ކުޅިވަރު

ރޮނާލްޑޯ ހިއްސާވެގެން ކުޑަކުދިންގެ ހޮސްޕިޓަލެއް އަޅަނީ

Dec 20, 2017

ރެއާލް މެޑްރިޑާއި ޕޯޗްގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިއްސާވެގެން ޗިލީގައި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ތައްޔާރު ވެއްޖެ އެވެ.

ޗިލީގެ ވެރިރަށް ސެންތިއާގޯގައި އިމާރާތް ކުރާ މި ހޮސްޕިޓަލް އަޅަނީ އިޓަލީގެ ވިޔަފާރިވެރިއެއް ކަމަށްވާ އެލެކްސަންޑްރޯ ޕްރަޓޯއާ ގުޅިގެންނެވެ. މި ހޮސްޕިޓަލް އިމާރާތް ކުރަނީ 2020 ވަނަ އަހަރު އެވެ. ރޮނާލްޑޯ އަކީ ސޭވް ޗިލްޑްރަން ޝިއާރުގެ ދަށުން ޔުނިސެފް އާއި ވޯލްޑް ވިޝަންގެ އެމްބަސެޑަރެވެ.

"ކްރިސްޓިއާނޯ [ރޮނާލްޑޯ] އަކީ ފީފާގެ ދަ ބެސްޓް ޕްލޭ އެވޯޑާއި ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާ، ރޮނާލްޑޯގެ އިސްނެގުމަށް އަލެސެންޑްރޯ ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި." އެކަމާ ގުޅޭގޮތުން ނެރުފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ރޮނާލްޑޯ އަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޗެރީޓީ ހަރާކަތްތަކުގައި އެންމެ ބޮޑަށް ހޭދަ ކުރާ އެތުލީޓެވެ. ދެހާސް ފަނަރަ ވަނަ އަހަރު އާންމު ކުރި ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގައި އެންމެ ގިނައިން ޗެރިޓީ ހަރަކާތަށް ފަންޑު ކުރާ އެތުލީޓްގެ ގޮތުގައި ރޮނާލްޑޯ ވަނީ ހިމެނިފަ އެވެ. އެ އަހަރު ނޭޕަލަށް އައި ބިންހެލުމުގައިވެސް ރޮނާލްޑޯ ވަނީ ފަސް މިލިއަން ޕައުންޑްގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އޭނާ ވަނީ 10 މަހުގެ ކުއްޖެއްގެ ސިކުނޑީގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އެހަރު، ސީރިޔާގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށްވެސް ރޮނާލްޑޯގެ ފަރަތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ފަލަސްތީންގައި، ކުޑަކުދިންނަށް ހާއްސަ ސްކޫލްތަކެއް އެޅުމަށްވެސް ރޮނާލްޑޯ ވަނީ އޭނާ އަށް ލިބުނު ބައެއް އެވޯޑްތައް އަގުބޮޑުކޮށް ވިއްކާލައި އެފައިސާ ހޭދަ ކޮށްފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު އިންޑޮނޭޝިއާގެ ސަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް އެރި ސްނާމީގައި، ހާލުގައި ޖެހުނު ކުޑަ ކުއްޖަކު، ރޮނާލްޑިގެ ޕޯޗްގަލްގެ ޖޯޒީއެއް ލައިގެން، ވީރާނާވެފައިވާ ސްމަޓްރާގެ ސަރަހައްދުގައި ހަރާކާތްތެރިވާ މަންޒަރުގެ ވީޑިއޯއެއް އާންމުވި އެވެ. ރޮނާލްޑޯ ފަހުން ވަނީ އެ ކުއްޖާ ޕޯޗްގަލް އަށް ގެންގޮސް އޭނާގެ އމިއްލަ ހަރަދުގައި ކިޔަވައިދީ، ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަންގެ ޓީމާ ގުޅުވާފަ އެވެ.