ކުޅިވަރު

"ކްލެސިކޯ މެޗަށްވުރެ މުހިންމު އެހެންކަމެއް މިހާރު ނެތް"

Dec 20, 2017

މިއަންނަ ހޮނިހިރު ދުވަހު ބާސެލޯނާ އާ ދެކޮޅަށް ކުޅޭ އެލްކްލެސިކޯ މެޗު ކާމިޔާބު ކުރުން ފިޔަވައި މުހިންމު އެހެންކަމެއް ރެއަލް މެޑްރިޑަށް ނެތް ކަމަށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.

އެ މެޗުން ބާސެލޯނާ މޮޅު ވެއްޖެނަމަ އެ ޓީމަށް ރެއާލް އަށްވުރެ 14 ޕޮއިންޓް ކުރިއަށް ޖެހިލެވޭނެ އެވެ. އެލެކްލެސިކޯ މެޗަކީ ދުނިޔޭގެ ހުރިހާ ކަންކޮޅަކުން އެމަޗަށް ޝައުގުވެރިވާ މެޗެކެވެ. އަހަރުން އަހަރަށް އެ މެޗު ބަލާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

"އެއީ ވަރުގަދަ މެޗެއް،" އެލެކްލެސިކޯ މެޗާ ބެހޭގޮތުން ރާމޯސް ބުންޏެވެ. "އެލްކްލެސިކޯ ސިފަ ކޮށްދޭން ބުނާނެ ބަސްތަކެއް ނެތް، އެއީ މުޅިން ތަފަތު މެޗެއް. ދުނިޔޭގެ އެންމެ މުހިންމު އެއް މެޗު."

ސްޕޮންސާޝިޕް ހަރާކާތެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ރާމޯސް ބުނީ، މިވަގުތު ޕޮއިންޓް ތާވަލުގައި އޮތް ހިސާބުން ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރުން ރެއާލް އަށް ވަރަށް މުހިންމު ކަަމަށެވެ.

"އަހަރެމެންނަށް ކޮންމެހެން މުހިންމު މި މެޗުން މޮޅުވުން، ކުރިއަށްވުރެ ބޮޑަށް މި މެޗުގެ މުހިންމު ކަން ބޮޑު، އެއީ މިވަގަުތު އަހަރެމެން އޮތް ހާލަތުގެ ގޮތުން އަދި ލީގް ހޯދުމުގެ ރޭހުގައި އޮންނަން ބޭނުން ނަަމަ މި މެޗުން މޮޅުވުން މުހިންމު."

ލީގްގައި، ރެއާލްއަށް އެ ޓީމުގެ އަސްލު ކުޅުން ނުދެއްކެ އެވެ. ބައެއް ފަރާތްތަކުން ސިފަ ކުރީ ރެއާލް އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށެވެ.

ނަމަވެސް ރާމޮސް ބުނީ މިދިޔަ ހޮނިހިރު ދުވަހު ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރެވުމުން ޓީމުގެ ފޯމު ވަރަށް ބޮޑަށް ރަނގަޅު ވެފައިވާ ކަމަށެވެ.