ފިނިޕޭޖް

އެވޯޑް ހަފްލާ ސިޔާސީވެ، ފަންނާނުންގެ ނުރުހުން

އަށް ވަނަ ގައުމީ ފިލްމު އެވޯޑްސް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި އިރު އެތައް އެވޯޑާއެކު އެއް ބަޔަކު އުފަލުން ރޮއްވާލި އެވެ. އަނެއް ބަޔަކު އަވަދިނެތި އުޅުނީ މަރުހަބާ އާއި ތަހުނިޔާ ފޮނުވުމުގަ އެވެ. ކޮންމެ އަކަސް އެވޯޑް ހަފްލާ ފުރިހަމަ ކަމަށް ނިންމާނެ ބަޔަކު ވެސް ތިބެދާނެ އެވެ. ފޫހި އަދި ދިގުދެމިގެންދިޔަ ޝައުގުވެރިކަން ނެތް ހަފްލާއެއް ކަމަށް ބުނާނެ ބަޔަކު ވެސް ތިބެދާނެ އެވެ.

އެ ހަފްލާއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ ހަފްލާގެ ކުރީ ސަފުން ސިޔާސީ ގިނަ ބަޔަކު ޖާގަ ހޯދާ އެވޯޑް ހަވާލުކުރަން ސިޔާސީ މީހުންނަށް ފުރުސަތު ދިނުމެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ހިމެނެ އެވެ.

މިކަމަކީ މިދިޔަ އަހަރު ވެސް ފަންނާނުން ވަރަށް ބޮޑަށް ފާޑުކީ ކަމެކެވެ. ބައެއް ފަންނާނުން ހިތްހަމަނުޖެހި އެވޯޑް ހަފުލާ ދޫކޮށްލާ ހިސާބަށް ދިޔަ އެވެ. ފިލްމީ ދާއިރާގެ އިސް ފަންނާނުންނަށްވުރެ ސިޔާސީ ބޭފުޅުންނަށް އެވޯޑް ހަފުލާގައި އިސްކަން ދިނުމަކީ ފަންނާނުން ގަޔާވާ ކަމެއް ނޫނެވެ.

އެކަމަކު އެ ކަންބޮޑުވުމަށް ޔޫތް މިނިސްޓްރީން އެއްވެސް ސަމާލު ކަމެއް ނުދޭކަން ހާމަވެގެން ދިޔައީ މި އަހަރު ވެސް ހަމަ އެގޮތަށް އެވޯޑް ހަފުލާ އިންތިޒާމް ކުރުމުންނެވެ. އެ ކަންކަން ވީ އެ ހަފްލާގައި ބައިވެރިވި ފަންނާނުންގެ ކަންބޮޑުވުމަކަށެވެ. އެ ފަންނާނުން ބުނީ އެފަދަ ޝަރަފުވެރި ހަފްލާއެއްގައި ސިޔާސީ މީހުންނަށް ގިނަ ފުރުސަތުތަކެއް ދިނުމަކީ އެވޯޑް ހަފްލާ ސިޔާސީ ވެފައިވާ މިންވަރު ދޭހަވާ ކަމެއް ކަމަށެވެ.

"މި ސަރުކާރުން ފިލްމީ މީހުންނަށޭ ކިޔާފަ މި ގޮތަށް އެވޯޑެއްގެ ނަމުގައި 2018 އަށް ކެމްޕެއިން ނުޖެހިޔަސް މާ ރަނގަޅުވާނެ ކަމެއް ނުކުރުން ވެސް، ރޭގަ އަމިއްލައަށް ލަދުގަތް ފިލްމީ ފަންނާނެއްގެ ހައިސިއްޔަތުން އެވޯޑްގައި ޕާފޯމްކުރަން ޖެހުނީތީވެ، މިހެން ބުނަން މި ޖެހުނީ އަމިއްލަ ބަޔަކު ވެގެން ހިންގި މިއަދު ކްރިސްޓަސް އެވޯޑްސްގައި ވެސް އަޅުގަނޑުމެން ޕާފޯމްކުރިން އެންޑް ސްޓިލް އައި ޕާސަނަލީ ސެލިއުޓް ދެމް، ދިވެހި ފިލްމީ ތަރިންނަކީވެސް އަގެއް ހުރި ބައެއްކަން އަންގައިދިނީތީ ފާތިމަތު ޖެނީއަށް ޝުކުރު އަދާކުރަން، އެކަމަކު ރޭގަ ދިވެހި ފިލްމު އެވޯޑްސް އަށެއް ހީވީ މަތިންބައިން ޖެހިގެން ނަށަން ގޮސް އުޅުނު ބައެއްހެން، ރޭގެ އެވޯޑް ދޭން އިއްޒަތުގައިވެސް އުޅުނީ ސަރުކާރުގެ ބޮޑުން، ފިލްމީ ފަންނާނުން ގޮނޑިއަށް ލީ ގޮތަށް ގޮނޑީގައި،" މަޝްހޫރު ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.

ފިލްމީ ތަރިންނަށް ރާއްޖޭގައި އެއްވެސް އަގެއް ދީފައި ނުވާކަންވެސް ބައެއް ފަންނާނުން ވަނީ ފާހަގަކޮށްފަ އެވެ.

"ފިލްމީ ފަންނާނުންނަކީ ހަމައެކަނި ނަމެއް، އެއްވެސް އަގެއް ނޯވޭ، ސިޔާސި މީހުން ދެއްކުންތެރިކަމަށް ވާހަކަ ދެއްކިއަސް ހަގީގަތުގައި އެމީހުން ފިލްމީ ތަރިން ޑިސްކްރިމިނޭޓް ކުރަނީ، އެވޯޑް ހަފްލާގައި ޔޫތު މިނިސްޓަރު ދިން ސްޕީޗް އިން ޑިސެޕޮއިންޓް ވި،" ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާހުރި ތަރި ދަރާ މުހައްމަދު ރަޝީދު ބުނެފައިވެ އެވެ.

އެވޯޑް ހަފްލާގައި އެވޯޑް ލިބޭ ފަންނާނުންނަށް އެވޯޑް ހަވާލުކުރުމަށް ގިނައިން ސްޓޭޖަށް ގޮވާފައިވަނީ ސިޔާސީ ބޭފުޅުންނަށާއި މިނިސްޓްރީގެ ސިޔާސީ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށެވެ. އެއް ބޭފުޅަކު ފަސް ހަތަރު ފަހަށް ވެސް ސްޓޭޖަށް އެރި އެވެ. އޭރު ފިލްމީ ދާއިރާގެ ގަދަރުވެރި އަދި ޒުވާނުން ގިނަ ތަރިން ވެސް އެތާ ތިއްބެވެ. އެއިން ތަރިޔަކަށް އެ ފުރުސަތު ނުދެ އެވެ. މިއީ އެއްވެސް ތަނެއްގައި ފިލްމް އެވޯޑް ބާއްވާ އުޅޭ ގޮތެއް ނޫނެވެ.

އެވޯޑް ހަފުލާގައި ބައިވެރިވަޑައިގެންނެވި ސިޔާސީ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)، ޔޫތު މިނިސްޓްރީގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ހިމެނެ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުވެސް ބައިވެރިވެ ވަޑައިގެން ބައެއް އެވޯޑުތައް ހަވާލުކުރެއްވި އެވެ. މޫސަ އަކީ އެތައް އަހަރެއް ވަންދެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވެ ގިނަބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އެހެން ނަމަވެސް ފިލްމީ ދާއިރާގައި ގިނަ ދުވަސްވީ، އަދި ބޮޑެތި މޫނުތަކެއް ހަފުލާއިން ނުފެނެ އެވެ. މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާފައި މި އަހަރު ދާން ބޭނުންނުވީ ކަމަށްވުން ވަރަށް އެކަށީގެންވެ އެވެ.

އެވޯޑް ހަފުލާގައި ޔޫތް މިނިސްޓަރު އިރްތިޝާމް އާދަމް ވަނީ ސިޔާސީ ސްޕީޗެއް ދެއްވާފަ އެވެ. ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ހިއްސާކުރައްވަމުން މިނިސްޓަރު ދެއްވި ސްޕީޗަކީ ކެމްޕެއިން ސްޕީޗެއް ކަމަށް ބައެއް ފަންނާނުން ސިފަކުރެ އެވެ. ދިގު އެހާމެ ފޫހި އެ ސްޕީޗް ފަންނާނުން ފާހަގަކޮށްފައިވަނީ އެއްވެސް އުއްމީދެއް ނެތް ސިޔާސީ ސްޕީޗެއްގެ ގޮތުގަ އެވެ. އެވޯޑް ހަފުލާއެއްގައި ދައްކަވަންޖެހޭ ވާހަކަތަކެއް ކަމަށް އެއީ ގަބޫލެއް ނުކުރެ އެވެ. އެކަން ވެސް ކެމްޕެއިނަކަށް ހެދުމަކީ ގޯހެއް ކަމަށް ފަންނާނުން ދަނީ ބުނަމުންނެވެ.