފްރާންސުން ދެ ސަބްމެރިން ގަތުމުގައި ހިޔާނާތުގެ އަމަލެއް ހިންގެވިކަމުގެ ތުހުމަތެވެ. ނަމަވެސް އެ ތުހުމަތަށް އޭނާ އިންކާރު ކުރެއްވިއެވެ.
ނަޖީބުގެ ވެރިކަމުގައި މިހައިތަނަށް ކުރިމަތިވި ގައުމީ އެންމެ ބޮޑު ދެ މައްސަލައަކީ ވައިގެ ދަތުރުފަތުރުގެ ހިތާމަވެރި ދެހާދިސާއެވެ. އެ ދެ ހާދިސާ ވެސް ހިނގީ 2014 ވަނަ އަހަރުއެވެ. ފުރަތަމަ ހާދިސާއަކީ މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓް އެމްއެޗް370 ގެއްލުމެވެ. އެކަމުގައި މެލޭޝިއާ ސަރުކާރުން އަމަލުކުރި ގޮތާއި މެދު ބޮޑެތި ފާޑުކިއުންތައް އަމާޒުވިއެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ގެއްލުނު މީހުންގެ އާއިލާތަކަށް މައުލޫމާތު ދިނުމުގައި ގަބޫލުކުރެވޭ ވަރަށް ވުރެ ލަހުން މަސައްކަތް ކުރުމެވެ.
ދެވަނަ ހާދިސާއަކީ މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓް އެމްއެޗް 17 ވައްޓައިލުމެވެ. އޭރުގައި ހަނގުރާމައެއް ފެށިފައިވާ ޔުކްރެއިންގެ މަތިން އުދުހެނިކޮށް އެބޯޓް ވައްޓައިލުމުން ނަޖީބުގެ ސަރުކާރުން މަސައްކަތް ކުރީ ކުރީ ފަހަރަށް ވުރެ މާ ހަލުވި ކޮށެވެ. އެގޮތުންް ޔުކްރޭނުގެ ބާޚީީ ލީޑަރުންނާ ވާހަކަ ދައްކައިގެން މަރުވިމީހުންގެ ހަށިތަކާއި ބޯޓުގެ ކަޅުފޮށި މެލޭޝިއާއަށް ގެންދިޔައީ ވަރަށް އަވަހަށެވެ.
ވަން އެމްޑީބީގެ ބޮޑު ހިޔާނާތް
ނަޖީބާ ދެކޮޅަށް ކުރި ސިޔާސީ ގޮތުން އެންމެ ގެއްލުން ބޮޑު ތުހުމަތަކީ ' ވަން އެމްޑީބީ'ގެ ނަމުގައި އުފެއްދެވި ދައުލަތުގެ ފަންޑެއްގެ ފައިސާ ބޭނުން ކުރެއްވިކަމުގެ ތުހުމަަތެވެ. މެލޭޝިއާގެ އިގުތިސާދަކީ 'ހައި އިންކަމް ' އިގުތިސާދަކަށް ބަދަލު ކުރެއްވުމުގެ މަގުސަދުގައި ކަމަށް ބުނެ ނަޖީބުގެ ސަރުކާރުން 2009 ވަނަ އަހަރު އުފެއްދި އެ ފަންޑުގެ ދިގު ނަމަކީ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރްހާދެވެ.
ނަޖީބާ ދެކޮޅަށް ކުރާ ތުހުމަތަކީ އެ ފަންޑުން ގާތްގަނޑަކަށް 700 މިލިޔަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތެވެ.
އެ ތުހުމަތުން ރެކި ވަޑައިގެންނެވުމަަށް ފަހު އޭނާ ވިދާޅުވީ ސިޔާސީ މަކަރުވެރި ރޭވުމެއްގެ ޝިކާރައަކަށް އޭނާ ވެވަޑައިގެންނެވީ ކަމަށެވެ. އެކަމުގެ ޒިންމާ ނަޖީބު އެޅުއްވީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދުގެ އިސްތަށިފުޅުގައެވެ. މެލޭޝިއާގެ ތަރައްގީގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މަހާތީރަކީ އެގައުމުގައި އަދިވެސް ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ.
ވަން އެމްޑީބީ މައްސަލައިގައި ނަޖީބުގެ އިސްތިއުފާއަށް ގޮވާލާ އަޑު ކިތަންމެ ގަދަވިޔަސް އޭނާ އެކަމަށް ދެއްވީ ބީރު ކަންފަތްޕުޅެކެވެ. އެއާ އެކު މަގާމުން ވަކިކުރެއްވީ އޭނާގެ ބައިބަކަށް ހުންނެވި ބޭފުޅާއެވެ. އަދި އެމައްސަލަ ބައްލަވަމުންގެންދެވި އެޓާނީ ޖެނެރަލް ވެސް މަގާމުން ދުރުކުރެއްވިއެވެ. އޭނާ މަގާމުން ދުރުކުރެއްވީ މަގާމު އަދާކުރެއްވުމަަށް އެކަށީގެންވާ ސިއްހަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނުން ފަހުން ނިންމީ ނަޖީބުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފަައިސާއަކީ މެދި އިރުމަތީގެ ގައުމުތަކުން އޭނާއަށް ދެއްވާފައިވާ އެހީގެ ފައިސާތަކެއް ކަމަށާއި އެއީ ވަން އެމްޑީބީއާ ގުޅުން ހުރި ފައިސާއެއް ނޫން ކަމަށެވެ.
މެލޭޝިއާގެ އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސުމާއި އެކު 2016 ވަނަ އަހަރު އޭނާ ނިންމެވީ އެކަމުގައި ނަޖީބު އެއްވެސް ކުށެއް ކުރައްވާފައި ނުވާ ކަމަށެވެ. އެގޮތުން އޭނާގެ އެކައުންްޓަށް ޖަމާކުރި ފައިސާއަކީ ހަދިޔާއެއްގެ ގޮތުގައި ސައުދީ ޝާހީ އާއިލާއިން ދިން އެއްޗެއް ކަމަށް އާ އެޓާނީ ޖެނެރަލް ނިންމެވިއެވެ. އަދި ވިދާޅުވީ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 620 މިލިޔަން ޑޮލަރު ޝާހީ އާއިލާއަށް އަނބުރާ ރައްދުކޮށްފައިވާ ކަަމަށެވެ.
ނަމަވެސް މެލޭޝިއާ ރައްޔިތުންނަށް އެކަމުގައި ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް އަދިވެސް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ސުވާލަކީ 620 މިލިޔަން ޑޮލަރު އަނބުރާ ރައްދު ކުރި ކަމަށްވާ ނަމަ އަނެއް 61 މިލިޔަން ޑޮލަރަށް ވީ ކީއްތޯ؟" ކުރާ ސުވާލެވެ.