ސްޓާޑަ މަލްހާބަ ކާންގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ތާވަލުގެ އެއް ވަނައިގައި ނުވަ ޕޮއިންޓްގެ ލީޑަކާއެކު ޕީއެސްޖީން މި ސީޒަންގެ ފުރަތަމަ ހާފު ނިންމާލައިފި އެވެ.
ޔޫރަޕްގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ ހާފު ނިމެނީ އަހަރު ނިމެން ކައިރިވުމުންނެވެ. ފްރާންސްގެ ސީޒަންގެ ލީގްގެ ދެ ވަނަ ހާފް ދެން ފެށެނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ.
ރޭ ކުޅުނު މެޗުގައި އެންމެ ހާއްސަ ކުޅުންތެރިޔަކީ، އިއްޔަ އުފަން ދުވަސް ފާހަގަ ކުރި ޕީއެސްޖީގެ ފްރާންސްގެ ތަރި އެމްބަޕޭ އެވެ. އިއްޔަ މީ އޭނާ އަށް 19 އަހަރު ފުރުނު ދުވަހެވެ. އޭނާ ވަނީ ރޭގެ މެޗުގައި، ލަނޑު ޖަހައި، އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓްގައި އެންޑަސަން ކަވާނީ ކާމިޔާބު ކުރީ، އެމްބަޕޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެމްބަޕޭ އެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު 81 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޔޫރީ ބަރުޗީޗީ އެވެ.
ކާންގެ ޓީމުގެ ހަމަ އެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އީވާން ސަންޓީނީ އެވެ.
މި ސީޒަނަށް ވަރުގަދަ ކޮށްގެން ނިކުތް ޕީއެސްޖީ ން މި ސީޒަންގައި ބަލިވީ ދެ މެޗުންނެވެ. އެއީ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖް ފަހު މެޗުގައި ބަޔާން މިޔުނިކް އާ ދެކޮޅަށް ކުޅުނު މެޗުންނާއި ލީގްގައި ސްޓްރަސް ބާގް އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ޕީއެސްޖީ އެއް ވަނައިގައި އޮތީ 50 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މޮނަކޯ އާއި އޮލިމްޕިކް ލިޔޯނޭ އަށް ލިބިފައި ވަނީ 41 ޕޮއިންޓެވެ.