ކަރަބާއޯ ކަޕް ނުވަތަ އީއެފްއެލް ކަޕް ކްއާޓާ ފައިނަލުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ސިޓީން ޕެނަލްޓީ ޖަހައިގެން މޮޅުވެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. އެވެ. ޕެނަލްޓީގައި ސިޓީގެ ތަރިއަކަށްވީ ގޯލްކީޕަރު ކްލައުޑީއޯ ބްރާވޯ އެވެ.
މިއީ ޑޮމެސްޓިކް ލެވަލްގައި ސިޓީން ބަލިނުވެ ހަމަ ކުރި 27 ވަނަ މެޗެވެ. ނަމަވެސް ސިޓީގެ ކޯޗް ޕެޕް ޑާޑިއޯލާ ގަބޫލު ކުރާ ގޮތުގައި ހަތަރު މުބާރާތުގައި އެއްވަރެއްގައި ހިފެހެއްޓުމަކީ އުނދަގޫ ކަމެކެވެ. މެޗުގައި ބެނާޑޯ ސިލްވާ ސިޓީ މޮޅުކޮށްދީފައި ވަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖެމީ ވާޑީ ލެސްޓާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ނަތީޖާ ނުނެރެވި މެޗު ނިމުމުން، ޕެނަލްޓީގައި ސިޓީގެ ކީޕަރު ބްރާވޯ ވަނީ ލެސްޓާގެ ރިޔާދު މާރެޒް ފޮނުވާލި ޕެނަލްޓީ ދިފާއު ކޮށް، ސެމީ ފައިނަލުގެ ޖާގަ ސިޓީ އަށް ޔަގީން ކޮށް ދީފަ އެވެ. އޭގެ ކުރިން ޖެމީ ވާޑީ ޖެހި ޕެނަލްޓީވެސް ކާމިޔާބެއް ނުވި އެވެ. މެޗަށް ފަހު ގާޑިއޯލާ ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފަ އެވެ. އެހެން މެޗުތަކުގައި އޭނާ އުފާ ފާޅު ނުކުރާ ވަރަށެވެ. ސުވާލަކީ ސިޓީ އަށް ސިޒަންގައި ކަރަބާއޯ ކަޕާއި އެފްއޭ ކަޕާއި ޕްރިމިއާ ލީގް އަދި ޗެމްޕިއަންސް ލީގް ހޯދި ދާނެ ހެއްޔެވެ. ގާޑިއޯލާ ބުނީ އެއީ ނުވާނެ ކަމެއް ކަަމަށެވެ.
"އެއީ ވާނެ ކަމެއް ނޫން، ހަމަޔަގީނުން ނުވާނެ ކަމެއް،" ގާޑިއޯލާ ބުންޏެވެ. "ކިހިނެއް އެކަން ވަނީ އަހަރެމެން މިއުޅެނީ ހިޔާލީ ހާލަތެއްގައެއް ނޫން، ޖެހިޖެހިގެން 16-17 މެޗުން މޮޅުވެ، ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖް ނިމުމުގެ ކުރިން ދެ ވަނަ ބުރަށް ދަތުރު ކޮށް މިކަންކަމަކީ ފަސޭހަ ކަމެއް ނޫން، އަހަރެމެން މި ކުޅެނީ ވަރަށް ގިނަ ޒުވާން ކުޅުންތެރިން ލައިގެން، ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން."
ގާޑިއޯލަ ބުނީ މެޗުތަކުން ޕޮއިންޓް ގެއްލުމަކީ ނުވެނުދާނެ ކަމެއް ކަމަށެވެ. އެހެންވެ އޭނާ ވިސްނަނީ ވަކި ވަރަކަށް ތަށި ހޯދުމުގެ ބަދަލުގައި އަބަދުވެސް ކުރިއަށް އޮންނަ މެޗަށް ކަމަށެވެ.