ފިނިޕޭޖް

ޖުމައްޔިލްގެ ބޮޑު ކާމިޔާބީއިން ނިމާލަށް ފުން އަސަރުތަކެއް!

"އަޅުގަނޑު މިއަދު މިތާ ހުރީ އަޅުގަނޑަކީ އަހްމަދު ނިމާލްގެ ދަރިފުޅަށް ވީތީ، ޝުކުރިއްޔާ ބައްޕާ،" އެންމެ މޮޅު ނިއު ކަމާގެ އެވޯޑު އުފުލާލުމަށްފަހު ޝުކުރުގެ ދިގު ލިސްޓެއް ނިންމާލަމުން ޖުމައްޔިލް ނިމާލް ބުނި އެ ޖުމްލަ އަކީ ރޭ ބޭއްވި އަށް ވަނަ ފިލްމު އެވޯޑް ހަފްލާގައި އެންމެ އަސަރު ގަދަ ޖުމްލަ އަދި އެންމެ އަސަރު ގަދަ ވަގުތުކޮޅެވެ.

ދަރިފުޅު ކުރި ބުރަ މަސައްކަތަށް ލިބުނު އިނާމް އަދި އޭގެ ސަބަބުން ބައްޕައަށް ޝުކުރު އަދާކުރި ގޮތުން ރޭ ހިތުގެ އެންމެ ފުންމިނުން ކުރާ އަސަރު އަހްމަދު ނިމާލަށް ރޭ ވަނީ ކުރެވިފަ އެވެ. އެ މަގާމުގައި ޖުމައްޔިލް ހުއްޓާ ފެނުމުން ނިމާލް އަށް ވަނީ އުފަލުން ރޮވިފަ އެވެ. ނިމާލް އަށް ރުއިން ކޮންޓްރޯލް ކުރެވުނީ އެތައް އިރަކަށް ފަހު އެވެ.

ޖުމައްޔިލް އަށް ވަނީ ބެސްޓު ނިއު ކަމާގެ އެވޯޑްގެ އިތުރުން ފިރިހެން އެންމެ މޮޅު އެކްޓަރުގެ މަގާމްވެސް ލިބިފަ އެވެ. އެ އެވޯޑް އޭނާއަށް ލިބުނީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ވާށޭ މަށާ އެކީ"ގައި އޭނާ ދެއްކި މޮޅު އެކްޓިން އިންނެވެ. ޖުމައްޔިލް ވަނީ އެ އެވޯޑަށް "އެންމެ ފަހު ވިންދާ ޖެހެންދެން" އިންވެސް ނޮމިނޭޓްވެފަ އެވެ.

"ވާށޭ މަށާ އެކީ"ގައި ނިމާލްގެ ހާއްސަ ފެނިލުމެއްވެސް ފެނިގެންދާއިރު އެ ފެނިލުމުގައި ފެންނަނީވެސް ޖުމައްޔިލާ އެކުގަ އެވެ.

ލޯބީގެ ސަކަ ރޯލުތަކުން ޖުމައްޔިލް ފެނިގެން ދިޔަ ނަމަވެސް ނިމާލް މަޝްހޫރުވެފައިވަނީ ނުބައިބައި ރޯލުންނެވެ. އެގޮތުންވެސް ނިމާލް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާ ކުޅެފައިވާ ބިރުކުޑަ އަލީގެ ރޯލުންނެވެ. ނިމާލްގެ ޒުވާން ދައުރު ލޯބީގެ ފިލްމުތަކުންވެސް ފެނިގެން ގޮސްފައިވެ އެވެ.

ލޯބީގެ ރޯލެއް ނުވަތަ، ނުބައި މީހެއްގެ ރޯލު ނުވަތަ ރަނގަޅު ބައްޕައެއްގެ ރޯލު ކުޅެން ޖެހުނު ނަމަވެސް އެ ރޯލެއް އެންމެ ފުރިހަމަ ގޮތެއްގައި ދައްކުވައިދިން ތަރިއަކަށް ނިމާލް ވާނެ އެވެ. ފިލްމީ ދާއިރާގެ ފުރަތަމަ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް ނިމާލް ކުޅުނު ކޮންމެ ފިލްމެއްވެސް ވަނީ މަޝްހޫރުވެފަ އެވެ.

"އެންމެ ފަހު ވިންދާ ޖެހެންދެން" އަދި "ވާށޭ މަށާ އެކީ"ގައި ލޯބީގެ ރޯލަކުން ފެނުނު ނަމަވެސް ޖުމައްޔިލްގެ ފުރަތަމަ ފިލްމު "އަނިޔާ"ގައި ފެނިގެންގޮސްފައިވަނީ އަނިޔާވެރި ރޯލަކުންނެވެ.