ފިނިޕޭޖް

ފިލްމް ކުޅޭތާ 20 އަހަރު، އަދި ކިރިޔާ އެވޯޑެއް!

ފިލްމީ ދާއިރާއަށް ނުކުތްތާ މަދު އަހަރެއްގެ ތެރޭގައި ބައެއް ތަރިން ގެއަށް ދަނީ އެވޯޑް ހަފްލާގެ ރާނީއަށް ވެގެން ތިން ހަތަރު އެވޯޑް ހިފައިގެންނެވެ. އަނެއްބައި ތަރިންނަށް އެވޯޑަކާ ހަމައަށް ވާސިލްވެވެނީ އެތައް ފިލްމެއް ކުޅެ އެތައް އަހަރެއް އެކަމުގައި ހޭދަ ކުރާ ފަހުންނެވެ.

އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއަކީ ޒީނަތު އައްބާސް އެވެ. ޒީނަތުގެ 20 އަހަރުވީ ފިލްމީ ކެރިއަރުގައި ގިނަ ފިލްމުތަކާއި ލަވަތަކެއް ކުޅެފި އެވެ. އެހާ ގިނަ ޑްރާމާވެސް އެބަހުއްޓެވެ. ގިނަ ފިލްމުތަކުން މޮޅު އެކްޓިންވެސް ދެއްކި އެވެ. ފިލްމީ ދާއިރާގައި އެއް ފެންވަރެއްގައި ހިފަހައްޓާލި އެއް ތަރި އަކީ ޒީނަތެވެ. ދެ ގޮތެއް ނުވެ އެހާ ދުވަހު އިންޑަސްޓްރީގައި ތިބި މަދު ތަރިންގެ ލިސްޓްގެ އެންމެ ކުރީގައި ޒީނަތުގެ ނަން ފަހާވާލެވެ އެވެ.

އަށް ވަނަ ގައުމީ އެވޯޑްސްގައި ޒީނަތުގެ ފުރަތަމަ އެވޯޑް ލިބުނީ އަހްޝާމް އިން ބެސްޓް ސަޕޯޓިިން އެކްޓްރެސްގެ އެވޯޑެވެ.

"ދެން އުންމީދު ކުރިން، އެކަމަކު އަނެއްހެން އެއަށް ޑިޕެންޑެއް ނުވަން، އެވޯޑް ސެރަމަނީގައިވެސް ބޭރަށް ނުކުމެލާ އެތެރެއަށް ވަދެލާ އެހެން އުޅުނީ، އެކަމަކު ނޮމިނޭޝަންތައް ކިޔަން ފެށީމަ ނިއުމާމެން ތިބެގެން ޒީނަތުގެ ފަހަރޭ ކިޔަން ފެށީމަ އެކްސައިޓްވި، ހީނުކޮށް ހުއްޓާ އެވޯޑް ލިބުނީ،" ފުރަތަމަ އެވޯޑާއެކު ކުރެވުނު އުފާވެރި އިހްސާސްތައް ހިއްސާކުރަމުން ޒީނަތު ބުންޏެވެ. "އަަޅުގަނޑު އަސްލު މަސައްކަތް ކުރަނީ އެވޯޑަކަށް ނޫން، ބެލުންތެރިންނަށް ކަމުދާ ކަހަލަ އެކްޓިން އެއް ދައްކާ ބެލުންތެރިންގެ ހިތްހަމަ ޖެހުނީމަ އަޅުގަނޑަށް އެ ނިމުނީ،"

ޓީވީއެމް އިން އުފެއްދި ލަވައެއްގެ މޭކަޕް ކުރަން ގޮސް އުޅެމުުގެ ތެރޭގައި މުޖޫ ޒީނަތުގެ އަތުގައި ހިފައިގެން ކެމެރާގެ ކުރިމައްޗަށް އަރުވާ ލަވަޔަކުން ފުރުސަތު ދިނީ އެވެ. ޒީނަތުގެ ފިލްމީ ހަޔާތް ފެށުނު ހިސާބަކީ އެއީ އެވެ.

ޒީނަތުގެ ފުރަތަމަ ލަވަ. --

އެންމެ ފުރަތަމަ އޭނާ ކުޅުނީ ރީކޯ މޫސާ މަނިކާ އެކު ލަވަ އެކެވެ. އެ ލަވަ އަކީ "އެދޭތީ ރީތި މޫނާ" އެވެ. އެއާ އެކު ޒީނަތުގެ ތަރި ފިލްމީ ދާއިރާގައި ފިޔަ ޖަހަން ފެށީ އެވެ.

އެއާ އެކު ފިލްމުތަކާއި ޑްރާމާތަކުން ޒީނަތަށް ފުރުސަތު ލިބެން ފެށީ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ "ކުށްވެރިޔާ" އެވެ.

ފިލްމީ ދާއިރާގައި ޒީނަތު މަޝްހޫރުވެފައިވަނީ ނެގެޓިވް ރޯލުތަކަށެވެ. ގިނަ ފިލްމުތަކުގައި އޭނާ ކުޅެފައިވަނީވެސް ނެގެޓިވް ރޯލެވެ. އެވޯޑް ލިބުނީވެސް އަހްޝަމްގައި އޭނާ ކުޅެފައިވާ ނެގެޓިވް ރޯލަށެވެ.

"މި ފުރުސަތުގައި މުޖޫއަށް އަދި އަޅުގަނޑުގެ ގާތް ރައްޓެހިންނާއި ފިރިމީހާއަށް އަދި ތިން ކުދިންނަށްވެސް ޝުކުރު އަދާކުރަން ބޭނުން، މިހާ ހިސާބަށް އަޅުގަނޑަށް އާދެވުނީ އާއިލާ އަދި ރައްޓެހިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން،" އުމުުރުން 39 އަހަރުގެ ބަތަލާ ބުންޏެވެ.