ފިނިޕޭޖް

މި ދެމަފިރިންނަށް އެވޯޑްވީ ސަޕްރައިޒްއަކަށް

ކުރު ފިލްމު ބައިން އެންމެ މޮޅު ބަތަލާގެ އެވޯޑް އަދި ފީޗާ ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ރޯލު ލިބޭނެ ކަމަށް ފާތިމަތު އާޒިފާ (އަޒޫ) އަދި އަހްމަދު ސައީދު އުންމީދު ނުކުރި ނަމަވެސް ރޭ އެދެމަފިރިން މިވަނީ ރޭގެ ޝަރަފުވެރިންގެ ލިސްޓުން ޖާގަ ހޯދާފަ އެވެ.

ލިބޭނެ ކަމަށް އުންމީދު ނުކުރި ނަމަވެސް އަލީ ސީޒަންގެ "އަހްޝާމް"ގައި ކުޅުނު ރޯލުން އެ އެވޯޑް ހާސިލް ކުރުމަކީ ސައީދުގެ ހުވަފެނެކެވެ. ގިނަ މަސައްކަތްތަކެއް ކުރެވުނު ފިލްމަކަށްވާތީ އެވެ.

"އަޅުގަނޑު ވަރަށް ޓައިޓްކޮށް ދިޔައީ، އަޅުގަނޑާ ވާދަކޮށްފައިވަނީވެސް ފެންވަރު ރަނގަޅު މޮޅު ދެތަރިން، ރަވީ އާއި ކޮޕީ އިއްސެ އަކީ މޮޅެތި އެކްޓަރުން، އަނެއްހެން ބުނަންޏާ މީތި ކޮންމެ މީހަކަށް ދިޔަ ނަމަވެސް އަޅުގަނޑު ހެޕީ ވާވަރު މީހުންނާ ވާދަކުރަންތިބީ، ވާދަކޮށްގެން ލިބުން މިއީ ހަމަ ވަރަށް ބޮޑު ކުރިއެރުމެއް،" އެވޯޑް ހަފްލާއަށްފަހު ރޭ ދިން އިންޓަވިއުއެއްގައި ސައީދު ބުންޏެވެ.

ހަމަ އެގޮތަށް ރޭގެ ހަފްލާއަށް އަޒޫ އައީ ކުރުފިލްމު ބައިން ބެސްޓު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމާ އެކުގަ އެވެ. ދެ ފިލްމަކުން އެ ކެޓަގަރީއަށް ނޮމިނޭޓްވެފައިވާއިރު ދެ ފިލްމުގައިވެސް ދެއްކުނު އެކްޓިން އާ ދޭތެރޭ އަޒޫ ހުރީ ހިންހަމަ ޖެހިފަ އެވެ. އެހެން ނަމަވެސް ކުރު ފިލްމު ބައިން އެންމެ މޮޅު ބަތަލާގެ އެވޯޑަކީ އަޒޫއަށް ސަޕްރައިޒެކެވެ. އެއީ އެއްވެސް ވަރަކަށް އަޒޫ އުންމީދުކޮށްގެން ހުރި އެވޯޑެއް ނޫނެވެ.

"ސަޕޯޓިން އެކްޓްރެސް އަށް އަޒޫއަށް ހަމަ ވަރަށް ބޮޑު ޔަގީންކަމެއް އޮތް، ބެސްޓް އެކްޓްރެސް އަކަށް އުންމީދެއް ނުކުރަން، ސަޕްރައިޒިން ހަމަ، ވަރަށް އުފާވެރި ރެއެއް މީ،" ވޯޑް ހަފްލާއަށްފަހު ރޭ ދިން އިންޓަވިއުއެއްގައި އަޒޫ ބުންޏެވެ. "މިއީ މި ކެރިއާއިން ކުރިއަށް ދިއުމަށް އަޒޫއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،"

ސަޕޯޓިން އެކްޓްރެސްގެ ރޯލަށް އަޒޫ ނޮމިނޭޓްވެފައިވަނީ "ފަރިހިބެ 3" އަދި "13 އަށް ވިސްނާ 2000" އިންނެވެ. ބެސްޓް އެކްޓްރެސްގެ އެވޯޑް އަޒޫއަށް ލިބިފައިވަނީ "ފަރިހިބެ 4" އިންނެވެ.

މިިދޔަ އަހަރު ބޭއްވި ހަތް ވަނަ ފިލްމު އެވޯޑްސް އިން ވެސް އަޒޫއަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސް އެވޯޑް ލިބިފަ އެވެ. އެ އެވޯޑް ލިބުނީ ފިލްމު "ލޫދިފާ"ގައި އަޒޫ ދައްކާފައިވާ އެކްޓިން އިންނެވެ.