ފިނިޕޭޖް

އައްޒަ އާއި ޖުމާގެ ހުށަހެޅުމުން ނިއުމާ ރޮއްވާލައިފި

އެވޯޑުތަކުގެ އިތުރުން ރޭގެ ފިލްމު އެވޯޑްސްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން އަތުލީ ހަފްލާގައި ދައްކާލި މުނިފޫހިފިލުވައިދިނުމުގެ ހަރަކާތްތަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ހާއްސައީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ފިލްމު ކަމަށްވާ "ނިއުމާ" އަދި ފިލްމީ ދާއިރާގެ ދެގޮތެއް ނުވާ އެންމެ މޮޅު ބަތަލާ ނިއުމާ މުހައްމަށް ހާއްސަކޮށް މަރިޔަމް އައްޒަ އަދި އިސްމާއިލް ޖުމައިހު (ޖުމާ) ދިން ޓްރިބިއުޓެވެ.

ނިއުމާ އެކްޓްކޮށްފައިވާ އެ ފިލްމަކީ އާއިލާގެ ފަރާތުން ޖިންސީ ގޯނާ ލިބޭ އަންހެން ކުއްޖެއް ފެނިގެންދާ ފިލްމެކެވެ. އެ ފިލްމުގެ "ނިއުމާ" ލަވައަކީ ފިލްމު އެންމެ ހާއްސަ ލަވަ އެވެ.

އެ ލަވައަށް ޖުމާ އަދި އައްޒަވަނީ ނެށުމަކުން ފިލްމުގެ ބައެއް މަންޒަރުތައް ރޭ ދައްކާލާފަ އެވެ. އެއަށްވުރެ ފުރިހަމަ ހަރަކާތްތަކެއް ރޭގެ ޝޯއިން ފެނިގެނެއް ނުދެ އެވެ. އެ ހަރަކާތް ފެށީ އެ ދެ ތަރިން މިދިޔަ އަހަރު ފެނިގެން ދިޔަ "4426"ގެ އަޑުކޮޅަކާއެކު ގެނެސްދިން ޓްރެއިލާއަކުންނެވެ. އޭގެ ފަހުން "ނިއުމާ" ލަވައަށް ރީތި ހުށަހެޅުމެއް ވަނީ ދައްކާލާފަ އެވެ. ޖިންސީ ގޯނާ އަދި ގެވެށި އަނިޔާއާ ދެކޮޅަށް ވަނީ މެސެޖެއް ދީފަ އެވެ.

ރީތި ނެށުމަކާއެކު ދިން ހާއްސަ ޓްރިބިއުޓުން ރޭ ރޮއްވާލީ ހަމައެކަނި ނިއުމާއެއް ނޫނެވެ. އެވޯޑް ހަފްލާއަށް ދިޔަ ގިނަ މީހުންގެ އިތުރުން އެ ހަފްލާ ޓީވީން ބަލަން ތިބި ގިނަ ބަޔަކު ރޮއްވާލި އެވެ.

ޑާންސް ނިންމާލުމަށްފަހު ޖުމާ އަދި އައްޒަ ވަނީ ނިއުމާ ސްޓޭޖަށް އަރުވާފަ އެވެ. އެ ޓްރިބިއުޓަކީ ނިއުމާ ފިލްމީ ދާއިރާއަށް ކޮށްދިން ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދިން ޓްރިބިއުޓެއް ކަމަށް ޖުމާ އަދި އައްޒަ ބުންޏެވެ.

"އަޅުގަނޑު މި ދާއިރާއަށް ނުކުތީއްސުރެ އެންމެ ބޮޑު ސަޕޯޓެއް ލިބުނު އެކަކީ ނިއުމާ، އަދި ފިލްމީ ދާއިރާއަށް އެތައް އަހަރެއްވަންދެން ހިދުމަތް ކޮށްދިނުމަށްފަހު ރިޓަޔާ ވާތީވެ ދިން ހާއްސަ ޓްރިބިއުޓެއް،" ޖުމާ ބުންޏެވެ.

ރޭގެ ޓްރިބިއުޓް ވެގެން ދިޔައީ އެވޯޑަކަށްވުރެ ބޮޑަށް ނިއުމާއަށް ލިބުނު އުފާވެރި ކަމަކަށެވެ. ހީނުކޮށް ހުއްޓަ ރޭ ލިބުނު ސަޕްރައިޒުން ނިއުމާއަށް ވަނީ އުފަލުން ރޮވިފަ އެވެ.

"އަޅުގަނޑަކަށް ނޭނގެ ބުނާނެ އެއްޗެއްވެސް، މިރޭ އެވޯޑް ލިބުނަސް މިހާ އުފަލެއް ނުވާނެ، ވަރަށް ވަރަށް އުފާވެއްޖެ މިކަހަލަ ޓްރިބިއުޓެއް ދިނީމަ، މި ކުދިންނަކީ އަޅުގަނޑަށްވުރެ މާފަހުން ފިލްމީ ދާއިރާއަށް ނުކުމެ އަޅުގަނޑުގެ ކުދިން ފަދަ ކުދިން، ވަރަށް އުފާވެއްޖެ މިކަހަލަ ހާއްސަ ޓްރިބިއުޓެއް ލިބުނީމަ،" ރޭ ނިއުމާ ބުންޏެވެ.

ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް ރޭ ހުށަހަޅައިދިން ލަވަ ސެޓްވެސް ވީ ގިނަ ބަޔަކަށް ކަމުދިޔަ ހަރަކާތަކަށެވެ. ފިލްމީ ދާއިރާގެ ކުރީގެ ތަރިން ކަމަށްވާ މަރިޔަމް ނިޝާ، ޖަމްޝީދާ އަދި ޝީރީން މެން ފަދަ ތަރިންނަށް ހާއްސަކޮށް އޭރުގެ ރީތި ލަވަތަކެއް ލަމް ވަނީ ހުށަހަޅައިދީފަ އެވެ. އޭގެ ތެރޭގައި، "މިހިތާ ލޯބިދޭނަން، "ވާތީ މަ ކައިރީގައި" ފަދަ ލަވަތައް ހިމެނެ އެވެ.

އަހްމަދު އަޒްމީލް (އަޒޭ) އަދި ޝީލާ ނަޖީބް ގެނެސްދިން ލަވަސެޓްވެސް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. ޑިޕްރެޝަން އާ ގުޅުވާލާފަ ޖާދުﷲ އިސްމާއިލް، ފާތިމަތު އާޒިފާ އަދި މަރިޔަމް ޝިފާވެސް ރޭ ވަނީ ރީތި ހުށަހެޅުމެއް ދައްކާލާފަ އެވެ. މިދިޔަ އަހަރުގެ ފިލްމު އެވޯޑްސް އާ ހިލާފަށް މި އަހަރުވަނީ މުނިފޫހިފިލުމަށް ހުރިހާ ރަހައެއް އެވޯޑް ރަސްމިއްޔާތުގައި ހިމަނާފަ އެވެ.