ވާހަކަ

މިންނުގެ ޑައިރީ

(19 ޑިސެމްބަރ 2017 އާ ގުޅޭ) -- ޑަކްޓަރަކާ ދެ ނަރުހުންނާއިއެކު ހައިކަލްއަށް ފަރުވާދިނުމުގައި ޔާނާ އެހީވަމުންދިޔައެވެ. ހައިކަލްއަށް ފެންނަހިސާބުގައި އެމީހުންކުރަމުންދިޔަ ކަންތައްތައް ބަލަން ޒޭން ހުއްޓެވެ. ރޭގަނޑު ބާރަ ޖަހަންވާއިރަށް ޒޭން ގެއަށް ފޮނުވުމަށް ޓަކައި ޖަމީލު އައިސް އެ ކޮޓަރިއަށް ވަނީ އެވަގުތުއެވެ. އޭނާ ހާސްވެ ކަންބޮޑުވުމާއެކު ޒޭންގެ ގާތަށް ޖެހިލިއެވެ. ޖަމީލުއަށް ޒޭން އެންގީ ހުސްނާއަށް އެ ޚަބަރު ގެން ގޮސް ދިނުމަށެވެ. އަދި ބައްޕަގެ ގާތުގައި މަޑުކުރާނީ އޭނާ ކަމުގައި ބުނެ ޖަމީލު ގެއަށް ފޮނުވާލިއެވެ.

ޑަކްޓަރުންގެ ބެލުމުގެ ދަށުން އެ މީހުން އަންގާ ގޮތަށް ނަރުސް ކުދީން ހަރަކާތްތެރިވަމުން ދިޔައެވެ. އެމީހުންގެ ކޮންމެ ހަރަކާތެއް ފެންނަ ހިސާބުގައި ޒޭނާއި ޔާނާ ތިއްބެވެ. ހައިކަލްގެ ނޭވާލުން ހުރި ގޮތާއި ހިތުގެ ހިނގުމާއި ލޮލުގެ ފެނުމުގެ އިތުރުން ލޭގެ ޕްރެޝަރ ޑަކްޓަރުން ބެލިއެވެ. ކަންބޮޑުވާންވީ ކަމެއް ނެތްކަމުގައި ޑަކްޓަރުން ބުނީ ޒޭނަށް ބަލާލަމުންނެވެ. ކޯމާއިން ހޭއެރި ނަމަވެސް ހައިކަލްގެ ހަށިގަނޑުގައި އިހު ހުރި ބާރެއް ނެތެވެ. އަމިއްލަ ބާރުގައި ތެދުވެ އިންނާނެހާ ވަރު ވެސް ހައިކަލްގެ ނެތެވެ. އެހެންނަމަވެސް އޭނާ ތެދުވަން ބޭނުންވެގެން އުޅޭހެން އެތަނުގައި ތިބި އެންމެންނަށް ވެސް ހީވިއެވެ. އެހެންވެ ނަރުސް ކުދީންނަށް ޑަކްޓަރު އިރުޝާދު ދިނީ ހައިކަލްގެ ބޯ އޮތްކޮޅުން އެނދު ކުޑަކޮށް އުސްކޮށްލުމަށެވެ. ނަރުސް ކުދީން ނުކުމެގެން ދިއުމާއެކު ޑަކްޓަރު އެނބުރުނީ ޒޭންއާ ދިމާއަށެވެ. ހައިކަލްގެ ހަށިގަނޑުގައި ހަރަކާތްތެރިވެ އުޅޭނެހާ ބާރު ނުހުންނާނޭތީވެ އެކަމަށް ޚާއްޞަ ކަސްރަތުތަކެއް ކުރާން ޖެހޭނެ ކަމުގައި ޑަކްޓަރު ބުނުއްވިއެވެ. ޚުދު ޒޭންއަކީ ވެސް ޑަކްޓަރެކެވެ. ވަކި ދާއިރާއަކަށް ޚާއްޞަވެފައި ހުއްޓެއްކަމަކު އޭނާއަށް ވެސް ކޮމާއަކުން ބަލިމީހާ ހޭލާއިރު ދިމާވާނޭ ހުރަސްތަކަކީ ކޮބާކަން އެނގެއެވެ. ފަހަރެއްގައި އެ ކޮޓަރިއަށް އެ ވަގުތު އައިސް ހުރި ޑަކްޓަރަށް ޒޭންއަކީ އެ ހޮސްޕިޓަލަށް އަލަށް ވަން ޑަކްޓަރެއް ކަމެއް ނޭނގެނީކަމަށް ވެދާނެއެވެ. ނޫނީ ކޮންމެހެން ވެސް ބަލިމީހާގެ ކަންކަން އޮޅުން ފިލުވައިދޭން ޖެހޭތީ ޑަކްޓަރުގެ ވާޖިބު އަދާކުރީ ކަމަށް ވެސް ވެދާނެއެވެ.

އެންމެންނަށް ވެސް ހީވާނީ ގަދަ ނިންޖެއްގައި އޮވެފައި ހައިކަލްއަށް ހޭލެވުނީ ހެނެވެ. އެކަމަކު އެއީ ގަދަ ނިންޖެއްނޫނެވެ. އެއީ ބިރުވެރި ކަންތައްތަކެކެވެ. ހައިކަލްގެ ދެ ލޯ މެރި ހަށިގަނޑުގެ ގުނަވަނެއް ތަޅުވާނުލެވިފައި އޮތްއިރު ވެސް އޭނާގެ ގާތުގައި އުޅޭ މީހުންގެ އަޑު އިވެމުންދިޔަކަމެވެ. އެ ގަދަ ނިދީގެ ތެރޭން އޭނާ ހޭލަން މަސައްކަތްކުރިއެވެ. އެންމެ ފަހު ނޭވާ އެ އެނދުގައި އޮވެ ދޫކޮށްލަން ޖެހިދާނޭތީވެ ކަންބޮޑުވިއެވެ. ދަރިފުޅު ޒޭންގެ މޫނު ދުށުމުގެ ކުރީން އެ ދަރިފުޅާ ވަކިވެދާކަށް ހައިކަލް ތައްޔާރެއް ނޫނެވެ.

ހައިކަލްއާއެކު ޒޭނާއި ޔާނާ އެކަނިވިއެވެ. އެ ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނީއެވެ. ދެން ބަލާލީ އެނދުގައި އޮތް ހައިކަލް އަށެވެ. ޔާނާ ލުއި ހިނިތުންވުމެއް ދިނެވެ. އަދި އަވަސް އަވަހަށް އެއްފަރާތުގައި ހުރި ސޯފާއާ ދިމާއަށް އައެވެ. އެ ތަނުގައި އޮތް ޔާނާގެ ފޯނު ނަގަމުން ބަލާލީ ޒޭނަށެވެ.

"އިޓްސް ރިއަލީ ލޭޓް... އައި ހޭވް ޓު ގޯ...ޑިއުޓީ ގަޑި ވެސް ނިމިއްޖެ. ބާއި... ގުޑްނައިޓް" މަޑުމައިތިރިކަމާއެކު ޔާނާ ބުންޏެވެ.

"ބަލާ އަންނާނެތަ؟" ޒޭނަށް އަހާލެވުނު ވަގުތު ޔާނާގެ ކަނާތުގައި އޮތް ފޯނު ދިއްލޭތަން ފެނިއްޖެއެވެ.

"ބައްޕަ!" ފޯނަށް ބަލާލާފައި ޔާނާ ބުނެލިއެވެ. އަދި ކޮޓަރީގެ ދޮރު ކައިރިއަށް ޖެހިލާ މަޑުމަޑުން ވާހަކަދެއްކިއެވެ. ފޯނުކޯލު ނިންމާލާފައި އަނެއްކާ ވެސް ޔާނާ އެނބުރުނީ ޒޭންއާ ދިމާއަށެވެ.

"ބަލާއަންނަން ވެގެން ބައްޕަ އެ ގުޅީ... އިރުކޮޅަކުން އަންނާނެ. ދަނީ..." ހައިކަލްގެ ކުރިމަތީގައި ޒޭންއާ ވާހަކަދައްކަން ޔާނާއަށް ފަސޭހައެއް ނުވިއެވެ. އެކިއެކި ޚިޔާލުތަކުން ޔާނާގެ ސިކުނޑިވަނީ ހާސްވެފައެވެ.

"އޯކޭ! ސީ ޔޫ ލޭޓާ" ޒޭންގެ އެ ބުނި އެއްޗެއް މުރާދަކީ ކޮބާކަން ޔާނާ ދެނެގަތެވެ. އޭނާ ނިދުމުގެ ކުރީން ޒޭނަށް އަންގާލުމެވެ. މަޑުމަޑުން ޔާނާ ބޯޖަހާލުމާއެކު ކުޑަކޮށް ހިނިތުންވެލިއެވެ.

"ބައްޕާ!..." ޔާނާ ނުކުމެގެން ދިއުމާއެކު ހައިކަލް ވާހަކަދައްކަން އުޅުމުން ޒޭން ގޮވާލިއެވެ. އެއްފަހަރާ ބުނާން ބޭނުންވާ ގިނަ ވާހަކަތަކެއް ހުރި ނަމަވެސް ހައިކަލްއަށް ވާހަކަދެއްކުން ފަސޭހައެއް ނުވިއެވެ. ކަރުތެރެ ހިކިފައިވާކަމުގެ އިހުސާސް ކުރެވުނެވެ. އަޑު ނުކުތުމުގައި އުނދަގުލެއް ހުއްޓެވެ. ޒޭން އައިސް ހައިކަލްގެ އެނދު ކައިރީ ހުރި ގޮނޑީގެ އަތްގަނޑުގައި ހިފާ ބޮޑަށް ކައިރިކޮށްލާފައި އިށީނެވެ.

"މިވަގުތު ބައްޕަ ކުރާން ބޭނުންވާ ކިތަންމެ ކަމެއް ހުންނާނެކަން އަޅުގަނޑަށް އެނގޭ. ބައްޕާ! އަޅުގަނޑު އިތުރުތަނަކަށް ދާކަށް ނޫޅެން. ބައްޕަގެ ގާތުގައި މި ހުރީ. ސޯ ޑޯންޓް ވޮރީ. ރިކަވާވާން ބައްޕަ މަސައްކަތް ކުރަންވީ. ޔޫ ޝުޑް ރެސްޓް. މާދަމާ ހަމަޖެހިލައިގެން ވާހަކަދެއްކިދާނެ" ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެސް ޒޭނަށް އައިސްފައި ހުރި ބަދަލު ހައިކަލްއަށް ފާހަގަވިއެވެ. އަނގައިން ނުބުނި ކަމުގައި ވިޔަސް އޭނާގެ ދެ ލޯ އެކަން ހާމަ ކުރިއެވެ. ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. އެހިނދު ދެ ލޯ ފުރި ބަންޑުންވީއެވެ.

"އިޓްސް އޯކޭ ޑޭޑް... އައި ނޯ... އައި ނޯ އެވްރިތިންގް... އެންޑް އިޓްސް އޯކޭ" ހައިކަލްއަށް ރޮވެމުންދިޔައިރު އެ މަންޒަރު ދުށުމަށް ޒޭންގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ތެދުވެލުމާއެކު ހައިކަލްގެ ކޮނޑުގެ ދެފަރާތުން ޒޭންގެ ދެއަތުން ހިފާ ގެނެސް ބައްދާލިއެވެ. ދެބަފައިންގެ ހިތުގައި ވެސް ވަނީ މިލްނާއެވެ. ދެބަފައިން ވެސް އެދެމުން ދިޔައީ މިއަދު އެމީހުންގެ ގާތުގައި މިލްނާ ހުރުމަށެވެ. މިލްނާ ނެތުމަކީ ދުވަހަކުވެސް ފިލައިގެން ނުދާނޭ ހުސްކަމެކެވެ. އެކަނިވެރިކަމެކެވެ. އެހެންނަމަވެސް މިއަދު އެދަބައިން ނޫނީ އެކަކު އަނެކަކުގެ ހާލު ބަލާނޭ އިތުރު ފަރާތެއް ނުވެއެވެ.

* * * * *

ހެނދުނުގެ ވަގުތެވެ. އެނދުގައި ކުރުކޮށްލައިގެން ބާއްވާފައި އޮތް ދެއަތުގެ ތެރޭ މޫނު ފޮރުވާލައިގެން ޒޭނަށް އޮތީ ނިދިފައެވެ. ހައިކަލްއަށް ހޭލެވުމާއެކު ދަރިފުޅަށް އުނދަގޫ ކުރާކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ޑަކްޓަރު ވަދެގެން އައުމާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލައި ގޮވާލަން ހައިކަލް އުޅުނެވެ. އެވަގުތު އޭނާގެ އަނގައިން އަޑު ނުކުތް ނަމަވެސް އަތް އުފުލާލުން ބުރަކަމަކަށް ވިއެވެ. އިނގިލިތައް ހަރަކާތްކޮށްލެވުނެވެ. ޑަކްޓަރާއެކު ހުރި ނަރުސް ކުއްޖާ ހިނިތުންވެލުމާއެކު ކުރިއަށް ޖެހިލާ ޒޭންގެ ކޮނޑުގައި ކޮއްޓާލިއެވެ. ހައިކަލްގެ ޗެކަޕް ގަޑިޖެހުނީކަން ލޯ ހުޅުވާލި ޒޭނަށް އެނގުނެވެ. އަވަސް އަވަހަށް އޭނާ ތެދުވެ އެނދާ ދުރަށް ޖެހިލިއެވެ.

ޑަކްޓަރު ބަލާފައި ހައިކަލްގެ ހާލު ރަނގަޅު ކަމަށް ބުނުއްވިއެވެ. ދިޔާ އެއްޗެހި ބޭނުން ކުރުމުގެ ހުއްދަ ދެއްވިއެވެ. އަދި މަޑުމަޑުން ކާއެއްޗެހި ދޭން ފަށަންވީ ކަމުގައި ވެސް ބުނުއްވިއެވެ. އެހެންވިޔަސް ކާއެއްޗެހި ދޭންވާނީ ވަކި އުސޫލަކުން ކަމުގައި ބުނުއްވިއެވެ. އަދި އެ ތަވާލު ނަރުހުންނާ ހަވާލު ކުރާނެކަމުގައި ވެސް ބުނުއްވިއެވެ. ފާޚާނާއަށް ދިއުމުގައާއި ކާއެއްޗެހި ދިރުވުމުގައި އުނދަގޫ ކަމެއް ހުރިތޯ ބަލަން ޖެހޭތީ ހޮސްޕިޓަލުން ދޫކޮށްލާނީ އެކަންކަން ބަލާފައިކަން ޒޭންގެ ގާތުގައި ޑަކްޓަރު ބުނުއްވިއެވެ. ރޭގައި އައި ޑަކްޓަރަށްވުރެ ހެނދުނު އައިސް ހުރި ޑަކްޓަރު ވާހަކަދެއްކި ޒޭންއަކީ ކާކުކަން އެނގި ހުރެއެވެ. ޒޭންގެ ނަމުން މުޚާޠަބު ކުރަމުންނެވެ. ޗެކަޕް ނިންމާފައި ޑަކްޓަރާއި ނަރުސް ކުއްޖާ ނުކުމެގެން ދިއުމުން އެނދުގެ ފައިލާ ކޮޅުގައި ހުރި ޒޭން ބަލާލިއެވެ.

"ބައްޕަ މިގަޑީގައި އެއްވެސް ކަމެއް ބޭނުންތަ؟ އަޅުގަނޑު ނިކަން އަވަހަށް އޮފީހަށް ވަދެލާފައި އެބައަންނަން" ޒޭން ބުނެލިއެވެ.

"ފެންފޮދެއް ބޭނުމީ. އިތުރުކަމެއް މިވަގުތު ބޭނުމެއްނޫން" ހައިކަލް އިނީ ސުވާލުގެ ނަޒަރަކުން ބަލާށެވެ. އޮފީހޭ ޒޭން ބުނުމުން ނަގަންވީ މާނަ ނޭނގޭތީއެވެ. އެހެންވިޔަސް ޒޭންގެ ގާތުން މިވަގުތު އޮޅުން ފިލުވަން ބޭނުންނުވީއެވެ.

ހައިކަލް އެދުނު ކަންތައް ކުރުމަށްފަހު ޒޭން އަވަސްވެގަތީ ހޮސްޕިޓަލުގައި އޭނާއާ ހަވާލުވެގެން ހުރި ޑިޕާޓްމެންޓް ހެޑްއާ ވާހަކަދައްކާށެވެ. އޭނާއާ ބައްދަލުކޮށް ބައްޕަގެ ހާލު ކިޔާދިނެވެ. ކުއްލި ހާލަތުގައި ނަގަން އޮންނަ ޗުއްޓީ ހަމަޖައްސައި ދިނުމަށް ޒޭން އެދުނެވެ. ބައްޕަގެ ހާލު ރަނގަޅުވެލަންދެން ބައްޕަގެ ޒިންމާ ނަގަން ޒޭން ބޭނުމެވެ. މިއަދު އެ ބައްޕަގެ އޭނާ ނޫނީ އެކަކު ވެސް ނެތެވެ. މަންމައަށް ޚިދުމަތް ކުރާނޭ ފުރުޞަތެއް އޭނާއަށް ނުލިބުނެއްކަމަކު އެ ފުރުޞަތު މިއަދު މިވަނީ ބައްޕައަށް ޓަކައި ހުޅުވިފައެވެ. ވީއިރު އެންމެ ފުރިހަމަ ގޮތުގައި ދަރިއެއްގެ ވާޖިބު އަދާކުރަން ޒޭން ބޭނުންވެއެވެ. ޒޭންގެ ޗުއްޓީ ހަމަޖެހޭނެ ކަމުގެ ޔަގީންކަން ލިބުނެވެ. އަދި މިއަދުގެ ވަގުތެއްގައި ޗުއްޓީ ހަމަޖެހުނު ކަމުގެ ލިޔުން މެއިލް ކުރެވޭނެކަން އެންގިއެވެ. އަދި މިއަދުން ފެށިގެން ޗުއްޓީ ހަމަޖައްސާނެތީވެ މިއަދު ޑިއުޓީއަށް ނުނިކުތަސް އެންމެ ރަނގަޅު ކަމުގައި ޒޭނަށް އެންގިއެވެ.

ހައިކަލްގެ ކޮޓަރިއަށް ޒޭން އައިސް ވަން އިރު އެ ތަނުގައި ހުސްނާ އިންތަން ފެނުނެވެ. އޭނާގެ މޫނުމަތިން ވެސް ހިނިތުންވުން ފެންނަން ހުއްޓެވެ. ޒޭން ވަނުމާއެކު ހުސްނާ ގޮނޑިން ތެދުވިއެވެ. ހީވީ ޒޭނަށް އެ ގޮނޑީގައި އިށީނުމަށް ފުރުޞަތު ދިނީ ހެނެވެ.

"ދައްތަ ގުޅީމަ ފޯނެއް ނުނަގަމެންނު. ރޭއްސުރެން ތި ހުރީ ހޭލާ. ދާންވީނު ނިދާލަން. ދައްތަ އިންނާނަން މި ތަނުގައި" ހުސްނާގެ އޯގާތެރި އަޑުން ބުނެލިއެވެ.

"ތެދެއް ޒޭން! ދެން ދޭ ގެއަށް. ހަމަޖެހިލައިގެން ފަހުން އާދޭ" ހައިކަލް ވެސް ހުސްނާގެ ވާހަކައަށް ބާރުދިނެވެ.

"ރޭގަ ނިދީމޭ... އައި އޭމް އޯކޭއޭ ބައްޕާ" ޒޭން ދާން ބޭނުންނުވީއެވެ.

"މިތާ އެނދުގަ ބޯއަޅައިގެން އޮވެ ނިދުމަކީ ނިންޏެއް ނޫނެއްނު. ޒޭން! ގެއަށް ގޮސް އަރާމުކޮށްލާފައި އާދެބަލަ. ބައްޕަ ބުނީމަ ދެން ޤަބޫލުކޮށްބަލަ" ހައިކަލް ކުރުނުކުރިއެވެ. ޒޭންގެ ދެތުންފަތް ޖައްސާ ބާރުކޮށްލި ގޮތުން ހީވީ އޭނާއަށް އިތުރު ގޮތެއް ނެތީއެވެ. އެހެންވެ އެންމެފަހުން ބޯޖަހާލާފައި ނުކުތީ ޑަކްޓަރު ދެއްކި ވާހަކަތައް ހުސްނާއަށް އޮޅުން ފިލުވައި ދިނުމާއެކު ކަމެއް ދިމާވެއްޖެނަމަ އޭނާއަށް ގުޅާށޭ ބުނެފައެވެ.

ކޮޓަރި ބަރީގެ ބޭރުގައި ހުރި ގޮނޑިބަރީގައި އިށީނދެ ޔާނާއަށް ޒޭން ގުޅާލިއެވެ. ރޭގައި ޔާނާ މެސެޖު ކުރުމުން ވެސް އޭނާއަށް ޖަވާބެއް ދެވޭގޮތް ވަނީ ނުވެފައެވެ. ޔާނާގެ މެންދުރު ފަސް ޑިއުޓީއަށް ވީމާ އޭނާ ދެން ފެންނާނީ ހަވީރުން ކަން ޒޭނަށް އެނގެއެވެ. ދެވަނަ ރިންގާއެކު ޔާނާ ފޯނު ނެގިއެވެ.

"ހޭލާތަ؟" ޒޭން އަހާލިއެވެ. އެއާއެކު ޔާނާ ހޫން ލައްވާލި އަޑު އިވިގެން ދިޔައެވެ.

"ސޮރީ! ރޭގަ ރެސްޕޮންޑް ނުކުރެވުނީ. މިހާރު މިދަނީ ގެއަށް ދާން. ތި ގެއާ ކައިރިކޮށްލައިފިއްޔާ އަހަންނަށް ފެނިލަން ނުކުންނާނަންތަ" ޒޭން އެދުނެވެ.

"މިގަޑީގަ؟ ދަތިވާނެ... މި ރެޑީ ވަނީ މަންމައާއެކު ތަނަކަށް ދާންވެގެން" ޔާނާ މިހެން ބުނުމުން ޒޭން ޤަބޫލުކުރިއެވެ.

"އޯކޭ! އަހަރެން ހަވީރު އައިސްފަ ޔާންއަށް ގުޅާނަން. އަންނަންވާނެ ބައްޕައާ މީޓް ކުރަން. އޮފިޝަލީ އަދި ބައްޕައާ މީޓެއް ނުވެއެއްނު"

"އޯކޭ ކޯލްމީ" ޔާނާ ހުރީ ތައްޔާރުވާން ކަމަށްވާތީ އޭނާ ފޯނުކޯލު އަވަސްއަރުވާލާފައި ކަނޑާލިއެވެ.

* * * * *

މެންދުރު ފަހު ޑީއުޓީއަށް އައި ޔާނާ މަޑުކޮށްގެން ހުރީ ޒޭން ގުޅާނޭ އިރަކަށެވެ. ހަވީރު ހަތަރުގަޑި ބައިކަން ހާއިރު ހޮސްޕިޓަލަށް ވަދެގެން އައި ޒޭން އައީ ހައިކަލްއަށް ބޭނުންވާނޭ ބައެއް އެއްޗެހި ހިފައިގެންނެވެ. އޭނާ އައިކަމެއް ޔާނާއަކަށް ނޭނގެއެވެ. ހައިކަލްގެ ކޮޓަރިއަށް އައިސް ވަން ޒޭންގެ އަތުގައި ހުރި އެއްޗެހި ދޮރުން ވަންނައިރު ކަނާއަތް ފަރާތުގައި ހުރި މޭޒުގެ މަތީ ބެހެއްޓިއެވެ.

"ހެދުން ބަދަލުކޮށްލާ ރީތިވެލަން ވީނު ބައްޕާ" ހިނިތުންވެލި ޒޭން ބުންޏެވެ. އޭރު އެތަނުގައި އިނީ ޖަމީލެވެ. ހުސްނާ މެންދުރު ގެއަށް ފޮނުވާފައި އައި ގޮތަށެވެ. ހައިކަލް ވަރަށް ބޭނުންވެފައި ހުރި ކަމެއްވީމާ އޭނާ ރީތިވެލަން އަވަސްވެގަތެވެ. ޖަމީލު ފޮނުވާލާފައި ހައިކަލްއަށް އެހީތެރިވާން ޒޭން ފެށިއެވެ. ބައްޕަ ގޮވައިގެން ފާޚާނާއަށް ވަނެވެ. ނުކުތް އިރު ހައިކަލްގެ ހެދުން އެޅުމުގެ ވައްޓަފާޅި ފާޅުވެގެންދިޔައެވެ. އޭނާ ހެދުން އެޅުމުގައި އެންމެ ގަޔާވާ ސެޓަކީ ޓީޝާޓާއި ސޯޓެވެ. ގަދަ ނޫކުލައިގެ ގިރުވާންހުރި ޓީޝާޓާއި ކަކުލުން ދެއިންޗިއެއްހާ ތަން މަތީގައި ހުރި ގޮޅި ޖަހާފައި ހުރި މުށިކުލައިގެ ސޯޓުގައި އެއީ ކުރީގެ ހައިކަލްކަން ދެނެގަންނަން މިހާރު އެނގޭނެއެވެ. ފުރޮޅުލީ ގޮނޑީގައި އެނދު ކައިރިއަށް ގެނެސް އެނދުގައި ހައިކަލް ބޭއްވީ ޒޭނެވެ.

"ބައްޕައާ ބައްދަލުކޮށްދޭން ބޭނުންވާ ކުއްޖަކު އެބަހުރި. މިވަގުތު ވަރަށް ގިނަ ވާހަކަދައްކަން ބޭނުންވެފައި މި ހުރީ" އެނދުގައި ހައިކަލް ހަމަޖެހިލުމުން ޒޭން ވާހަކަދެއްކިއެވެ.

"އެއީ މި ކޮޓަރީގައި ރޭގައި ޒޭންއާއެކު ހުރި އަންހެންކުއްޖާތަ؟ ނަރުސް ޔުނީފޯމުގަ" ހައިކަލްއަށް އެނގުނެއްކަމަކު ޔަގީންކުރަން ބޭނުންވި ކަހަލައެވެ. ޒޭން މަޑުމަޑުން ބޯޖަހާލިއެވެ.

"އެންމެ ރަނގަޅު! ތި ދެކުދީންނާ ބައްޕަ ވެސް ބައްދަލުކުރާން ބޭނުން" ހައިކަލްގެ ހިތުގައި އޮތް ގޮތް ހާމަކުރިއެވެ.

ޒޭން ކޮޓަރިން ނުކުމެ ޔާނާއަށް ގުޅާލިއެވެ. އަދި އޭނާ ފޯނުން ވާހަކަދެއްކުމަށްފަހު އެނބުރި އައިސް ހައިކަލް ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ. ޔާނާ އަންނާނެ އިރެއްގެ އިންތިޒާރުގައި ދެބަފައިން ތިއްބެވެ. ހައިކަލްގެ އެނދުގައި ދެއަތް އަޅުވާލައިގެން ފޯނާ ކުޅެން އިން ޒޭން ގަޑި ބަލާލިއެވެ. އިރުއޮއްސި ހަގަޑި ވިހި ހިނގީއެވެ. ފަސްއެނބުރި ދޮރާ ދިމާއަށް ބަލާލެވުނެވެ. ގިނައިރެއްނުވެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެއާއެކު ގޮނޑީގައި އިން ޒޭން ވަގުތުން ތެދުވެ ދޮރާ ދިމާއަށް އެނބުރިލިއެވެ. ވަދެގެން އައި ޔާނާ ފެނުމުން ޒޭންއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. އެކަމަކު ފިނިވެފައި ހުރި ޔާނާއަށް މާބޮޑަށް ހިނިތުންވެލާކަށް ނުކެރުނެވެ. އެނދުގައި އޮތް ހައިކަލްއާއި ކޮޅަށް ހުރި ޒޭނަށް އަވަސް ނަޒަރެއް އޭނާ ދިނެވެ.

ހައިކަލްގެ ހިކިފައިވި ދެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މަޑުމަޑުން ޒޭނަށް އަތް ދިއްކޮއްލެވޭތޯ މަސައްކަތްކުރިއެވެ. އެއާއެކު ޒޭން އަވަސް އަވަހަށް ހައިކަލް އުފުލާލަން އުޅުނު ވައަތްތިލާގައި އައިސް ހިފާލިއެވެ. ހާސްވެފައި ހުރި ޔާނާ މަޑުމަޑުން އިސްޖަހާލާ އަރައިގެން ހުރި ބޫޓަށް ނަޒަރު ހުއްޓާލިއެވެ. ހިމޭންކަން ނައްތާލަން ޒޭން ވާހަކަދައްކަން އުޅުނު ވަގުތު ޔާނާގެ ގާތުން ހައިކަލް އެދުނީ އޭނާއާ ގާތަށް އައުމަށެވެ. މިފަހަރު އޭނާ ހަރަކާތްކޮށްލަން އުޅުނީ ކަނާއަތެވެ.
"ޑިޑް ޖޯޝުއަރ ފެލްސް އިން ލަވް ވިތް މެރެޑިތް..." ޔާނާ އައިސް ހައިކަލްގެ އަތުގައި ޒޭން ފަދައިން ހިފާލުމުން ހައިކަލް އަހާލިއެވެ. އެއާއެކު ޔާނާ ހައިރާންވެ ދެ ލޯ ބޮޑުކޮށްލިއެވެ. ޒޭންއަށް ބަލާލާފައި އަލުން ހައިކަލްއަށް ބަލާލިއެވެ. ހަމައެވަގުތު ލަދުވެތިކަމާއެކު އިސްޖަހާލި ގޮތަށް ޔާނާއަށް ހެވިއްޖެއެވެ. އެ ހުނުމުން ޔާނާގެ ލޮލުން ކަރުނަ ނިރާލިއެވެ. ހައިކަލްއަށް ޖަވާބު ދިނުމުގެ ގޮތުން އާނއެކޭ ބުނުމަށް އަވަސް އަވަހަށް ޔާނާ ބޯޖަހާލިއެވެ. ހައިކަލް ވެސް ލޮލަށް ބޮނޑިވެގަތް ކަރުނައާއެކު ހީނލިއެވެ.

"ހީސް އަ ފޫލް ފޯރ ނޮޓް އެކްސެޕްޓިންގ ހާރ.... މެރެޑިތް ވޯސް ދި ވަން. އޯލްވޭޒް" ޔާނާ ހުނުމާއި ރުއިމުގެ ތެރެއިން ބުނެލިއެވެ. އެއީ ހައިކަލްގެ ގާތުގައި ޔާނާ ހޭދަކުރި ވަގުތުކޮޅުގައި ކުރި މަސައްކަތެވެ. ހައިކަލްއަށް އޭނަ ކިޔަން ގެންގުޅޭ ވާހަކަތައް ކިޔާދިނުމެވެ. ޖޯޝުއަރ އާއި މެރެޑިތްއަކީ އޭނަ އެންމެ ފަހުން ކިޔާދިން ވާހަކައިގައި އުޅޭ ދެލޯބިވެރިންނެވެ. އެ ދެ ލޯބިވެރިންނަކީ ވާހަކަ ފެށުނު އިރު އެކަކު އަނެކަކަށް އެންމެ މަތީ ދަރަޖައިގައި ނަފުރަތުކުރި ދެ މީހުންނެވެ. އެ ދެ ލޯބިވެރިންގެ ކޯޅުންތަކުގެ ވާހަކައާ މެދު ޔާނާގެ ޚިޔާލު ކިތަންމެ ފަހަރަކު ހައިކަލްއާ ޚިއްޞާކުރިއެވެ. އެހަނދާންތަކާއެކު ޔާނާގެ ހިތަށް އަސަރު ކުރީ މިންނުއެވެ. ހައިކަލްއާއި މިންނުއަކީ އެ ވާހަކައިގައި އުޅުނު ޖޯޝުއަރއާއި މެރެޑިތް ފަދަ ދެ ލޯބިވެރިންނެވެ. ހައިކަލް ވެސް ހާމަ އެ ކުރީ އެކަންކަމުގައި ޔާނާއަށް ހީކުރެވުނީ މިންނުގެ ހަޤީޤަތް އޭނާއަށް އެނގިފައި އޮތީމައެވެ.

"ދަރިފުޅުގެ ހާލު ނާހަން މިހިރީ ބައްޕައަށް ހުރިހާ ކަމެއް އެނގޭތީ؟ އެނގޭ ހުރިހާ ކަމެއް ތި ދެ ކުދީންނަށް އެނގިއްޖެކަން. ޒޭންގެ ހޮވުން ވަރަށް ވެސް ފުރިހަމަ. ބައްޕައަށް ވަރަށް ކަމުދޭ. ހެޔޮހިތުން ރުހެން ތި ދެ ކުދީންނާ" ޒޭންއަށް ބަލާލަމުން ހައިކަލް ބުނެލިއެވެ. މަންމަގެ ހަނދާނުން ބަޔާން ކުރަން ދަތި އަސަރެއް ކޮށްފައި ހުރި ޒޭން ކުޑަކަކޫ ޖަހާލުމާއެކު ހައިކަލްގެ އަތުގައި ބޮސްދިނެވެ. އަދި ނިތްކުރީގައި ހައިކަލްގެ އަތް ގެނެސް ޖައްސާލިގޮތަށް އޭނައަށް ރޮވިއްޖެއެވެ.

"އަޅުގަނޑަށް މާފުކުރޭ ބައްޕާ، އައިމް ރިއަލީ ސޮރީ، ވެރީ ސޮރީ... އެހެން ކަންތައް ކުރީ ގަޞްދުގައެއް ނޫން. އެއްވެސް ކަމެއް ނޭނގި ހުރެ ކުރެވުނު ކަމެއް އެއީ. މަންމަގެ ހިތުގައި ވަރަށް ޖެއްސުނު. މަންމަ ވަރަށް ރުއި... ވަރަށް އާދޭސް ކުރި. ފެށުނީއްސުރެން މަންމަ އަޅުގަނޑަށް ހުރިހާ ކަމެއް ކިޔައިދިންނަމަ. އައި ލަވް ހާ ސޯ މަޗް. ކީއްވެ ލޯބިނުވާންވީ؟ އެއީ އަޅުގަނޑުގެ މަންމައެއްނު. މަންމަދެކެ ލޯބިނުވާ ދަރިއަކު ނުހުންނާނެ. ބަޓް އައި ހޭވް ސިންޑް... މަންމައަށް ވަރަށް އެއްޗެހި ކީން. އެންމެ ފަހު ވަގުތު... ފަހު ވަގުތު ވެސް..." މަންމަ ދުށުމަށް ޒޭންގެ ހިތާއި ފުރާނަ ވެސް އެދެމުންދިޔައެވެ. ނުރޯން ހުރި ނަމަވެސް ޒޭނަށް ނުހިފެއްޓުނީއެވެ. މަޔަކާއި ދޭތެރޭ ދަރިއަކަށް ކުރެވޭނެ އެންމެ އިހާނެތިކޮށް ޒޭނަށް ވަނީ އޭނާގެ މަންމައާމެދު ކަންތައް ކުރެވިފައެވެ. (ނުނިމޭ)