ދިވެހި ސިނަމާ

އެންމެ މޮޅު ފިލްމަކީ ވާށޭމަށާއެކީ، އެކްޓަރުންނަކީ މަޖޫ، ޖުމައްޔިލް

އަށްވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް މަރިޔަމް މަޖުދާ (މަޖޫ) ހޯދައި، އެންމެ މޮޅު އެކްޓަރުގެ އެވޯޑް މުހައްމަދު ޖުމައްޔިލް ނިމާލު ހޯދައިފި އެވެ. މި ދެ ތަރިން ވެސް އެވޯޑް ހާސިލުކުރީ ފިލްމް "ވާށޭ މަށާ އެކީ"ގައި އަދާކުރި ރޯލުންނެވެ.

ޖުމައްޔިލް މި އެވޯޑް ހޯދީ، ހަސަން މަނިކް (ހުޅުދާން) އާއި އަލީ ސީޒަން (ވަފާތެރި ކެހިވެރިޔާ) އާއި އިބްރާހިމް ޖިހާދު (4426)އާ ވާދަކޮށެވެ. ޖުމައްޔިލް ވަނީ ފިލްމް އެންމެފަހު ވިންދާޖެހެންދެން އިން ވެސް ނޮމިނޭޓްވެފަ އެވެ.

މަޖޫ އެވޯޑް އުފުލާލީ، ކުޅަދާނަ ދެ އެކްޓްރެސްއިން ކަމަށްވާ ނިއުމާ މުހައްމަދު (އާދޭސް) އަދި އައިޝަތު ރިޝްމީ ރަމީޒް (މިކޮއެ ބައްޕަ ބައެ ބައެ)އާ ވާދަކޮށެވެ. މަޖޫ ވަނީ ފިލްމް ހުޅުދާން އަދި އެންމެފަހު ވިންދާ ޖެހެންދެން އިން ވެސް އެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.

އެންމެ މޮޅު ފީޗާ ފިލްމްގެ އެވޯޑް ހޯދާފައިވަނީ ޑާކްރެއިންގެ "ވާށޭމަށާއެކީ" އެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް އުފުލާލީ، ވާށާމަށާއެކީގެ ޑައިރެކްޓަރު އަލީ ޝިފާއު އެވެ. އެއާއެކު، މިރޭ އެންމެ ކާމިޔާބު ފިލްމެއްގެ ގޮތުގައި އެ ފިލްމް ލިޔެވިގެން ދިޔައިރު، އެންމެ ކާމިޔާބު ސްޓޫޑިއޯއަކަށް ވެގެން ގޮސްފައިވަނީ ޑާކްރެއިން އެންޓަޓައިމެންޓެވެ.

އެންމެ މޮޅު އާ ދެ ތަރިންގެ އެވޯޑް ވެސް އުފުލާލީ މަޖޫ އަދި ޖުމައްޔިލް އެވެ. އެއީ މަޖޫގެ ފުރަތަމަ ފިލްމް ހުޅުދާންގައި ދެއްކި ރޯލަށާއި ޖުމައްޔިލްގެ ފުރަތަމަ ފިލްމް، އަނިޔާއިން ދެއްކި ރޯލުންނެވެ.

މީގެއިތުރުން ވެސް މިރޭ މަޖޫއަށް އެހެން ގިނަ އެވޯޑްތަކެއް ލިބިފައިވެ އެވެ. އެގޮތުން އެންމެ މޮޅު ކޮސްޓިއުމް، މޭކަޕް އަދި ކްރޮއެގްރަފީގެ އެވޯޑް ހޯދީ މަޖޫ އެވެ.

ފީޗާ ފިލްމްގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑް ހޯދީ ފިލްމް އަހްޝަމްއިންނެވެ. އެ އެވޯޑް ގެންދިޔައީ، އެ ފިލްމްގައި ތަފާތު އެކްޓިންނެއް ދެއްކި ޒީނަތު އައްބާސް އާއި އަހުމަދު ސައީދެވެ.

ކުރު ފިލްމްގެ ބައިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދާފައިވަނީ ކުރު ފިލްމް ކަޝްފުގައި އަދާކުރި ރޯލުން އިބްރާހިމް ޖިހާދު (ޖިމީ) އެވެ. އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދާފައިވަނީ، ފާތިމަތު އާޒިފާ (އަޒޫ) އެވެ. އެއީ ކުރު ފިލްމް ފަރިހިބެ 4 އިންނެވެ. ކުރު ފިލްމް ބައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ވެސް ގެންދިޔައީ، އަޒޫ އެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ހޯދީ، ކުރު ފިލްމް ވޫޑޫއިން އަހުމަދު ނާޝިތު އެވެ.

އެވޯޑްތައް:

(ފީޗާ ފިލްމް ކެޓަގަރީ)

  • އެންމެ މޮޅު ފިލްމް: ވާށޭ މަށާއެކީ (ޑާކް ރެއިން އެންޓަޓައިމެންޓް)
  • އެންމެ މޮޅު ޑައިރެކްޓާ: އަލީ ޝިފާއު (ވާށޭ މަށާއެކީ)
  • އެންމެ މޮޅު އެކްޓާ: މުހައްމަދު ޖުމައްޔިލް ނިމާލު (ޖުމަލް)، (ވާށޭ މަށާއެކީ)
  • އެންމެ މޮޅު އެކްޓްރެސް: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
  • އެންމެ މޮޅު އަންހެން ނިއު ކަމާ: މަރިޔަމް މަޖުދާ (މަޖޫ)، (ހުޅުދާން)
  • އެންމެ މޮޅު ފިރިހެން ނިއު ކަމާ: މުހައްމަދު ޖުމައްޔިލް ނިމާލު (ޖުމަލް)، (އަނިޔާ)
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ޒީނަތު އައްބާސް (އަހްޝަމް)
  • އެންމެ މޮޅު ސަޕޯޓިން އެކްޓާ: އަހުމަދު ސައީދު (އަހްޝަމް)
  • އެންމެ މޮޅު ސްކްރީން ޕްލޭ: އައިޝަތު ފުއާދު ތައުފީގް (ހުޅުދާން)
  • އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ: މަރިޔަމް އުނޫޝާ (ފިލްމް 24 ގަޑިއިރުގެ ފޯ އެވާ އިން ލަވް)
  • އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ: އަހުމަދު ނާޝިދު (ފިލްމް ހުޅުދާނުގެ ތަކުރަށް ބަހެއް)
  • ލިރިކްސް: ޒީރޯ ޑިގްރީ، އަހުމަދު ނަސީރު އަދި މުހައްމަދު ރަޝީދު (ފިލްމް ހުޅުދާނުގެ ތަކުރަށް ބަހެއް ލަވަ)
  • އެންމެ މޮޅު އޮރިޖިނަލް ލަވަ: މުހައްމަދު އިކްރާމް (ފިލްމް 24 ގަޑިއިރުގެ ފޯ އެވާ އިން ލަވް)
  • އެންމެ މޮޅު އާޓް ޑިރެކްޝަން: މުހައްމަދު އަލީ، އަލީ ޝިފާއު (ފިލްމް ވާށޭމަށާއެކީ)
  • އެންމެ މޮޅު މޭކަޕް: މަރިޔަމް މަޖުދާ (މަޖޫ)
  • އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: އަހުމަދު ޝިނާން (ފިލްމް 4426)
  • އެންމެ މޮޅު ކްރޮއުގްރަފީ: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
  • އެންމެ މޮޅު ކޮސްޓިއުމް: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
  • އެންމެ މޮޅު ސައުންޑް މިކްސިން: މުހައްމަދު އިކްރާމް (ވާށޭ މަށާއެކީ)
  • އެންމެ މޮޅު ސައުންޑް އެޑިޓާ: މުހައްމަދު އިކްރާމް (މިކޮއެ ބައްޕަ ބައެ ބައެ)
  • އެންމެ މޮޅު ބެކް ގްރައުންޑް މިޔުޒިކް: މުހައްމަދު އިކްރާމް (އެންމެފަހު ވިންދާ ޖެހެންދެން)
  • އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ވާށޭ މަށާއެކީ)
  • އެންމެ މޮޅު ސިނެމެޓޮގްރަފީ: ޝިވާޒް އަބްދުﷲ (އަހްޝަމް)

(ކުރު ފިލްމް ކެޓަގަރީ)

  • އެންމެ މޮޅު ކުރު ފިލްމް: ވޫޑޫ
  • އެންމެ މޮޅު ޑައިރެކްޓާ: އަލީ ޝިފާއު (ކުރު ފިލްމް ވޫޑޫ)
  • އެންމެ މޮޅު އެކްޓްރެސް: ފާތިމަތު އާޒިފާ (އަޒޫ)، (ކުރު ފިލްމް ފަރިހިބެ 4)
  • އެންމެ މޮޅު އެކްޓާ: އިބްރާހިމް ޖިހާދު (ޖިމީ)، (ކުރު ފިލްމް ކަޝްފު)
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ފާތިމަތު އާޒިފާ (އަޒޫ)
  • އެންމެ މޮޅު ސަޕޯޓިން އެކްޓާ: އަހުމަދު ނާޝިތު (ކުރު ފިލްމް ވޫޑޫ)
  • އެންމެ މޮޅު ސިނެމެޓޮގްރަފީ: އަލީ ޝިފާއު (ކުރު ފިލްމް ވޫޑޫ)
  • އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ކުރު ފިލްމް ވޯޑޫ)

މިރޭގެ އެވޯޑް ހަފުލާގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދެ ބޭފުޅަކަށް ދެއްވާފައިވެ އެވެ. އެއީ، ގިނަ ފިލްމްތަކެއް ގެނެސްދިން ސްލޭމް ސްޓޫޑިއޯ ވުޖޫދަށް ގެނައި އަސްލަމް ރަޝީދު އަދި މުސްތަފާ ހުސެއިނަށެވެ.

މީގެއިތުރުން ޝަރަފުވެރިކަމުގެ އެވޯޑެއް ވެސް މިރޭ ދީފައިވެ އެވެ. އެވޯޑް ދީފައިވަނީ، މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދި އައިޝަތު ރިޝްމީ ރަމީޒަށެވެ.

މިރޭގެ އެވޯޑް ހަފުލާގައި ފަންނާނުންގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދިޔަ އެވެ. އެގޮތުން އެންމެ ފާހަގަވެގެން ދިޔައީ، މުހައްމަދު ޖުމައިހް (ޖުމާ) އާއި މަރިޔަމް އައްޒަ، ނިއުމާ މުހައްމަދަށް ހާއްސަކުރި ހުށަހެޅުމެވެ. އެ ހުށަހެޅުމާއެކު ނިއުމާ ރޮއްވާލި އެވެ. އޭގެއިތުރުން ޝީލާ ނަޖީބާއި އަހުމަދު އަޒްމީލް، ޖާދުއްﷲ އިސްމާއިލް ފާތިމަތު އަޒީފާ (އަޒޫ) އަދި ލަމްހާ ލަތީފް (ލަމް)ގެ ހުށަހެޅުންތައް ފެނިގެން ދިޔަ އެވެ.